ޚަބަރު

ޔާމީން ރަޝީދު މަރާލިކަމަށް ދެ މީހެއްގެ މައްޗަށް ސާބިތުވެ، ހަތަރު މީހަކު ސަލާމަތްވެއްޖެ

ހަށިގަނޑުގެ އެތައް ތަނަކަށް ވަޅިން ހަމަލާދީ މަރާލި ބޮލްގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލަ 2 މީހެއްގެ މައްޗަށް ސާބިތުވެ، 4 މީހަކު އެ މައްސަލައިން ސަލާމަތް ވެއްޖެއެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ތާވަލުކުރީ އެމައްސަލައިގައި ހުކުމް އިއްވުމަށް ބާއްވާ އަޑުއެހުމެވެ. އެ އަޑުއެހުމުގައި މ.އަންނާރުމާގޭ އިސްމާއީލް ހައިޝަމް ރަޝީދާއި މ.އިރާސްމިކުގެ އަހުމަދު ޒިހާން އިސްމާއީލްގެ މައްޗަށް މަރުގެ ހުކުމް ވަނީ އިއްވާފައެވެ.

އެކަމަކު މ.ކުދެހިގޭ ހަސަން ޝިފާޒާއި، މ.ތާއިފް އިސްމާއީލް ރަޝީދާއި، މ.ކޮޅުފުށީ އީސްޓް ހުސައިން ޒިޔާދުގެ އިތުރުން ގދ. ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާންގެ މައްޗަށް ދައުވާ ކުރީ ގޯސްކޮށް ކަމަށް ޝަރީއަތުން ނިންމިއެވެ.

މި މައްސަަލައިގައި މިއަދު 5:00 ޖަހާއިރު ވާރިސުންގެ ބަސް ނަގާނެއެވެ. އެހެން ކަމުން ކުށް ސާބިތުވި ހައިޝަމް އާއި ޒިހާނަށް މަރުގެ ހުކުމް އިއްވޭނީ ވާރިސުންގެ ބަސް ނެގުމަށް ފަހުއެވެ.

ޔާމީން ރަޝީދު މަރާލީ 2017 ވަނަ އަހަރު އޭނާ ދިރިއުޅޭ ގެއަށް ވަންނަން ދަނިކޮށް، ގޭގެ ސިޑި ކައިރިން ހަމަލާދީގެންނެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button