ކޮލަމްސިޔާސީ

ކޮލަމް އަބާން: އަހަރެންގެ ނަޒަރުގައި ކޮމަންޑޫ ދާއިރާގެ އިންތިހާބު

މިދުވަސްކޮޅަކީ އަނެއްކާވެސް ސިޔާސީ ފޯރި އުތުރި އަރައިފައިވާ ދުވަސްކޮޅެކެވެ. ކޮމަންޑޫ ދާއިރާ ތަމްސީލު ކުރެއްވި މެންބަރު ދެމިއޮތުމުގެ އާލަމަށް ދަތުރު ކުރެއްވުމާއެކު އެދާއިރާގެ ބައި އިލެކްޝަނަށް ޕާޓީ ތަކުން އަންނަނީ ވަރަށް ވެސް ބޮޑަށް ތައްޔާރުވަމުންނެވެ.

މި އިންތިހާބުގައި ވާދަކުރެއްވުމަށް 3 ކެނޑިޑޭޓަކު ވަނީ ނަން ހުށައަޅުއްވާފައެވެ. އެއީ ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ކެނޑިޑޭޓް މުހައްމަދު ރާޝިދު (ރާޑޯ) ، އިދިކޮޅު ސިޔާސީ ޕާާާޓީ ޕީޕީއެމްގެ ކެންޑިޑޭޓް އުސްތާޒް މޫސާ ފަތުހީ އަދި އެންމެ ފަހުން އުފެއްދި ޕާޓީ އެމްއެންޕީގެ އަބްދުލް ހަންނާނެވެ.

ސަރުކާރުން ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވަނީ ؟

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނާއި ދިމާކޮށް ސަރުކާރުން އަންނަނީ އެދާއިރާގެ ރަށްތަކުގައި ބާރު ދުވެލީގައި ތަރައްގީގެ މަޝްރޫއުތަށް ހިންގަން ފަށައިފައެވެ. ކޮމަންޑޫއަށް ބޯޅަ ދަނޑެއް މުހިއްމުކަން ސަރުކާރަށް އިހުސާސް ކުރެވުނީ އިލެކްޝަން ބޯމަތިވުމުންނެވެ. ބަޖެޓުން ބޭރުގައި ދެކޮމަންޑޫ ގުޅުވައިލުމުގެ މަސައްކަތްވެސް ސަރުކާރުން މިވަނީ ފަށައިފައެވެ. އެންމެ ފަހުން އިންތިހާބަށް 10 ދުވަހަށް ވެފައިވަނިކޮށް އަޑުއިވިގެންގޮސްފައި މިވަނީ ކޮމަންޑޫއަށް އެންބިއުލާންސެއް ގެންދިޔަ ވާހަކައެވެ. މިނޫންވެސް އެކިއެކި މަޝްރޫއުތަށް ސަރުކާރުން ވަނީ މިދާއިރާގައި ފަށައިފައެވެ. އެހެންނަމަވެސް މިއީ އިންތިހާބާ ދިމާކޮށް ހިންގާ މަޝްރޫއުތަކެއް ނޫންކަމުގައި ސަރުކާރުން ބުނެއެވެ.

ސަރުކާރު ކޯލިޝަން ރާޑޯ ފަހަތުގައި!

2018 ވަނަ އަހަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ގެނައުމަށްޓަކައި އޭރުގެ އިދިކޮޅު ފަރާތްތަކުން އުފެއްދި ކޯލިޝަނުގެ ގިނަ ޕާޓީތަކުން ވެސް އެމްޑީޕީގެ ކެނޑިޑޭޓް ރާޑޯ އަށް ތާއީދު ކުރާކަން ވަނީ ހާމަކޮށްފައެވެ. އަދާލަތު ޕާޓީން ވަނީ ރާޑޯއަށް ތާއީދު ކުރާކަމުގައި ބުނެފައެވެ. އަދި ހައި ރިސްކު ބޭފުޅަކަށް ވުމުން މަގާމުގެ މައްސޫލިއްޔަތު އަދާނުކޮށް ހުންނެވި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމްވެސް ރާޑޯގެ ކެންޕޭނުގައި ބައިވެރިވެވަޑައިގަންނަވާނެކަން މިވަނީ ހާމަކުރައްވާފައެވެ. ގާސިމް އެކަންޏެއް ނޫނެވެ. ނައިބް ރައީސް ފައިސަލް ނަސީމް އަދި ސަރުކާރުގެ ގިނަ ވަޒީރުންވެސް ޑިފެންސަށް ފައިބަވަޑާގަންނަވާ ރާޑޯގެ ކެންޕޭނުގައި ވަނީ ބައިވެރިވެފައެވެ.

