ޚަބަރުސިޔާސީ

ތިން ސަރަހައްދެއްގައި ބޮން ހަރުކޮށްގެން އަޅުގަނޑު މަރާލަން އުޅޭކަމުގެ މައުލޫމާތު ސަރުކާރަށް އޮތީ ސާފުކޮށް އެނގިފަ: ރައީސް ނަޝީދު

މާލޭގެ ތިން ސަރަހައްދެއްގައި ބޮން ހަރުކޮށްގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން އުޅޭކަމުގެ މައުލޫމާތު ސަރުކާރަށް ސާފުކޮށް އެނގޭނަކަން އެމަނިކުފާނު ހާމަކުރައްވައިފިއެވެ. މިއަދުގެ މަޖިލިސް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު ”ގޮއްވާލަން“ މޭރީ ބްރައުން ކައިރިންނާއި، އަނބިކަނބަލުން ލައިލާ އަލީގެ ގެކޮޅު ކަމަށްވާ މ.ޔާގޫތުގެ ކައިރިންނާއި އަދި އެމަނިކުފާނުގެ ގެކޮޅު ކަމުގައިވާ ގ.ކެނެރީގޭ ކައިރިން އުޅުނު ކަމުގެ މައުލޫމާތު ލިބިފައިވާ ކަމުގައެވެ.

އެ ހުރިހާ މައުލޫމާތެއް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާއި ހިއްސާ ކުރެއްވި ކަމަށާއި 2021 ވަނަ އަހަރުގެ މެއި މަހުގެ 6 ވަނަ ދުވަހުގެ ރޭ 20:20 އެހާކަންހާއިރު، ކެނެރީގޭ ކައިރިން ނަޝީދަށް ދިން ބޮމުގެ ހަމަލާގެ ތަހުގީގުންވެސް އެކަން ސާފުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވިގޮތުގައި އެއީ ސާފުވާ މިންވަރަށް ސަރުކާރަށް އެނގެން ހުރި ކަންކަމެވެ.

ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާގެ ރޭވުން ފޮރުވުމަށް މަސައްކަތް ކުރައްވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) ކަމުގައި އެމަނިކުފާނު ވަނީ މީގެ ކުރިންވެސް ވިދާޅުވެފައެވެ.

އެގޮތުން މިދިޔަ އަހަރުގެ މެއި މަހުގެ 9 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް ނަޝީދު ފޮނުއްވެވި މެސެޖުގައި ވިދާޅުވީ އެ ހަމަލާގެ އަސްލު ފޮރުވުމަށް އަނދުން ހުސެއިން ސަރުކާރާ ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރެއްވި ކަމުގައެވެ. އެ އަށްފަހު ”އާރުކާޓީ“ ގެ ނަމުން ރައީސް ސޯލިހަށް އެމަނިކުފާނު އިޝާރާތް ކުރެއްވިއެވެ.

ބޮމުގެ ހަމަލާއަށް ދެ އަހަރު ވެގެންދިޔައިރު، އެ ހަމަލާއަށް ފަންޑު ކުރި މީހުން އަދިވެސް ނުހޯދެއެވެ. ސަރުކާރުން ބުނާގޮތުގައި އެއީ ބަޔަކު ފަންޑު ކޮށްގެން ދިން ހަމަލާއެއް ނޫނެވެ. އެއީ ނަފްރަތާ ރުޅިވެރިކަމުގެ ތެރެއިން ދިން ހަމަލާއެއްކަމުގައި ފުލުހުންގެ ތަހުގީގު ޓީމުން ބުނެއެވެ. އެކަމަކު ރައީސް ނަޝީދުގެ އާއިލާއިން އެކަން ގަބޫލެއް ނުކުރެއެވެ.

ނަޝީދު އަވަހަރާކޮށްލަން ހަމަލާއެއް ރާވަން އުޅޭކަން ހުޅުދޫ ދާއިރާގެ އެމްޑީޕީގެ ،މެންބަރު އިލްޔާސް ލަބީބު ވަނީ ހަމަލާގެ 2 ދުވަސް ކުރިން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީގެ ސަމާލުކަމަށް ގެނެސްފައެވެ. އެކަމަކު ނަޝީދުގެ ސެކިއުރިޓީ ވަރުގަދަކޮށްފައެއް ނުވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button