ޚަބަރުމުނިފޫހިފިލުވުން

ކަވާސާގެ 17 ވަނަ ލައިވް ޝޯވްގައި އިރާނުގެ ހުނަރުވެރި މިއުޒިޝަން ސިއަވާޝް ބައިވެރިވަނީ

ކަވާސާގެ 17 ވަނަ ލައިވް ވާޗުއަލް އޯޑިއޯ ގިގުގައި އިރާނުގެ ހުނަރުވެރި މިއުޒިޝަން އަދި އިންސްޓްރޫމެންޓަލިސްޓް ސިއަވާޝް އިސްމައިލީ ބައިވެރިވާގޮތަށް ހަމަޖެހިއްޖެއެވެ.

އޯޑިއޯ އެޕްލިކޭޝަނެއް ކަމަށްވާ ކްލަބްހައުސްގައި ރަޖިސްޓަރީ ކޮށްފައިވާ ރާއްޖޭގެ ކްލަބެއް ކަމަށްވާ ކަވާސާ އިން އިންތިޒާމްކޮށްގެން އާޓިސްޓުންނަށް އަމާޒުކޮށް ކޮންމެ އާދީއްތަ ދުވަހުގެ ރޭ ވިޔަފާރީގެ އުސޫލުން ބާއްވަމުން އަންނަ ގިގުގައި މިއީ ބޭރުގެ އާޓިސްޓަކު ބައިވެރިވާ ފުރަތަމަ ފަހަރެވެ.

ކަވާސާއިން ބުނީ އާދީއްތަ ދުވަހުގެ ރޭގެ ޝޯވް ކުރިޔަށް ދާނީ ދެބަޔަކަށް ބަހާލައިގެން ކަމުގައެވެ.

އެގޮތުން 22:00 އިން ފެށިގެން 22:50 އާ ހަމައަށް ޕާފޯމް ކުރާނީ އިރާނުގެ އާޓިސްޓު ސިއަވާޝް އެވެ. އޭނާ އަކީ ކްލެސިކަލް ޕޮޕް ޖޯންރާގައި ފާހަގަކޮށްލެވޭ މޮޅު އިންސްޓްރޫމެންޓަލިސްޓެކެވެ. މިއުޒިކް ކޮމްޕޯޒް ކުރުމާއި، އަލްބަމްތަކަށް ލައިވް އިންސްޓްރޫމެންޓް އަޅައިދިނުމާއި ބައިނަލްއަގުވާމީ ކޮންސަޓްތަކުގައި ސިއަވާޝް ވަނީ ބައިވެރިވެފައެވެ. އެގޮތުން ރަޝިއާ، އަޔަލެންޑް، އޮމާން، އިރާގު އަދި ތުރުކީ ފަދަ ގައުމުތަކުގައި ބޭއްވުނު ކޮންސަޓް ތަކުގައި ސިއަވާޝް ވަނީ ބައިވެރިވެފައެވެ.

30 އަށްވުރެ ގިނަ އަމިއްލަ ލަވަ ހަދާފައިވާ ސިއަވާޝް އަކީ އިރާނުގެ ކްލެސިކަލް އިންސްޓްރޫމެންޓެއް ކަމަށްވާ ސަންޓޫރު, ސެޓަރ ގެ އިތުރުން އަރަބިންގެ މެދުގައި މަގުބޫލު އިންސްޓްރޫމެންޓެއް ކަމަށްވާ އޫދު ކުޅޭ އާޓިސްޓެކެވެ. ތާރަ ޖެހުމާއި ޕިއާނޯ ކުޅުމަކީވެސް ސިއަވާޝްގެ ހުނަރުތަކެވެ. އަދި އޭނާ އަކި މިއުޒިކާއި ކްލެސިކަލް އިންސްޓްރޫމެންޓް ކިޔަވައިދޭ ޓީޗަރެކެވެ.

