ޚަބަރުސިޔާސީ

ބައި އިލެކްޝަނަށް ފޯރުވާ ނުފޫޒުތައް އީސީއަށް ހުއްޓުވެން ޖެހޭނެ: ރައީސް ޔާމީން

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނަށް ކޯލިޝަން ސަރުކާރުން ގާނޫނާ ހިލާފަށް ފޯރުވަމުންދާ ނުފޫޒުތައް އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުއްޓުވެން ޖެހޭނެ ކަމުގައި އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ޗެނަލް 13 ގެ އެންމެ ފުރަތަމަ ގައުމު ޕްރޮގްރާމުގައި މިރޭ ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، އީސީ އަކީ ގާނޫނު އަސާސީއިން ހާއްސަ މަސްއޫލިއްޔަތުތަކެއް ހަވާލުކޮށްފައި އޮންނަ މުއައްސަސާއެއް ކަމުގައެވެ. އިންތިހާބުގެ ކަންކަން ބެލެހެއްޓުމާއި، ކޮރަޕްޝަންގެ އަމަލުތަކެއް ހިނގާނަމަ، އެކަން ހުއްޓުވުމަކީ އީސީ އިން ކުރަންޖެހޭ ކަމެއް ކަމުގައި ޔާމީން ވިދާޅުވިއެވެ.

”އެއީ ހަމައެކަނި އެންޓި ކޮރަޕްޝަން ކޮމިޝަނުން ކުރަންޖެހޭ ކަމެއް ނޫން. އޭސީސީ މިވަގުތު މިވަނީ ހަމަ ހަގީގަތުގައިވެސް ޕެރެލައިޒް ކޮށްލާފަ. ހުރިހާ ކޮމިޝަނަރުން މަގާމުން ވަކިކޮށްފަ ދެއްތޯ އެވަނީ.“

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނާ ގުޅޭ މައްސަލަތަކެއް އިދިކޮޅުން އޭސީސީއަށް ހުށަހަޅާފައިވާކަން ފާހަގަކުރައްވައި ޔާމީން ވިދާޅުވީ އެ ކޮމިޝަން ގާނޫނީ ހުސްކަމެއްގެ ތެރޭގައި އޮތުމުން އެމައްސަލަ ބެލޭނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމުގައެވެ. އެކަމަކު ގާނޫނުގައި ކަނޑައަޅާފައި ހުރި ނުފޫޒުތަކެއް އިންތިހާބަށް ވަންނަ ކަމުގައި ވާނަމަ، އީސީއަށް އެކަން ހުއްޓުވެން ވާނެކަމަށް ގަބޫލުފުޅު ކުރައްވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި އިންތިހާބާ ދިމާކޮށް ސަރުކާރުން ހަރަދު ކުރާ ގޮތާއި، ދައުލަތުގެ ވަސީލަތްތައް ބޭނުންކުރާ ގޮތް ބަލަންޖެހޭ ކަމަށް ގަބޫލުކުރައްވަންތޯ ޗެނަލް-13 ގެ ނޫސްވެެރިޔާ ސުވާލު ކުރެެއްވުމުން ދެކޮމަންޑޫ ހިއްކުމުގެ މަސައްކަތް މިސާލެއްގެ ގޮތުގައި ނަންގަވައި ރައީސް ޔާމީން ވިދާޅުވީ ރައްޔިތުންނާ ގުޅުން ހުރި ކަންކަން ކުރުމަށް އެމަނިކުފާނު އަބަދުވެސް ތާއީދު ކުރައްވާކަމުގައެވެ. އެކަމަކު ބަޖެޓުގައި ނުހިމެނޭ މަޝްރޫއުތައް، އަންނަ އަހަރުގެ ބަޖެޓުން ފައިސާ ނެގުމަށް ޝަރުތުކޮށްގެން އެފަދަ ކަންކަން ކުރުމަކީ ގާނޫނާ ހިލާފް ކަމެއް ކަމުގައެވެ.

”ބަޖެޓުން ފާސްކޮށްގެން ނޫނީ ދައުލަތުގެ އެއްވެސް ހަރަދެއް ކޮށްގެން ނުވާނެކަމަށް ގާނޫނުގައި ބުނާއިރު، އަންނަ އަހަރުގެ ބަޖެޓުން ފައިސާ ދިނުމަށް ޝަރުތުކޮށްގެން ނުކުރެވޭނެ އެކަމެއް. ބަޖެޓުގަ ނެތް ކަމެއް އެއީ. ކެޕިޓަލް އެކްސްޕެންޑިޗަރ ބަޖެޓުގައި އޮތްކަމެއް ނޫން އެއީ އިނގޭތޯ. އަނެއްކާ މި އަންނަ އަހަރު ސަރުކާރުގަ ތިބޭނީ މި މީހުން ކަމެއްވެސް ނޭނގޭ.“ ޔާމީން ވިދާޅުވިއެވެ.

ސަރުކާރުން ކޮމަންޑޫ ދާއިރާއަށް ހަރަދު ކުރާގޮތާއި ގުޅޭގޮތުން ޔާމީން ވިދާޅުވީ ފައިސާ ހޯދަނީ ސީދާ ކިހިނެއްކަމެއް އެނގިވަޑައިނުގަތަސް އެކި ފަރާތްތަކުން ފައިސާގެ އެހީތެރިކަން އެމްޑީޕީއަށްވެސް ފޯރުކޮށްދޭނެ ކަމުގައެވެ. އޭގެ ތެރޭގައި އިންޑިއާ ސަރުކާރުވެސް ހިމެނޭނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެކަމަކު ދައުލަތުގެ ފައިސާ ނުވަތަ ގާނޫނާ ހިލާފަށް ފައިސާއެއް ހޯދާފައިވާނަމަ އެމައްސަލަ ބެލޭނީ މިނިވަންކަމާއެކު އޮޑިޓް ކުރެވޭނެ މާހައުލެއް ރާއްޖޭގައި ގާއިމްކުރެވުމުން ކަމުގައި ޔާމީން ވިދާޅުވިއެވެ.

ބައި އިލެކްޝަނާ ދިމާކޮށް ގާނޫނާ ހިލާފު ކަންކަން ސަރުކާރުން އިއުލާން ކުރާއިރު، އިދިކޮޅަށް ކޮމަންޑޫ ދާއިރާގެ ގޮނޑި ލިބިއްޖެނަމަ، ދާއިރާގެ ރައްޔިތުންގެ ކަންބޮޑުވުންތަކާއި، ސަރުކާރުން ކުރާ ގާނޫނާ ހިލާފް ކަންކަމުގެ އަޑު މަޖިލީހުގައި އިއްވޭނެކަމުގެ ޔަގީންކަން ރައީސް ޔާމީން ވަނީ ދެއްވާފައެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button