2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އޮޅުވާލުމުގައި ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް ހަމްދޫން ރަޝީދުގެ ހިއްސާ އާއި އިހުމާލު ބޮޑުކަމުގައި ޕީޕީއެމްގެ ލީގަލް ޓީމުގެ ވަކީލު އަދި ހޯމް މިނިސްޓްރީގެ ކުރީގެ ނައިބު އަހުމަދު ސިއްދީގު ވިދާޅުވެއްޖެއެވެ.
ސިއްދީގު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ހާދިމަކު، ވެރިއަކަށް ޣައްދާރުވާނެ އެންމެ ބޮޑަށް ހަމްދޫން ޣައްދާރުވެފައި ވާކަމުގައެވެ.
”ހުރިހާ ޖަރީމާއެއް ހިނގާކަން އެނގިހުރެ ރައީސް އަށް އެކަންކަން ސިއްރުކުރި. މިކަންކަން އަދި ބެލޭނެ.“ ސިއްދީގު ވިދާޅުވިއެވެ.
2018 ގެ ރިޔާސީ އިންތިޚާބް އޮޅުވާލުމުގަ، އޭރުގެ ސީޕީ ހަމްދޫންގެ ޙިއްސާ އާއި އިޙްމާލު ވަރަށް ބޮޑު. ޚާދިމަކު، ވެރިއަކަށް ޣައްދާރުވާނެ އެއްމެ ބޮޑަށް ހަމްދޫން ވަނީ ޣައްދާރުވެފަ.
ހުރިހާ ޖަރީމާއެއް ހިނގާކަން އެނގިހުރެ ރައީސް އަށް އެކަންކަން ސިއްރުކުރި.
މިކަންކަން އަދި ބެލޭނެ، އﷲ. pic.twitter.com/WxeZ0U0o3E— أَحْمَدُ صِدِّيْقُ (@AhmedSiddeeq) January 17, 2022
ސިއްދީގު މިފަދަ ޓުވީޓެއް ކުރައްވާފައި މިވަނީ ރިޔާސީ އިންތިހާބު އޮޅުވާލިކަމަށް ބުނާ މައްސަލައިގައި ފުލުހުން އޭރު ހިންގި ތަހުގީގުގެ ކަންކަމާ ގުޅޭގޮތުން ފުލުހުންގެ އިސްވެރިޔަކު ވާހަކަ ދައްކާ އޯޑިއޯއެއް ލީކުވެފައިވާ ދަނޑިވަޅެއްގައެވެ.
އެ އޯޑިއޯގައި ދައްކާފައިވާ ވާހަކަތައް ”ބޮންތި“ އިން ވަނީ ގެނެސްދީފައެވެ. އޯޑިއޯގައި ބުނެފައިވަނީ އިންޓެލްއަށް މައުލޫމާތު ލިބިފައި އޮތްގޮތުން ހަމްދޫންއާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ބައްދަލުކޮށް، އޭނާއަށް މަގާމުގެ ޔަގީންކަން ދިން ކަމުގައެވެ. އެކަމުގެ ސަބަބުން ހަމްދޫނުވެސް ރިޝްވަތަށް ހެއްލުނު ކަމުގައި ފުލުސް މީހާ ބުނެއެވެ.
