ސަރުކާރުން އަންނަ މަހު 5 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނަށް ނުފޫޒު ފޯރުވާތީ އެކަމާއި މޯލްޑިވްސް ރީފޯމް މޫވްމެންޓް ( އެމްއާރުއެމް ) އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
އެމްއާރުއެމުން ނެރުނު ނޫސްބަޔާނެއްގައި ބުނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު އޮންނަ ބައި އިލެކްޝަންގެ ކެމްޕެއިން އެކި ޕާޓީތަކުން ކުރަމުން އަންނައިރު އިންތިހާބުތަކާ ގުޅޭ ގޮތުން ރާއްޖޭގައި ހެދިފައި ހުރި ގާނޫނުތަކާއި ގަވާއިދުތަކަށް ފުރުއަރާ ގިނަ ކަންކަން ހިނގަމުންދާކަން މީޑިއާގައި ފެންމަތިވެފައިވާ ކަމަށެވެ.
އިންތިހާބާ ދިމާކޮށް ދާއިރާތަކުގައި، އެކި މަޝްރޫއުތަކާއި ކެމްޕެއިން ދުވަސްވަރު ކާޑުގެ ބާވަތްތަކާއި ކާބޯތަކެއްޗާއި އިލެކްޓްރޯނިކް ސާމާނާއި ނަގުދު ފައިސާ އާއި ހައްޖާއި އުމުރާ ދަތުރުތަކުގެ އިތުރުން މަތީ ތައުލީމުގެ ފުރުސަތުތައް ދިނުމަކީ އިންތިހާބުގެ މާނަ އޮޅޭނެ ކަންކަން ކަމުގައި އެމްއާރުއެމުން ބުނެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނާއި ގުޅިގެން ޤާނޫނާއި ޤަވާއިދުތަކުގެ ތެރެއިން ކެންޕެއިން ޙަރަކާތްތައް ކުރިއަށް ގެންދިއުމަށް ގޮވާލުން. pic.twitter.com/zEoi8JkXPD
— Maldives Reform Movement (MRM) 🇲🇻 (@MRM_Office) January 22, 2022
އެމްއާރުއެމުން އިންތިހާބަށް ނުފޫޒު ނުފޯރުވުމަށް ގޮވާލައިފައި މިވަނީ އިންތިހާބަށް ކައިރިވެފައި ވަނިކޮށް ސަރުކާރުން ކޮމަންޑޫ ދާއިރާގެ ކޮމަންޑު އާއި ފޯކައިދު އާއި މަރޮށީގައި ކުއްލި ގޮތަކަށް ބޮޑެތި މަޝްރޫއުތައް ހިންގާ ކަމުގެ ފާޑުކިއުން ވަނީ ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ.