ޚަބަރުސިޔާސީ

އިންޑިއާގެ ބޮޑުވަޒީރަށް ފާޑުކިޔައިގެން ސަސްޕެންޑް ކުރި ތިން ނައިބުންނަށް މުސާރަ ހިނގަނީ ކުރިންވެސް އޮންނަ އުސޫލުން: ރައީސް އޮފީސް

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ސޯޝަލް މީޑިއާގައި ފާޑުވިދާޅުވި މައްސަލައިގައި ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުން ކަމަށްވާ މަލްޝާ ޝަރީފާއި މަރިޔަމް ޝިއުނާ އަދި މަހުޒޫމް މާޖިދު މަގާމުން ސަސްޕެންޑުކުރީ މުއްދަތެއް ނެތް ގޮތަށް ކަމަށާއި އަދި އެ ތިން ބޭފުޅުންނަށްވެސް މުސާރަ ހިނގަމުންދަނީ ކުރިންވެސް އަމަލުކުރަމުން އަންނަ އުސޫލުން ކަމުގައި ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ.

ސަސްޕެންޝަނާ ގުޅޭގޮތުން ރައީސް އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރު އިބްރާހިމް ހަލީލު ވިދާޅުވިގޮތުގައި ތިން ނައިބުން ސަސްޕެންޑުކޮށްފައިވަނީ ވަކި މުއްދަތަކަށް ނޫނެވެ.

”އެ ފިޔަވަޅު އެޅީ އެކަން އިތުރަށް ބަލަން. އާންމު އުސޫލަކީ މީގެ ކުރިންވެސް ވަޒީރުންނާއި ނައިބުން ސަސްޕެންޑު ކުރީމަ މުސާރަ ހިނގާނެ، އެކަމަކު ރަސްމީ ހައިސިއްޔަތާއި މަސައްކަތުން އެއްކިބާވާނީ.“ ހަލީލު ވިދާޅުވިއެވެ.

މޯދީއާ ބެހޭގޮތުން ސަރުކާރުގެ އިސް ބޭފުޅުންތަކެއް ފާޑުވިދާޅުވި މައްސަލާގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ވަނީ މޯދީ އާއި އިންޑިއާގެ ސަރުކާރާއި ރައްޔިތުންގެ ކިބައިން މައާފަށް އެދިވަޑައިގެންފައެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން ކުރީގެ ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފުވެސް މަގާމުން ސަސްޕެންޑުކުރިއެވެ. އޭރު މަހުލޫފުވެސް ބަރާބަރަށް މުސާރަ ނެންގެވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button