“އަޅުގަނޑުމެންނަށް ވެސް އައި އިންޒާރު. އިންޓެލް މެދުވެރިކޮށް އިންތިހާސުގެ ކަންކަން ބަލާ ނުހޯދުމަށް އިންޒާރުތައްވެސް އައި. އަދި އެނގިފައިވާ ގޮތުގައި ހަމްދޫނުއަށް އިނީ ވަރަށް ބޮޑަށް އެޝުއަރ ކޮށްދީފައި އެމީހުން ހުވާ ކުރުމަށް ފަހުވެސް ސީޕީ މަގާމުގައި ހުންނާނީ ހަމްދުން ކަމަށް. އެހެންވީމަ އަސްލު ހަމްދޫނު ވެސް ރައީސް ޔާމީން އެކްސެޕެކްޓު ކުރެއްވި ވަރާ ގާތަށްވެސް އެމަނިކުފާނަށް ވަފާތެރިއެއް ނޫނޭ ބުނަން ޖެހޭނީ. މީގެ އިތުރުން އެ ހުކުމް ނެރެ ނުދޭނެކަމަށް ހައިލަމް ބުނިކަން ސާބިތުވާ އަނެއްކަމަކީ އެކެއް ފެބްރުއަރީގެ ބަޔާންތައް ނެގި އިރު ކުރީގެ ފަނޑިޔާރު ހަސަން ނަޖީބު ދަރިފުޅުގެ ބަޔާން ނެގިރޭ. އެރޭ ބަޔާން ނަގަން ދިޔަ އައިއޯ ކައިރީ ހަސަން ނަޖީބު ބުނި ކަމަށްވޭ އަމުރު ނެރެދީފާމާނަމޭ. ނަމަވެސް ކޮންމެ ކޯޓަކުންވެސް އަމުރެއް ނެރެން ވާނީ އެ ކޯޓެއްގެ އިސްގާޒީ.” ފުލުހުންގެ އިސްވެރިޔާ ބުންޏެވެ.
ލީކުކޮށްފައިވާ އޯޑިއޯގައިވާގޮތުން އިސީގައި ހުރި ވޯޓު ކަރުދާސްތައް އަންދާލުމުގެ ހުއްދައަށް އެދި އެ އިދާރާއިން ސިޓީއެއް ފޮނުވިކަމަށް ބުނި ނަމަވެސް އެކަން ފުލުހުންގެ ރަސްމީ ލިޔެކިޔުންތަކުން ފެންނަން ނެތެވެ.
“އެ ސިޓީ ފިޒިކަލީ އެރިކަމަށް ވަނީ ހަމްދޫނުގެ ދަށުން އޭރު އޮަޕަރޭޝަނަލް ކޮމާންޑް ވަގުތީ ގޮތުން ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނެވި، އޭރުގެ ސުޕްރިޑެންޑް މޫސާ އަލީ އަތަށް. އެކަން ހިނގީމަ ހަމްދޫނުވެސް އޭރުގެ ކްރައިމް ކޮމާންޑް ހެޑަށް ގުޅާފައި އެ ވާހަކަތައް ހިއްސާކުރި.” ފުލުސް މީހާ ބުނެއެވެ.
އެެހެން ނަމަވެސް ވަގުތު ފާއިތުވެއްޖެ ކަމަށާއި ދެން އިތުރަށް ކުރެވޭނެ ކަމެއް ނެތް ކަމަށްވުނެ ހަމްދޫން އެ މައްސަލަ އޮއްބާލީކަމަށް އޯޑިއޯގައި ބުނެފައިވެއެވެ.
މިކަމާގުޅިގެން ހަމްދޫން އަދި މިހާތަނަށް އެއްވެސް އެއްޗެކޭ ނުބުނެއެވެ.
އިންތިހާބު އޮޅުވާލި ކަމަށް ބުނާ މައްސަލަގައި މީގެ ކުރިން ސުޕްރީމް ކޯޓުން ނިންމީ އިންތިހާބު ބާތިލް ކުރަން ޖެހޭ ސަބަބެއް ނެތް ކަމުގައެވެ. އޭގެ 3 އަހަރު ފަހުން ޕީޕީއެމުން ވަނީ ފުލުހަށާއި، އެންޓި ކޮރަޕްޝަން ކޮމިޝަނާއި، އިންތިގާލީ އަދާލަތުގެ އޮފީހުގެ އިތުރުން ހިއުމަން ރައިޓްސް ކޮމިޝަނަށް އާދީއްތަ ދުވަހު ހުށަހަޅާފައެވެ.