ޚަބަރުސިޔާސީ

މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާނެ ބޭފުޅެއް ނެތި މިއަދުގެ ޖަލްސާ ކުރިއަށް ނުގެންދެވުނު

ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާނެ ބޭފުޅެއް ނެތުމާ ގުޅިގެން މިއަދުގެ މަޖިލިސް ޖަލްސާ ކުރިއަށް ނުގެންދެވި ހުއްޓާލައިފިއެވެ.

މަޖިލީހުގެ ނައިބު ރައީސް އީވާގެ އިތުބާރުނެތް މައްސަލަ ތާވަލު ކުރެވިފައިވާ މިއަދުގެ ޖަލްސާ ފެށިގެން ދިޔައިރުވެސް ރިޔާސަތު ބަލަހައްޓަވަން އެއްވެސް ބޭފުޅަކު ހާޒިރުވެވަޑައިގެންފައެއް ނުވެއެވެ.

ރިޔާސަތުގައި ބޭފުޅަކު ނެތުމުން މަޖިލީހުގެ އަމީން އާންމު ވިދާޅުވީ މަޖިލީހުގެ ނައިބުރައީސްގެ އިތުބާރުނެތްކަމުގެ މައްސަލަ ކުރިއަށްގެންދާ ޖަލްސާގެ ރިޔާސަތު ބަލަހައްޓަންވާނީ މަޖިލީހުގެ ރައީސްކަމަށް މަޖިލީހުގެ ޤަވާއިދުގައި ބަޔާންކުރާ ކަމަށެވެ. އަދި މިއަދުގެ ޖަލްސާއަށް މަޖިލީހުގެ ނައިބުރައީސްގެ އިތުބާރުނެތްކަމުގެ މައްސަލަ ތާވަލުކޮށް ރައްޔިތުންގެ މަޖިލީހުގެ ރައީސަށް 12 ޖޫން 2023 ވީ ހޯމަ ދުވަހު ސިޓީއަކުން  ދަންނަވާފައި ވާނެ ކަމަށެވެ. އަދި މަޖިލީހުގެ ރައީސް ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރުނެތްކަމުގެ މައްސަލައެއް އެމްޑީޕީން މަޖިލީހަށް ހުށަހެޅުމާ ގުޅިގެން އެމަނިކުފާނުވަނީ އެ މައްސަލައާމެދު ގޮތެއް ކަނޑައެޅެންދެން މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވުމަށް އުޒުރުވެރިވެވަޑައިގަންނަވާކަން ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ސިޓީއަކުން އަންގަވާފައިކަމަށް އަމީން އާންމު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ހިންގާ ޖަލްސާއެއްގައި ރިޔާސަތު ބަލަހައްޓަވަންޖެހޭކަމަށް މަޖިލީހުގެ ޤަވާއިދުގައި ބުނެފައިވަނީ މަޖިލީހުގެ ރައީސެވެ.

”ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދުގެ 205 ވަނަ މާއްދާގެ ބ ގައި ބަޔާންވެގެން ވަނީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް މަޤާމުން ވަކިކުރުމުގެ ޤަރާރެއް މަޖިލީހަށް ހުށަހަޅަން ހަމަޖެހިފައިވާ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓަވާނީ މަޖިލީހުގެ ރައީސް ކަމަށް، އެހެންކަމުން ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ މަޤާމުން ވަކިކުރަން ހުށަހަޅަފައިވާ ޤަރާރު މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށް އެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވައިދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސަށް 12 ޖޫން 2023 ވީ ހޯމަ ދުވަހު ސިޓީއަކުން ވާނީ ދަންނަވާފަ. އެހެންނަމަވެސް މިހާރު ރައްޔިތުންގެ މަޖިލީހަށް ލިބިފައިވާ މަޖިލީހުގެ ރައީސް މަޤާމުން ވަކިކުރައްވާ ޤަރާރާއިމެދު ވަކިގޮތެއް ކަނޑައާޅާ ނުނިމެނީސް ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދުގެ 205 ވަނަ މާއްދާގެ ބ ގެ ދަށުން މަޖިލީހުގެ ނައިބު ރައީސް މަޤާމުން ވަކިކުރުމަށް ހުށަހަޅާފައިވާ ޤަރާރު އެޖެންޑާ ކުރާ މަޖިލީހުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އުޒުވެރިވެ ވަޑައިގަންނަވާކަން 12 ޖޫން 2023 ގައި އެމަނިކުފާނު ފޮނުއްވި ސިޓީފުޅުގައި އަންގާފައިވޭ“ އަމީން އާންމު ނިއުޝާ ވިދާޅުވިއެވެ.

އެހެންކަމުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓުމާ ގުޅޭގޮތުން ގޮތެއް ކަނޑަނޭޅެނީސް ޖަލްސާ ކުރިއަށް ގެންދެވެން ނެތްކަމަށް އަމީން އާންމު ހުރިހާ މެމްބަރުންނަށް އެންގެވުމަށް ފަހު މިއަދުގެ ޖަލްސާ ވަނީ ނިންމާލައްވާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button