ޚަބަރުސިޔާސީ

ހުޅުމާލޭ ފޭސް 2ގެ ބިން މިސަރުކާރުން ބޭނުންކުރަނީ އެންމެ އެދެވޭ ގޮތަކަށްނޫން:މޭޔަރ މުޢިއްޒު

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ބިން މިސަރުކާރުން ބޭނުންކުރަނީ އެންމެ އެދެވޭ ގޮތަކަށްނޫން ކަމަށް މާލެ ސިޓީގެ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ގޯތި ދޫކުރުމާއި ގުޅޭގޮތުން ”ޖަޒީރާ“ ނޫހުން ކުރި ސުވާލެއްގެ ޖަވާބުގައި މޭޔަރ މުޢިއްޒު ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ގޯތި ގެދޮރުގެ މައްސަލަ ހައްލުކޮށް ދިނުމުގައި މިއަދާއި ހަމަޔަށް އައި އިރުވެސް ސަރުކާރުތައް އޮތީ ވަރަށް ބޮޑަށް ފަހަތުގައި ކަމަށާއި، އެހެންނަމަވެސް އެކަމަށް އެންމެ ބޮޑު ހައްލެއް ގެނައުމަށް ކުރެވިފައިވާ މަސައްކަތަކީ މިދިޔަ ސަރުކާރުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ފެއްޓެވި ހިޔާ މަޝްރޫޢު ކަމަށެވެ.

”މާލޭގެ ރައްޔިތުންނަށް ގޯތި ގެދޮރުގެ މައްސަލަ ހައްލުކޮށް ދިނުމުގައި މިއަދާއި ހަމަޔަށް އައި އިރުވެސް ސަރުކާރުތައް މިއޮތީ ހަމަ ވަރަށް ބޮޑަށް ފަހަތުގަ.ދެން އެކަމަށް އެންމެ ބޮޑު ހައްލެއް ގެނައުމަށް ކުރެވިފައިވާ މަސައްކަތަކީ މިދިޔަ ސަރުކާރުން ހުޅުމާލޭ ފޭސް 2 ހިއްކާ އެ ސަރަޙައްދުން ފްލެޓްދޫކުރުން.“ މުއިއްޒު ވިދާޅުވިއެވެ.

މޭޔަރ ވިދާޅުވީ މިސަރުކާރުން ގާތްގަނޑަކަށް 3 އަހަރު  ބޭކާރު ކޮށްލުމަށްފަހުގައި ހިޔާ ފްލެޓްތަކުގެ ބޭނުން ރައްޔިތުންނަށް ހިފޭވަރުވީއިރު އެކަންވެސް ކޮށްފައި އޮތީ އެންމެ އެދެވޭގޮތަށް ނޫންކަމަށެވެ.

”އަޅުގަނޑުމެން މިދަންނަވާ ވާހަކަ އަކީ 3 ވަރަކަށް އަހަރު ފަހުން ފޭސް2 ގައި ހުރި ފްލެޓްތައް ހަވާލު ކުރެވުނު އިރުގަ، އެކަންވެސް ދިޔައީ ރަނގަޅަކަށްނޫނޭ. ފްލެޓްތައް މާ އަގުބޮޑުކޮށް ރައްޔިތުންނާ ހަވާލު ކުރުމާއި،އެތައް މައްސަލައެއް އެކަމުގައިވެސް އޮއްވައި އަނެއްކާ ބިންތައްވެސް މިދެނީކީ ނިކަމެތި ރައްޔިތުންނަށް އަތްފޯރާފަށަކުން ނޫނޭ.“ މޭޔަރު ވިދާޅުވިއެވެ.

މިއާއިއެކު މޭޔަރ ވިދާޅުވީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ބިމުގެބޮޑުބައި އޮތީ އަދިވެސް ހުސްކޮށް ކަމަށާއި، ސަރުކާރުން އެބިމުގެ ބޭނުން ހިފަން ރާވައިފައިއޮތީ އެންމެ އެދެވޭގޮތަށް ނޫންކަމަށާއި، އެހެންކަމުން އެތަނުން ބޮޑު އަގުގައި ބިން ވިއްކުމާއި މާލެ ސިޓީ ކައުންސިލުން ދެކޮޅު ކަމަށެވެ.

”ދެން އޮތްކަމަކީ އެތަނުގެ ބިމުގެބޮޑުބައި އޮތީ އަދިވެސް ހުސްކޮށް.އެބިން އެންމެ އެދެވޭ ގޮތަކަށްނޫން ސަރުކާރުން  ޕްލޭންކޮށްފަ މިއޮތީކީ. މިދެންނެވީ މައިގަނޑު ގޮތެއްގައި އާންމު ރައްޔިތުންނަށް ނިކަމެތި ރައްޔިތުންނަށް ފުރުސަތު ދިނުމުގެ ބަދަލުގަ އިސްކަން މިދެވެނީ ކޮމާޝަލް ވިސްނުމެއްގަ ބޮޑު އަގުގަ ވިއްކަން. އެހެންވީމަ މާލޭގެ ރައްޔިތުންގެ ޙައްޤުގަ މާލެ ސިޓީ ކައުންސިލުން މިކަމާ ދެކޮޅު މިހަދަނީ.“ މުއިއްޒު ވިދާޅުވިއެވެ.

މޭޔަރ މުޢިއްޒު ވިދާޅުވީ މިސަރުކާރުން ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ވިއްކަން ނިންމާފަ އޮތީ އެންމެ 60 ބިންކަމަށާއި، އެ 60 ބިން ވެސް ވިއްކަނީ އެންމެ މުއްސނދި މީހާއަށް ގަނެވޭ އަގުގައި ކަމަށެވެ.

”އާދައިގެ ވިޔަފާރިވެރިއަކަށްވެސް ކުދި އަދި މެދު ފަންތީގެ ވިޔަފާރި ވެރިއަކަށްވެސް ނުގަނެވޭނެ. ހަމަ އެންމެ މަތީ ފަންތީގެ ވިޔަފާރިވެރިންނަށް އެކަނި ގަނެވޭ ރޭޓުގަ ފަށާ އަގުވެސް މިހުރީ. އެއީ އެއްނޫން މާލޭގެ ރައްޔިތުން ބޭނުންވާ ގޮތަކީ.“ މުއިއްޒު ވިދާޅުވިއެވެ.

މޭޔަރ ވިދާޅުވީ މިވާހަކަ ދައްކަންޖެހޭ ސަބަބީ ހުޅުމާލޭގެ ދެވަނަ ފިޔަވައްސަކީ މާލެ ސިޓީ ކައުންސިލްގެ ގެ އިޙްތިޞާސްގެ ތެރޭގައި އޮތް ސަރަހައްދަކަށް ވުމާއިއެކު، އެންމެ ފުރަތަމަ ބަލާލަންޖެހޭނީ ޤާނޫނު އަސާސީއަށް ކަމަށެވެ.

ޤާނޫނު އަސާސީގަ މާލެ  މާނަކުރަނީ މާލެ ހުޅުމާލެ އަދި ވިލިމާލެވެސް ހިމަނައިގެން ކަމަށްވާއިރު ހުޅުމާލެ އަކީވެސް މާލޭގެ ބައެއް ކަމުން މާލޭގެ ރައްޔިތުންނަށް ގޯތިގެދޮރުގެ މައްސަލަ ހައްލު ނުވާނެ ގޮތަކަށް އެހެން ކަމެއް ހިނގައިންނުވާނެ ކަމަށް މޭޔަރ މުޢިއްޒު ތަކުރާރުކޮށް ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button