ރައްޔިތުން ތިބިގޮތް އެނގޭނީ ވައްކަން ނުކުރާ އިންތިހާބެއް ބޭއްވުމުން ކަމަށާއި، ކޮންމެ ފަހަރަކު ކުޑަދޮރެއް ނުހުޅުވޭނެ ކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ސައީދު މިފަދައިން ވިދާޅުވީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލައި އިދިކޮޅުން ކުރިޔަށް ގެންދާ ”އިންޑިއާ އައުޓް“ ހަރަކާތުގެ ސަބަބުން ދިވެހިންނަށް ނުތަނަވަސްކަން ލިބޭކަމަށް މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމާގުޅިގެން އެމަނިކުފާނަށް ރައްދުދެއްވުމުގެ ގޮތުން ކުރެއްވި ޓުވީޓެއްގައެވެ.
ސައީދު ފާހަގަކުރެއްވިގޮތުގައި ގަނޑުވަރުތެރެއަށް ފެންނާނީ ޓާޓާ އާއި ޑަޗްޑޮކްލޭންޑް ފަދަ ޒަމާންވީ ތަރިކައެވެ. އަދި ކޯވިޑް 19 ގައި ރައްޔިތުން ތިބީ މާސްކު އަޅައިގެން ގޭގައިކަމަށް ސައީދު ވިދާޅުވިއެވެ.
Ganduvaruthere’ah fennaanee TATA aai DutchDockland fadha zamaan vee tharika. Rayyithun thibee mask alhaigen geyga. Thibi goiy engeynee vakkan nukuraa inthihaabeh bavvaaleema. Kommefaharaku koda dhoreh nuhulhuveyne #indiaout https://t.co/tCiyBvNAyM
— Mohamed Saeed (@em_saeed) January 19, 2022
އިންތިހާބުތަކާ ދިމާކޮށް ކޮންމެ ފަހަރު ކުޑަދޮރެއް ނުހުޅުވޭނެކަމަށް ސައީދު ވިދާޅުވެފައިވަނީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަކީ އިންޑިއާއިން ހުޅުވައިދިން ކުޑަ ދޮރެއްގެ ތެރެއިން ވަދެ ކާމިޔާބު ކުރެވުނު އިންތިހާބެއް ކަމަށް ރައީސް ނަޝީދު މީގެ ކުރިން ވިދާޅުވުމާގުޅިގެންނެވެ. އެކަމާ ގުޅޭ ހާއްސަ ޑޮކިއުމެންޓްރީއެއްވެސް އިދިކޮޅުގެ ހަބަރުތައް ގެނެސްދޭ ޓީވީ ޗެނަލެއް ކަމަށްވާ ޗެނަލް 13 އިން ވަނީ ގެނެސްދީފައެވެ. އެ ޑޮކިއުމެންޓްރީގައިވަނީ އިންތިހާބަށް ނުފޫޒު ފޯރުވުމަށް އަދުގެ ސަރުކާރުން އިންޑިއާ ސަރުކާރާ ގުޅިގެން ކޮށްފައިވާ ކަންކަން ހާމަކޮށްފައެވެ.