ޚަބަރު

ސަރުކާރުގެ އެންގުމަށް ދޫނިތައް މަރާލި މައްސަލައިގައި މުޒާހަރާ ކޮށްފި

ސަރުކާރުގެ އެންގުމަށް ދޫނިތަކެއް މަރާލި މައްސަލައިގައި މުޒާހަރާ ކޮށްފިއެވެ.

ދޫނިތަކަށް ލޯބިކުރާ ޒުވާނުންތަކެއް އިސްނަގައިގެން މާލޭގެ އާޓިފިޝަލް ބީޗު ސަރަހައްދުގައި މިއަދު ހަވީރު 16:00 އިން 18:00 އާ ހަމައަށް ވަނީ މުޒާހަރާ ކޮށްފައެވެ.

މި މުޒާހަރާގައި ބައެއް އާންމުން ވަނީ އެމީހުން ގެންގުޅޭ ދޫނިތައްވެސް ބައިވެރިކޮށްފައެވެ.

ގަވާއިދާ ހިލާފަށް ރާއްޖެ އެތެރެކުރި 130 އެއްހާ ދޫނިތަކެއް ހިފަހައްޓާފައި ބެހެއްޓުމަށްފަހު އެ ތަކެތި އިއްޔެ ފިޝަރީޒް މިނިސްޓްރީގެ އެންގުމަށް މަރާލި މައްސަލައިގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކޯލިޝަން ސަރުކާރަށް ވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައެވެ. އެގޮތުން ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީއަކީ  ތިމާވެށީގެ ޗެމްޕިއަނުން ކަމަށް ވަކާލާތު ކުރައްވާ ވެރިންތަކެއް ހިމެނޭ ޕާޓީއެއް ކަމަށާއި، އެމްޑީޕީ ވެރިކަމުގައި އޮވެ މިފަދަ ކަމެއް ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ދޫނި ގެންގުޅޭ ގިނަ ބަޔަކު ވަނީ ފާހަގަކޮށްފައެވެ.

މި މައްސަލައިގައި މިނިސްޓްރީން ބުނީ އެ ތަކެތި ނައްތާލީ އެޓާނީ ޖެނެރަލްގެ އޮފީހުގެ ލަފާ ހޯދުމަށްފަހު އޮންނަ އުސޫލުތަކުގެ ތެރެއިން ކަމުގައެވެ. އެކަމަކު އެޓާނީ ޖެނެރަލް އޮފީހުން ބުނާގޮތުގައި އެތެރެކުރި ދޫނިތައް މަރާލުމުގެ ބަދަލުގައި އަނބުރާ ފޮނުވާލުމުގެ ފުރުސަތު އޮންނާނެއެވެ. އަދި އެގޮތަށް އަމަލު ނުކުރީ މިނިސްޓްރީއިން ކަމުގައި އޭޖީ އޮފީހުން ބުންޏެވެ.

މިކަމާގުޅިގެން ރައްޔިތުންގެ މަޖިލީހުގައި ބަހުސްކޮށްފައިވާއިރު ދޫނި މަރާލި މައްސަލަ ބެލުމަށް ރައީސް ސޯލިހު ވަނީ ނިންމަވާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button