އެމްޑީޕީގެ އިސްވެރިންގެ ފަރާތުން ބޭއަދަބީ ބަސްތަކެއް! 

އިންތިހާބުގައި ވާދަކުރާ 3 ކެނޑިޑޭޓުންގެ ކެންޕޭން ވެސް ވަރަށް ފޯރިއާއެކު ކުރިއަށް އެބަދެއެވެ. އެހެންނަމަވެސް ވެރިކަންކުރާ މައިޕާޓީ އެމްޑީޕީގެ އިސްވެރިންގެ ކިބައިން ފެނިގެންގޮސްފައިވަނީ ފެނިގެން ނުވާނެ ފަދަ އަމަލެކެވެ. ވާދަވެރިންގެ މައިންބަފައިންނާ ބެހުމަކީ ސިޔާސީގޮތުންވެސް ބަލައިގަނެވޭނެ ކަމެއް ނޫނެެވެ.

65 މެންބަރުންނަށް ނުކޮށްދެވުނުކަމެއް 1 މެންބަރަކަށް ކޮއްދެވޭނެހެއްޔެވެ؟ 

އެމްޑީޕީގެ ކެންޕޭން ޖަލްސާތަކުގައި އެންމެ ގަދަޔަށް އަޑުއިވޭ އެއް ވާހަކައަކީ ރައްޔިތުންނަށް ހައްގުތަށް ކަށަވަރުކޮއްދޭނެ ވާހަކައެވެ. ރައްޔިތުންނަށް ހައްގުވާމިންވަރު ހޯދައިދޭނެ ވާހަކައެވެ. ރައްޔިތުންގެ ބޭނުންތައް ފުއްދައިދެވޭނީ އެމްޑީޕީގެ ކެނޑިޑޭޓަކު ހޮވައިގެންކަމުގައި އެމީހުން ބުނެއެވެ. އަހަރެންގެ ހިތުގައި އުފެދެނީ ހަމަ އެންމެ ސުވާލެކެވެ. މަޖިލީހުގައި 65ގެ ސުޕާރ މެޖޯރިޓީއެއް އޮތްއިރު ތިޔަ ބުނާ ހައްގުތަށް ކޮބާބާވައެވެ؟ އެހައްގުތަށް ކަށަވަރު ކޮއްދެވުނު ނަމަ މިއަދު އެހައްގުތަށް ނުލިބިގެން އެވާހަކަ ދައްކާކަށް ނުޖެހޭނެއެވެ.

އަހަރެންގެ ނަޒަރުގައި ނަތީޖާ ނުކުންނާނެގޮތް!

މި އިންތިހާބުގައި ވާދަކުރާ 3 ކެނޑިޑޭޓުނގެ ތެރެއިން އިންތިހާބު ކާމިޔާބު ކުރާނެކަމަށް އަހަރެންނަަށް ގަބޫލުކުރެވެނީ އިދިކޮޅު ޕީޕީއެމްގެ ކެނޑިޑޭޓް މޫސާ ފަތުހީއެވެ. ސަބަބަކީ ޕީޕީއެމްގެ ސިޔާސީ ހަރަކަތްތަށް އެހެން ޕާޓީތަަކަށްވުރެ މިހާރު ވަރުގަދަ ވެފައިވުމެވެ. ރައީސް ޔާމީން މިނިވަންވުން އެއީ ސަބަބު ކަމުގައި ވެދާނެއެވެ. މީގެ އިތުރުން ލާދީނިއްޔަތާއި ހަރުކަށި ފިކުރުން މިގައުމު ސަލާމަތް ކޮށް މިގައުމުގެ އިގްތިސާދު ހަމަ މަގަށް އެޅުވޭނީ ޕީޕީއެމަށް ކަމުގައި ގިނަ ބަޔަކު ގަބޫލުކުރާތީއެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button