ޚަބަރުސިޔާސީ

ޗާގޮސް މައްސަލައަށް ”ފަސް“ އެޅުމުގެ މަސައްކަތް ސަރުކާރުން ފަށައިފި

ދިވެހިރާއްޖޭގެ ކަނޑުގެ އިޤުތިޞާދީ ޚާއްޞަ ސަރަޙައްދުން ބައެއް ގެއްލުމުގެ ސަބަބުން ސަރުކާރަށް ފާޑުކިޔުން އަމާޒުވެފައިވަނިކޮށް އެކަމުގެ ފޯކަސް ގެއްލުވާލުމަށް ސަރުކާރުން އެކި ދާއިރާތަކުގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމާއި، ހިޔާ ފްލެޓް ކުލި ކުޑަކުރުންފަދަ ކަންކަން ކުރުމަށް ތައްޔާރުވެއްޖެއެވެ.

މިގޮތުން ރައީސް އިބްރާހިމްގެ ސަރުކާރުން ފަންޑުކުރާ ނޫސްތައް މެދުވެރިކޮށް، ޗާގޯސް މައްސަލައިގައި ރާއްޖެއަށް ލިބުނީ ކާމިޔާބީއެއްކަން ރައްޔިތުންނަށް ވިސްނައިދޭން މަސައްކަތް ކުރުމާއިއެކު، ހިޔާ ފުލެޓުގެ ކުއްޔަށް ސަރުކާރުން ގެންނަން ނިންމި ބަދަލު މީޑިއާތަކަކަށް ހިއްސާކޮށް އަދި ސިއްޚީ ދާއިރާ އާއި ފުލުހުންނާއި، ސިފައިންގެ މުސާރަ ބޮޑުކޮށްދޭނެ ކަމުގެ ސުރުޚީތައް މީޑިއާތަކުގައި ދައުރުކުރަން ފަށައިފިއެވެ. މިކަން ފަށާފައިވަނީ ދިވެހި އިޤުތިޞާދީ ސަރަޙައްދުން ބޮޑު ބައެއް އުނިވާގޮތަށް ދިވެހި ސަރުކާރުން ވަކާލާތުކޮށްގެން އިންޓަނޭޝަނަލް ޓްރައިބިއުނަލް އޮން ދަ ލޯ އޮފް ދަސީސް (އިޓްލޮސް)އިން ނިންމި ނިންމުމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވެފައިވަނިކޮށެވެ.

ރިޔާސީ އިންތިޚާބު ބޯމަތިވާން ފެށުމާއެކު، ސަރުކާރުން ހިޔާ ފުލެޓުތަކުގައި ދިރިއުޅޭ ފަރާތްތަކާ ބައްދަލުކޮށް ކުލި ކުޑަކޮށްދޭނެކަމުގެ ޔަގީންކަންދީ ހިޔާގެ ކުލި 5،300 ރުފިޔާއަށް ކުޑަކުރާނެކަމަށް ވަނީ ބުނެފައެެވެ. އެހެންނަމަވެސް ކުރީގެ ރައީސް ޢަބްދުﷲ ޔާމީނުގެ ވެރިކަމުގައި ބިނާކުރި ހިޔާ ފުލެޓުތައް އޭރު ސަރުކާރުން ކުއްޔަށް ދޫކުރަން ނިންމާފައި އޮތީ މެއިންޓެނެންސް ފީއާ އެކު 6،500 ރުފިޔާއަށެވެ. ނަމަވެސް ސަރުކާރު ބަދަލުވެ ރައީސް އިބްރާހިމްގެ ސަރުކާރުންވަނީ ހިޔާ ފުލެޓުގެ ކުލި މެއިންޓެނެންސް ފީއާއެކު 8،000ރ. އަށް ބޮޑުކޮށްފައެވެ. އޭރު މިއަގު ކުޑަކުރުމަށް ގޮވާލުމާއެކު ސަރުކާރުން ބުނީ އަގު ކުޑަކޮށްފިނަމަ ސަރުކާރަށް މިލިއަނުން ގެއްލުންވާނެކަމަށެވެ. އެހެންކަމުން މިއީ ހިޔާ ފްލެޓް ކުލި ކުޑަކުރުން ނޫން ކަމަށާއި، އެއީ އަސްލު ފްލެޓުތަކުގެ އަގަށް ރުޖޫއަކުރުން ކަމަށް އާންމުން ދަނީ ބުނަމުންނެވެ.

ޗާގޯސް މައްސަލައިގެ ފާޑުކިޔުމުން ސަލާމަތްވުމަށާއި ރިޔާސީ އިންތިޚާބަށް ނުފޫޒު ފޯރުވުމަށް ރައީސް އިބްރާހިމްގެ ސަރުކާރުން ދަނީ ކުރިން ނުކުރެވޭނެކަމަށް ބުނަމުން އައި އެތައްކަމެއް ކުރާނެކަމުގެ ޔަގީންކަން ރައްޔިތުންނަށް ދީ އެކަންކަން އިއުލާނު ކުރަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button