ޚަބަރު

މުހައްމަދު އިސްމާއިލް ވަނީ ފެެރޭމް ކޮށްފައި: ވަކީލު ޝާހް

ޕީޕީއެމްގެ ސެނެޓަަރު އަދި ކުރީގެ މަޖްލިސް މެންބަރު މުޙައްމަދު އިސްމާއިލް ވަނީ ފްރޭމްކޮށްފައި ކަމަށް އެބޭފުޅާގެ ވަކީލު ޢަލީ ޝާހް ވިދާޅުވެއްޖެއެވެ.

ޔޯގާ ހަރާތް ހުއްޓުވާލުމުގެ ތުހުމަތުގައި ހައްޔަރުކުރެވުނު ފަރާތްތަކުގެ ވަކީލުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޝާޙް ވިދާޅުވީ މުޙައްމަދު އިސްމާއީލް ވަނީ ފްރޭމްކޮށްފައި ކަމަށާއި އޭނާގެ މައްޗަށް ކުރާ އެއްވެސް ތުހުމަތެއް ސާބިތުކުރުމަށް ހެއްކެއް ނެތް ކަމަށެވެ.

ޝާހް ވިދާޅުވީ މުޙައްމަދުގެ މައްޗަށް ކޮށްފައިވާ ދައުވާތަކަށް ބަލާއިރު އެބޭފުޅާ ޓެރެރިޒަމްގެ އަމަލެއް ހިންގުމަށް ކުރި އެއްވެސް ކަމެއް ފުލުހުންނަކަށް ބުނެ ނުދެވޭކަމަށެވެ. އަދި  “ލޯފުލް އެސެންބްލީއެއް” “އަންލޯފުލް އެސެންބްލީ” އަކަށް ބަދަލުކުރުމަށް އޭނާ ކުރިކަމެއްވެސް ފުލުހުންނަށް ބުނެ ނުދެވޭ ކަމަށް ޝާހް ވިދާޅުވިއެވެ.

މީގެ އިތުރުން އެ މައްސަލައިގައި މުޙައްމަދުގެ މައްޗަށް ކުރާ ތުހުމަތަކުތަކަށް ބަލާއިރު އެއީ އޭނާގެ މައްޗަށް ހަރުކަށިކޮށް ގާނޫނު ހިންގާ އަދި ވަރަށް ނޭދެވޭ ގޮތަކަށް އޭނާ ފްރޭމްކޮށް ބަންދުކުރުމަށްޓަކައި ފުލުހުންގެ ފަރާތުން ތަކުރާރުކޮށް ކެނޑިނޭޅި ކުރަމުންދާކަމެއްގެ ގޮތުގައި ލޯޔަރު ޝާހް ފާހަގަކުރެއްވިއެވެ. މުޙަންމަދުގެ ބަންދުގެ މުއްދަތު އިތުރުކުރުމާއި ބެހޭގޮތުން ވިދާޅުވީ، ޖިނާއީ އާންމު އިޖުރާއަތަށް ބަލާއިރު މީހެއްގެ ބަންދުގެ މުއްދަތު އިތުރުކުރެވޭނެ ހާލަތްތައް ބުނެފަ އޮންނަ ކަމަށާއި މުޙައްމަދުގެ ބަންދުގެ މުއްދަތު އިތުރުކުރީ ގާނޫނާ ޚިލާފަށްކަމަށެވެ. ހަމަ އެހެންމެ ކްރިމިނަލް ކޯޓުން އެކަން ކޮށްފަ އޮތް ގާނޫނީ ހަމައަކީ ކޮބައިތޯ ދެނެގަތުމަށްޓަކައި، އެ ކޯޓުން އެންމެ ފަހުން ނެރުއްވާފައިވާ ކޯޓު އަމުރު އިސްތިއުނާފް ކުރުމަށް ހޯދަން ބެލިއިރު، އަދިވެސް އެ އަމުރު ލިބިފަނުވާ ކަމަށާއި، އަދި ފުލުހުން މެދުވެރިކޮށްވެސް އެ ކޯޓު އަމުރު ހޯދުމަށްކުރި މަސައްކަތް ނާކާމިޔާބުވެފައިވާ ކަމަށް ޝާހު ވިދާޅުވިއެވެ.

ޝަރީއަތުގައި މުޙައްމަދު ވަނީ ފުލުހުން ކުރާ އެއްވެސް ތުހުމަތެއް ނުކުރާ ކަމަށް އަދި އެއްވުމުގައިވެސް ބައިވެރިނުވާ ކަމަށް މާތްﷲ ގަންދީ ހުވާކޮށްފައެވެ. އެހެން ނަމަވެސް ފުލުހުން މި މައްސަލައިގައި ތުހުމަތު ކުރަނީ މުޙައްމަދު އެ އެއްވުން ރާވާ ހިންގުމުގައި އިސްކޮށް ހަރާކާތްތެރިވިކަމަށެވެ. އެހެން ނަމަވެސް މިކަން ހާމަކޮށްދޭ އެއްވެސް ހެއްކެއް މިހާތަނަށް ފުލުހުންނަށް ދެއްކިފައެއް ނުވެއެވެ.

މިދިޔަ މަހުގެ 21 ވަނަ ދުވަހު އިންޑިއާ ހައިކޮމިޝަނާއި، އިންޑިއަން ކަލްޗަރަލް ސެންޓަރު އަދި ޔޫތް މިނިސްޓްރީއިން ގުޅިގެން ކުރިއަށްގެންދިޔަ ޔޯގާ ހަރަކާތް ހުއްޓުވާލުމަށް ގިނަ އަދަދެއްގެ ބަޔަކު ވަނީ ގަލޮޅު ދަނޑަށް ވަދެފައެެވެ.

މި މައްސަލައިގައި 21 މީހަކު ހައްޔަރު ކުރެވުނު އިރު، މީގެ ތެރެއިން މިހާތަނަށް ދޫކޮށްލާފައިވަނީ 02 މީހެކެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button