މި ޝޯވް އާއި ގުޅޭގޮތުން ކަވާސާގެ ސީއީއޯ މުހައްމަދު މާޖިޒު (މެޒޯ މޯޑު) ވިދާޅުވީ މިއުޒިކީ ދާއިރާގައި ސިއަވާޝް ފަދަ އުސްތާޒަކު ދިވެހި ކްލަބެއްގައި ލައިވްކޮށް ކުޅެލަން ޝައުގުވެރިކަން ފާޅު ކުރުމަކީ އެ ކްލަބަށާއި ދިވެހި އާޓިސްޓުންނަށް ލިބުނު ވަރަށް ބޮޑު އުފަލެއް ކަމުގައެވެ.

”އިންޓަނޭޝަނަލް އާޓިސްޓުންގެ ނަޒަރު ކަވާސާއަށް ހުއްޓުމަކީ ފާހަގަކުރަންޖެހޭ ކަމެއް. ސިއަވާޝް އަކީ މުޅިން ތަފާތު މިއުޒެކެއް ކުޅޭ ފަންނާނެއް. މިއީ ރަނގަޅު ތަޖުރިބާއަކަށް ވާނެ.“ މެޒޯ ވިދާޅުވިއެވެ.

17 ވަނަ ލައިވް ގިގުގެ ދެވަނަ ބައި ފެށޭނީ ހަމަ އެ ރޭގެ 23:00 ގައެވެ. އެއީ ކަވާސާގެ ރަސްމީ ޝޯވް އެވެ. އެގޮތުން 00:30 އާ ހަމައަށް ރާއްޖޭގެ 3 އާޓިސްޓަކު ލައިވްކޮށް ކަވާސާގައި ފޯރިގަދަ ލަވަތަކެއް ހުށަހަޅައިދޭނެއެވެ.

އެއީ މޯލްޑިވިއަން އައިޑަލްގެ ސީޒަން 1 އިން އާންމުންގެ ތެރެއަށް ތައާރަފްވި އިބްރާހީމް އަމާން އާއި، އައިޑަލްގެ 2 ވަނަ ސީޒަންގައި ބައިވެރިވި އަބްދުﷲ ހިޝާންގެ އިތުރުން އަމާންގެ ކޮށްކޮ އަދި އައިޑަލް ސީޒަން 3 ގައި ބައިވެރިވި މޫސާ އިޝާން (ކޮކީ) އެވެ.

ކަވާސާގެ ކޮންމެ ގިގަކީވެސް ސްޕޮންސަރޝިޕް އުސޫލުން ކުރިޔަށް ގެންދާ ޝޯވްތަކެކެވެ. އާންމުކޮށް 2 ނުވަތަ 3 ފަރާތަކުން ޝޯވްތައް ސްޕޮންސަރ ކުރާއިރު މިހާތަނަށް އެއް ފަރާތަކުން ވަނީ ޝޯވްގެ ސްޕޮންސަރޝިޕް ސްލޮޓެއް ނަގާފައެވެ. އެއީ ކާބޯތަކެތީގެ އައުޓްލެޓެއް ކަމަށްވާ ފުޑް ވައިބްސް އެވެ.

ފުޑް ވައިބްސް އަކީ އޭޝިއަން ކުއިޒިންގެ ތަފާތު ރަހަތަކާއި، ޕާސްތާ، ނޫޑްލުސް އަދި ރައިސްގެ އެކި ވައްތަރުގެ ކާއެއްޗެހި އުފައްދާ ބައެކެވެ. ހިލޭ ޑެލިވަރީގެ ހިދުމަތްދޭ ފުޑް ވައިބްސް އިން މާލެ އާއި ހުޅުމާލެއަށް އެ ހިދުމަތް ފޯރުކޮށްދެއެވެ.

މި ޝޯވް އިތުރަށް ސްޕޮންސަރ ކުރައްވަން ބޭނުންވާ ފަރާތްތަކުން ކަވާސާގެ މާކެޓިން ނަންބަރު 9767119 ނުވަތަ 7594405 އާއި ގުޅައިގެން ކުރިޔަށް ގެންދެވޭނެއެވެ.

ކަވާސާގެ ކޮންމެ ޝޯވް އަކީވެސް 450 އާއި 500 އާއި ދެމެދުގެ އޯޑިއެންސެއް އަޑު އަހާ ޝޯވްއެއްކަން ފާހަގަކޮށްލެވެއެވެ.

 

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button