ޚަބަރުސިޔާސީ

ކުރިން ލައިވް ކުރިނަމަވެސް ރައީސް ޔާމީންގެ ޝަރީއަތް ލައިވް ކުރާނެ ވަސީލަތް މިހާރު ނެތް!

އިދިކޮޅު ސިޔާސީ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ޝަރީއަތް ކުރިން ލައިވް ކުރި ނަމަވެސް އެމަނިކުފާނުގެ މައްޗަށް މިހާރު ކުރާ ޝަރީއަތް ލައިވް ކުރާނެ ވަސީލަތް ނެތް ކަމަށް އެ މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލު ވިދާޅުވެއްޖެއެވެ.

ގާޒީ ޝަކީލް މިހެން ވިދާޅުވީ ޓޫރިސްޓު ރިސޯޓެއް ތަރައްގީކުރުމަށް ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ މައްސަލައިގައި މިއަދު ހެނދުނު ކްރިމިނަލް ކޯޓުގައި ބޭއްވި އިބްތިދާއީ އަޑުއެހުމުގައެވެ.

ވ.އާރަށް ކުއްޔަށް ދޫކުރުމުގައި ރިޝްވަތު ނެންގެވިކަމަށާއި، މަނީ ލޯންޑަރ ކުރެއްވިކަމަށް ބުނެ ރައީސް ޔާމީންގެ މައްޗަށް ކުރާ ދައުވާގެ އިބުތިދާއީ އަޑުއެހުމުގައި ގާޒީ ޝަކީލް ވިދާޅުވީ އެ މައްސަލަ ލައިވްކުރުމަށް ބޭނުންވާ ވަސީލަތްތައް މިވަގުތު ކޯޓުގައި ހަމަޖެހިފައިނުވާކަމުގައެވެ. އެކަމަކު ވަސީލަތްތައް ހަމަޖެހި ލައިވްކުރެވޭނެ ގޮތެއް ވެއްޖެނަމަ ޝަރީއަތުން އެކަމަށް އެއްވެސް އިއުތިރާޒެއް ނުކުރާނެ ކަމުގައި ޝަކީލް ވިދާޅުވިއެވެ.

ޝަކީލު އެފަދައިން ވިދާޅުވި ނަމަވެސް މީގެ ކުރިންވެސް ކޯޓުގައި ރައީސް ޔާމީންގެ ޝަރީއަތްތައް ލައިވްކޮށް ކުރިއަށް ގެންދިޔަކަން އެމަނިކުފާނުގެ އިސް ގާނޫނީ ވަކީލު އަދި ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލު އަހުމަދު ވަނީ ފާހަގަކުރައްވާފައެވެ.

މިއަދު އޮތް އަޑު އެހުމުގައި މައިގަނޑު ގޮތެއްގައި ކުރިއަށް ގެންދިޔައީ ދައުވާ ހުށަހެޅުންކަމަށްވާއިރު، ދައުލަތުންވަނީ ރައީސް ޔާމީންގެ މައްޗަށް އުފުލައިފައިވާ ދެ ދައުވާ ވެސް ހުށަހަޅައިފައެވެ. އެގޮތުން ރައީސް ޔާމީންގެ މައްޗަށް ރިޝްވަތުގައި ހިފުމުގެ ކުށުގެ ދައުވާ އުފުލައިފައިވަނީ އެމްއެމްޕީއާރްސީ މެދުވެރިކޮށް ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޔޫސުފް ނައީމްގެ ނަމުގައިވާ އެކައުންޓެއްގެ ޗެކަކުން އެއް މިލިއަން އެމެރިކާ ޑޮލަރު ދޫކޮށް، އެ ފައިސާ ރައީސް ޔަމީން ނެންގެވިކަމަށް ތުހުމަތުކޮށެވެ. ނައީމަކީ މި މައްސަލައިގައި ދައުވާ ރައްދުވާ ދެވަނަ ފަރާތެވެ. އޭނާ ކޯވިޑް-19 އަށް ފައްސިވުމާ ގުޅިގެން މިއަދުގެ އަޑުއެހުމުގައި ބައިވެރިއެއް ނުވެއެވެ.

މަނީ ލޯންޑާކުރުމުގެ ކުށުގެ ދައުވާ އުފުލައިފައިވަނީ ރައީސް ޔާމީން ނެންގެވިކަމަށް ދައުލަތުން ބުނާ އެއް މިލިއަން އެމެރިކާ ޑޮލަރު އެ މަނިކުފާނުގެ ނަމުގައި ހޮންގްކޮންގް ޝަންހާއީ ބޭންކިންގައި ހުންނަ އެކައުންޓަކަށް ޖާމާކޮށް، އޭގެ ފަހުން އެ ފައިސާ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގައި ހުންނަ އެމަނިކުފާނުގެ އެކައުންޓަކަށް ޖަމާކުރުމަށްފަހު އެ އެކައުންޓުގައިި ހުރި ފައިސާ ރައީސް ޔާމީންގެ ނަމުގައި އިސްލާމިކް ބޭންކުގައި ހުންނަ އެކައުންޓަކަށް ޖަމާކޮށް، އެ އެކައުންޓުގައި ކުރިން ހުރި ފައިސާތަކަކާ އެއްކޮށްފައިވާކަމަށް ތުހުމަތުކޮށެވެ.

މި މައްސަލައިގައި ދައުލަތުން ދައުވާ ހުށަހެޅުމުން ގާޒީވަނީ ދައުވާ ސާފުވިތޯ ޔަގީންކުރުމަށް ރައީސް ޔާމީންގެ އަރިހުން ސުވާލުކުރައްވައިފައެވެ. ޖަވާބުގައި އެމަނިކުފާނު ވިދާޅުވީ ދައުވާތައް ސާފުނުވާކަމަށާއި، ވަކީލުންނާ މަޝްވަރާ ކުރުމަށްފަހު ސާފުނުވާ ކަންކަން ހިއްސާކުރުމަށް ފުރުސަތު ބޭނުންވާކަން ފާހަގަކުރައްވާފައެވެ.

ދައުވާ ސާފުވާނަމަ ދައުވާއަށް ޖަވާބުދާރީވުމަށް އަންނަ މަހުގެ 10 ވަަނަ ދުވަހު އަޑުއެހުމެއް ބޭއްވުމަށް ތާވަލުކުރުމަށްފަހު މިއަދުގެ އަޑު އެހުން ނިންމާލީއެވެ.

މި މައްސަލަ އެއްކޮށް ފައިސަލާކޮށް ނިންމައި ހުކުމާ ހަމައަށް މިއަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ވާސިލްވެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ބުނެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button