ޚަބަރު

ފުލުހުން ދަނީ ދެ ޝޭހުންނާ ދެކޮޅަށް ހެކި އުފެއްދުމަށް މަސައްކަތް ކުރަމުން: ލޯޔަރު އާސިފް

ޝެއިހް އާދަމް ނިޝާން ބިން އަލީ އާއި ޝެއިހް ފަޒްލޫން ބިން މުހައްމަދު އާއި ދެކޮޅަށް ހެކި އުފެއްދުމަށް ފުލުހުން މަސައްކަތް ކުރަމުންދާކަމަށް މަޝްހޫރު ގާނުނީ ވަކީލް އުސްތާޒް އާދަމް އާސިފް ވިދާޅުވެއްޖެއެވެ.

މި މައްސަލައިގައި ހައްޔަރުކުރުމަށްފަހު ހައިކޯޓުން ދޫކޮށްލާފައިވާ ޕީޕީއެމްގެ ސެނެޓަރު އިބްރާހިމް ރައްޒާން (ޓަކީ) ގެ ދިފާއީ ވަކީލުކަންވެސް ކުރައްވަމުން ގެންދަވާ އުސްތާޒް އާސިފް ”ޗެނަލް 13“ އަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ, ފުލުހުން ވަނީ މި މައްސަލައިގައި ބަންދުކޮށްފައިވާ މުހަންމަދު ޝާންއަށް, ޝެއިހް ނިޝާން އާއި ފަޒްލޫން އާއި ދެކޮޅަށް ހެކިބަސް ދިނުމަށް ހުށައަޅާފައިވާ ކަމަށެވެ.

އެގޮތުން ޝާން އެދުވަހު އެސަރަހައްދަށް ދިޔައީ ދެ ޝެއިހުންގެ އިރުޝާދަށް ކަމަށް ބުނުމަށް ފުލުހުން އެދިފައިވާކަމަށް އުސްތާޒް އާސިފް ވިދާޅުވިއެވެ. އެހެން ނަމަވެސް ފުލުހުން މިކަމަށް އެދުމުން ޝާން ވަނީ އެކަމަށް އިންކާރުކޮށްފައި ކަމަށާއި, މި މައްސަލައިގައި ހައްޔަރުކުރެވިފައިވާ އެހެން ފަރާތްތަކަށްވެސް ފުލުހުން މި ހުށައެޅުން ހުށައަޅަމުން އަންނަކަން އުސްތާޒް ފާހަގަކުރެއްވިއެވެ.

ޝެއިހް ނިޝާން އާއި ޝެއިހް ފަޒްލޫން ހައްޔަރުކުރެވީ މިދިޔަ މަހުގެ 21 ވަނަ ދުވަހު ގަލޮޅު ދަނޑުގައި ކުރިއަށްދިޔަ ޔޯގާ ހަރަކާތް ހުއްޓުވާލުމަށް ހިންގި ހަމަނުޖެހުން ރާވާ ހިންގި ކަމުގެ ތުމުތުގައެވެ. އަދި މިހާތަނަށް ދެފަހަރެއްގެ މަތިން އެދެބޭފުޅުންގެ ބަންދުގެ މުއްދަތު ވަނީ އިތުރުކޮށްފައެވެ.

އެހެން ނަމަވެސް އެސަރަހައްދުން ނަގާފައިވާ ވިިޑިއޯތަކުން ފެންނަ ގޮތުގައި އެދެބޭފުޅުން ގަލޮޅު ދަނޑަށް ވަދެފައެއް ނުވެއެވެ. މީގެ އިތުރުން ދަނޑުގެ ބޭރުގައި މުޒާހަރާ ކުރަމުން ދިޔަ މީހުނަށް ހަމަނުޖެހުމެއް ނުހިންގަން ދެބޭފުޅުން އިރުޝާދު ދެމުން ގެންދެވި މަންޒަރުވެސް މި ވިޑިއޯތަކުން ފެނެއެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button