ވ.އާރަށުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް އުފުލާފައިވާ ދެ ދައުވާގެ ހުކުމް ކުރުން އަވަސްކޮށްފިއެވެ.
އެއީ ރިޝްވަތު ހިފުމުގެ ދައުވާ އަކާއި މަނީ ލޯންޑަރިންގެ ދައުވާއެކެވެ.
އެގޮތުން ރައީސް ޔާމީންގެ މައްޗަށް ރިޝްވަތުގައި ހިފުމުގެ ކުށުގެ ދައުވާ އުފުލައިފައިވަނީ އެމްއެމްޕީއާރްސީ މެދުވެރިކޮށް ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޔޫސުފް ނައީމްގެ ނަމުގައިވާ އެކައުންޓެއްގެ ޗެކަކުން އެއް މިލިއަން އެމެރިކާ ޑޮލަރު ދޫކޮށް، އެ ފައިސާ ރައީސް ޔަމީން ނެންގެވިކަމަށް ތުހުމަތުކޮށެވެ. ނައީމަކީ މި މައްސަލައިގައި ދައުވާ ރައްދުވާ ދެވަނަ ފަރާތެވެ.
މަނީ ލޯންޑާކުރުމުގެ ކުށުގެ ދައުވާ އުފުލައިފައިވަނީ ރައީސް ޔާމީން ނެންގެވިކަމަށް ދައުލަތުން ބުނާ އެއް މިލިއަން އެމެރިކާ ޑޮލަރު ޔާމީންގެ ނަމުގައި ހޮންގްކޮންގް ޝަންހާއީ ބޭންކިންގައި ހުންނަ އެކައުންޓަކަށް ޖާމާކޮށް، އޭގެ ފަހުން އެ ފައިސާ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގައި ހުންނަ އެމަނިކުފާނުގެ އެކައުންޓަކަށް ޖަމާކުރުމަށްފަހު އެ އެކައުންޓުގައިި ހުރި ފައިސާ ޔާމީންގެ ނަމުގައި އިސްލާމިކް ބޭންކުގައި ހުންނަ އެކައުންޓަކަށް ޖަމާކޮށް، އެ އެކައުންޓުގައި ކުރިން ހުރި ފައިސާތަކަކާ އެއްކޮށްފައިވާކަމަށް ތުހުމަތުކޮށެވެ.
މި ދައުވާތަކާއި ގުޅިގެން ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދާ އަޑުއެހުންތައް ތާވަލްކޮށްފައިވާ ގޮތަށް ބޮޑެތި ބަދަލުތަކެއް ގެނެސް އަވަސް އަރުވާލައިގެން ހުކުމް ކުރުމަށް މިހާރު ވަނީ ނިންމާފައެވެ. މިކަމާ ގުޅިގެން ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުން ކަންބޮޑުވުން ފާޅުކުރައްވާފައެވެ. މައިގަނޑު ސަބަބެއްގެ ގޮތުގައި ވަކީލުން ފާހަގަކުރެއްވީ ދިފާއުވުމަށް އެކަށީގެންވާ ވަގުތު ނުލިބޭނެކަމާއި، ގާނޫނުން މީހަކަށް ލިބިދޭ ދިފާއުވުމުގެ ހައްގަށް ހުރަސް އެޅިގެންދިޔުމެވެ.
ރައީސް ޔާމީންގެ އިސް ގާނޫނީ ވަކީލު އަދި ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލު މިރޭ ”ބޮންތި“ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެ މައްސަލައިގައި ޔާމީންގެ މައްޗަށް ހުކުމް ކުރުމަށް ޖޫން މަހުގެ 30 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ނިންމާފައިވާ ކަމުގައެވެ.
”ބައްލަވާ ހަމަ އެ ދުވަހު ރ.ފުއްގިރި މައްސަލައިގެ ގޮތެއް ނިންމައި ހުކުމް އިއްވުމަށްވެސް ވަނީ ނިންމާފަ. މިއީ ސީދާ ޖުޑިޝަރީއަށް ސަރުކާރުން ނުފޫޒު ފޯރުވުން.“ ޑރ.ޖަމީލް ވިދާޅުވިއެވެ.
އެކަމަކު ކުރިން އޮތް ގޮތުންނަމަ، މި މައްސަލަައިގެ ހުކުމް އޮންނާނީ މި އަހަރުގެ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުގައެވެ.
އަވަސް އަރުވާލައިގެން ކުއްލިގޮތަކަށް ޔާމީންގެ މައްޗަށް ހުކުމް ކުރަން ޝަރީއަތުން ނިންމިިއިރު، ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފުގެ މައްޗަށް ކުރާ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ދައުވާގެ ޝަރީއަތް ފަށާނީ ކޮވިޑްގެ ހާލަތު ރަނގަޅު ވުމުން ކަމަށް ކްރިމިނަލް ކޯޓުން މިމަހުގެ 26 ވަނަ ދުވަހު ވަނީ ބުނެފައެވެ.
ކްރިމިނަލް ކޯޓުގެ ނިންމުމާއި ގުޅިގެން ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެ ޖަމްއިއްޔާއިން ބުނިގޮތުގައި ކޯޓުން ގެންގުޅޭ އުސޫލުގައި ހާމަކަމެއް ނެތެވެ. އަދި އޮންލައިންކޮށް ވީޑިއޯ އާއި އޯޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީއަތްތައް ބޭއްވުމުގެ އުސޫލެއް ކްރިމިނަލް ކޯޓުން އާންމު ކޮށްފައި އޮތް އިރު އެއަށް އަމަލު ނުކުރާތީވެސް އެޖަމްއިއްޔާއިން ކަންބޮޑުވުން ފާޅުކުރިއެވެ. މީގެ އިތުރުން ސަރުކާރުގެ މަގާމެއްގައި ހުރި މީހެއްގެ މައްޗަށް ޕްރޮސެކިއުޓަރ ޖެނެރަލް ދައުވާ އުފުލައިފިނަމަ އެމީހަކު މަގާމުން ދުރުކުރާނެ ކަމަށް ރައީސް އޮފީހުން ކުރިން ހާމަކުރި ނަމަވެސް އެއަށް އަމަލު ކޮށްފައިނުވާތީ ޓްރާންސްޕެރެންސީން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
މީގެ އިތުރުން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ޔާމީންގެ ޝަރީއަތަށް ކެނޑިނޭޅި ނުފޫޒު ފޯރުވުމުންދާކަން އިދިކޮޅުން ފާހަގަކުރެއެއެވެ. އެންމެ ބޮޑު ތުހުމަތެއް ކުރަނީ ޖޭއެސްސީގެ ރައީސް އަދި މަޖިލިސް ރައީސް މުހައްމަދު ނަޝީދުގެ ކުރީގެ ވަކީލު ހިސާން ހުސެއިނަށެވެ.