ޚަބަރު

އިސްތިއުފާ ދިނީ ހާލަތުގެ ނާޖާއިޒް ފައިދާ ނަގައި އިދާރާ ހުއްޓުމަކަށް ގެންނަން އުޅުމުން: ޝަހުބާން

އިސްތިއުފާ ދިނީ ހާލަތުގެ ނާޖާއިޒް ފައިދާ ނަގައި މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ހުއްޓުމަކަށް ގެންނަން އުޅުމުން ކަމުގައި އެ ކައުންސިލްގެ ރައީސް ޝަހުބާން ފަހުމީ ވިދާޅުވެއްޖެއެވެ.

އެމްއެމްސީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށްފަހު ”ބޮންތި“ އާ ވާހަކަ ދައްކަވަމުން ޝަހުބާން ވިދާޅުވީ އެ ބައްދަލުވުމުގައި އޭނާގެ އިސްތިއުފާ އިއުލާން ކުރެއްވިކަމުގައެވެ.

”އިސްތިއުފާ ދޭން ޖެހުނީ ދަނޑިވަޅުގެ އެޑްވާންޓޭޖު ނަގައި ނޫސްވެރިންގެ އެވޯޑު ބޭއްވިޔަ ނުދީ ކޮމެޓީތައް ނުބާއްވައި މުޅި ކައުންސިލްގެ މަސައްކަތަކީ އަޅުގަނޑު ބޭރުކުރުން ކަމަށް އިސްކޮށްފައި އޮތުމުން. އެއީ ނޫސްވެރިންނަށް އިއާދަ ނުކުރެވޭނެ ބޮޑު ގެއްލުމެއް.“ ޝަހުބާން ވިދާޅުވިއެވެ.

އެމްއެމްސީގެ ޓުވިޓާ މެދުވެރިކޮށް މިކަމާގުޅޭ ނޫސްބަޔާނެއްވެސް ވަނީ އާންމުކޮށްފައެވެ.

އެބަޔާނުގައި ވާގޮތުން ޝަހުބާންގެ ރައީސްކަމުގެ ދައުރު ފެށުނީއްސުރެ ރިޔާސަތަށް ދަހިވެތިވެފައި ތިބި މެންބަރުންތަކެއް އެކައުންސިލްގައި އެބަތިއްބެވެ. ޒާތީ ތައައްސަބު އޮންނަ މެންބަރުންތަކެއް އޭނާ މަގާމުން ވަކި ކުރަން މީގެ ކުރިންވެސް އެތަކެއް ފަހަރެއްގެ މަތިން މަސައްކަތް ކޮށްފައިވާ ކަމުގައި އެ ބަޔާނުގައި ޝަހުބާން ވިދާޅުވިއެވެ.

ޝަހުބާން ވިދާޅުވީ މިހާރު ދިމާވެފައިވާ ހާލަތުގެ ބޭނުންކޮށް ކައުންސިލާއި ކޮމެޓީތަކުގެ މަސައްކަތްތަކަށް އެއްބާރުލުން ދިނުން ހުއްޓާލުމުގެ ސަބަބުން ނޫސްވެރިންނަށާއި މީޑިއާތައް ހިންގުމަށް ކައުންސިލްގެ ސްޓްރޭޓެޖިކް ޕްލޭނުގައި ހިމަނާފައިވާ އެތައް ކަމެއް ހުއްޓިފައިވާކަމުގައެވެ.

ބަޔާނުގައިވާގޮތުން އެ ކައުންސިލުން ދޭ ނޫސްވެރިކަމުގެ އިނާމްގެ މިއަހަރުގެ މަސައްކަތް ހުއްޓުމަކަށް އައުމަކީ ޝަހުބާން ކަންބޮޑުވާ މައްސަލައެކެވެ. އަދި އޭނާ އެ މަގާމުގައި ހުރެއްޖެނަމަ މި އަހަރުގެ އިނާމް ބޭއްވޭނެ އެއްވެސް އުންމީދެއް ނެތްކަމުގައިވެސް ބަޔާނުގައި ވެއެވެ.

ތިންފަހަރެއްގެ މަތިން ޝަހުބާން މަގާމުން ބޭރުކުރުމަށް އެމްއެމްސީގެ މެންބަރުންތަކެއް ކުރި މަސައްކަތް ފެއިލްވީ ގާނޫނުގައި ބުނާ 10 ވޯޓު ހަމަނުވުމުގެ ސަބަބުންނެވެ.

ޝަހުބާންގެ ހިއްސާ އޮންނަ ކުންފުންޏެއްގެ މައްޗަށް ކުރެވޭ މަނީ ލޯންޑަރިންގެ ތުހުމަތުގެ މައްސަލައިގައި އޭނާ އިސްތިއުފާ ދޭން ޖެހޭކަމަށް އެމްއެމްސީގެ މެންބަރުންތަކެެއް ދެކޭއިރު، މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަންގެ ސެކެޓްރީ ޖެނެރަލްގެ ނަން އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ލިސްޓުގައި އެބައޮތެވެ. އެކަމަކު އޭނާ ހުންނެވީ އަދިވެސް އެ މަގާމުގައެވެ. ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފުގެ މައްޗަށް އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ދަނީ ހިނގަމުންނެވެ. އެކަމަކު މަހުލޫފު ހުންނެވީ މިނިސްޓަރު ކަމުގައި މަގާމުގައެވެ.

މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ އެމްޑީޕީ މެންބަރު އަލީ ރިޒާގެ މައްޗަށް ވަނީ އިންސާނީ ވަގުފާރި ކުރުމުގެ މައްސަލައިގައި ދައުވާ އުފުލާފައެވެ. އަދި ކުރެންދޫ ދާއިރާގެ މެންބަރު އަބްދުލް ޣަނީ އަބްދުލް ހަކީމްގެ މައްޗަށް ސާބިތު ދަރަންޏެއް އޮތް މައްސަލައެއްވެސް ވަނީ ފެންމަތިވެފައެވެ.

އެނގިފައިވާގޮތުގައި މި މަސައްކަތުގައި އެންމެ އިސްކޮށް އުޅެނީ އެ ކައުންސިލްގެ ރައީސް ކަމުގެ މަގާމަށް ޝަހުބާން އާއި އެއްކޮށް ވާދަކުރި ރީޖަނަލް އެއާޕޯޓްސްގެ މިހާރުގެ ބޯޑު މެންބަރު މެންބަރު މުހައްމަދު ޝަފާއު ހަސަނެވެ. ޝަހުބާން އާއި ވާދަކޮށް ޝަފާއު އަށް ލިބުނީ އެންމެ 3 ވޯޓެވެ. އޭނާ އަކީ އެމްއެމްސީއަށް އަމިއްލަގޮތުން ހޮވުނު މެންބަރެކެވެ.

ޝަފާއު އަކީ ސުޕްރީމް ކޯޓުގެ ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު އަދި ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ހަސަން ސައީދުގެ މައްޗަށް ތުހުމަތުކުރެވޭ ފްލެޓް ގަތް މައްސަަލައިގައި ފުލުހުންނަށް ބަޔާން ދިނުމަށްފަހު ޝަރީއަތުގައި ހެކި ބަސް ދޭން ދެކޮޅު ހެދި މީހެކެވެ. އޭނާ ވަނީ  އިސްލާމިކް ބޭންކުގެ ކުރީގެ ހެޑް އޮފް ކޯޕަރޭޓް އެފެއާޒްގެ މަގާމާއި، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެމްއާރްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ކަން ވެސް ކޮށްފައެވެ. އެމްއާރުޑީސީ އާއި ހަވާލުވީ އިސްލާމިކް ބެންކު ވަޒީފާ ދޫކޮށްލިތާ ދުވަސްކޮޅެއް ތެރޭގައެވެ. އަދި އެމްއާރުޑީސީގައި ޝަފާއު އަށް ހިފަހައްޓާލެވުނީ އެއް މަސް ދުވަހަށްވުރެންވެސް ކުޑަ ދުވަސްކޮޅަކަށެވެ. އޭނާ އެ ކުންފުނިން ބޭރު ކުރި ސީދާ ސަބަބު އޭރުގެ ސަރުކާރުން ހާމަނުކުރި ނަމަވެސް އިހްލާސްތެރި ކަމާމެދު ޝައްކުތަކެއް އުފެދިފައިވާ ކަަމަށް އަޑުތަކެއް ފެތުރުނެވެ.

ފަނޑިޔާރުން ފްލެޓް ގަތް ކަމަށް ތުހުމަތު ކުރެވުނު މައްސަލައިގައި ކޯޓުގައި ހެކިބަސްދޭން އޭނާ ދެކޮޅު ހެދީ ސިއްރު ކުރަން ޝަރުތު ކުރުމަށް ފަހު ޝަފާއު ފުލުހުންނަށް ދިން ބަޔާން މީސް މީޑިއާގައި ލީކް ވުމާގުޅިގެންނެވެ. އެ ބަޔާނުން އެނގޭގޮތުގައި ފަނޑިޔާރު އަލީ ހަމީދު ފްލެޓް ގަތުމަށްޓަކައި ނިންމަން ޖެހޭ ލިޔެކިޔުމުގެ އެންމެހާ ކަންކަން ކުރީ ޝަފާއު އެވެ. ފްލެޓް ގަތުމަށް ބައެއް ފަރާތްތަކާއި މުއާމަލާތު ކުރުމުގައި އިސް މެދުވެރިއެއްގެ ރޯލުވެސް އަދާކުރީ އޭނާއެވެ. ލީކުވި ބަޔާނަކީ ސައްހަ ބަޔާނެއްކަން އޭރު ފުލުހުންވެސް ވަނީ ކަށަވަރު ކޮށްދީފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button