އީސަގެ މައްޗަށް ދައުވާ ކުރެވޭނީ ހެކި ލިބިގެން: ޕީޖީ ޝަމީމް

ކެނދިކުޅުދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު އީސަގެ ގެވެށި އަނިޔާގެ މައްސަލައިގައި ދައުވާ ކުރުމާއިމެދު ގޮތެއް ނިންމޭނީ ހެކި ލިބިގެން ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެއެވެ.
ޝަމީމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ގެވެށި އަނިޔާ ފަދަ މައްސަލަތަކުގައި ދައުވާ ކުރުމާއިމެދު ގޮތެއް ނިންމުމުގައި ހެއްކަށް ބަލަންޖެހޭ ކަމަށެވެ. އެގޮތަށް އަމަލު ކުރަނީ އަނިޔާ ކުރިކަމަށް ތުހުމަތު ކުރެވޭ ފަރާތާއި އަނިޔާ ލިބުނުކަމަށް ދައުވާކުރަން ބޭނުންވާ ފަރާތަށް ހަމަހަމަ އުސޫލުން އަމަލު ކުރަން ޖެހޭތީ ކަމަށް އޭނާ ވިދާޅުވިއެވެ.
https://twitter.com/HuShameem/status/1395953154588438532
އޭނާ ކުރެއްވި އިތުރު ޓުވީޓެއްގައި ވިދާޅުވޮގޮތުގައި މިދިޔަ އަހަރުގެ ޖުލައި މަހުގެ 1 ވަނަ ދުވަހު އަންހެނެއްގެ އަނގަޔަށް ބާރުގަދަ ކެމިކަލްއެއްއަޅައި، އެ އަންހެންމީހާގެ ހަށިގަނޑަށް ގެއްލުންދީ، މަރާލަން އުޅުނު މައްސަލާގައި، އޭނާގެ ކުރީގެ ފިރިމީހާގެ މައްޗަށް މީހަކު މަރާލަން އުޅުމާއި، އަނިޔާއެއް ދިނުމާއި، ހުއްދަނެތި ގެއަކަށްވަނުމުގެ ދައުވާ ޕީޖީ އޮފީހުން ކުރިއެވެ.
https://twitter.com/HuShameem/status/1395977128382844929
މެމްބަރު އީސަގެ ކުރީގެ އަންހެނުން އަސްރާ ނަސީމަށް އަނިޔާކޮށް، ކުޑަ ދަރިފުޅު ބެލްކަނީން އެއްލާން އުޅުނު ކަމުގެ ތުހުމަތު އަސްރާގެ އާއިލާގެ ފަރާތުން ކުރެއެވެ. އީސަގެ އިތުރުން އޭނާގެ ދޮށީ ދަރިފުޅު މިކަން ދޮގު ކުރެއެވެ. އީސަ ވަނީ މަޖިލީހުގެ އިޖުތިމާއީ ކޮމެޓީއިން އިސްތިއުފާ ދެއްވާފައެވެ. އަދި އެމްޑީޕީގެ ގައުމީ މަޖިލީހުންނާއި ޕާޓީގެ މަގާމުތަކުން އޭނާ ދުރުކޮށްފައިވެއެވެ. އީސަ ވިދާޅުވާގޮތުގައި އޭނާ ގާނޫނާ ހިލާފް ކަމެއް ނުކުރެއެވެ. އެކަމަކު އަސްރާގެ ފޭސްބުކް ޕޯސްޓުގައި ބުނެފައިވާގޮތުގައި އޭނާ ތަހައްމަލް ކުރަން ޖެހިފައިވަނީ ދަތި އުނދަގޫ ދުވަސްތަކެކެވެ.