ޚަބަރު

ޕެރެޑައިސް އައިލެންޑް ރިސޯޓުގެ މުވައްޒަފުން ”ގަނަތެޅުވުން“ ހުއްޓުވައިދިނުމަށް ގޮވާލައިފި!

އިތުރު ގަޑީގެ ފައިސާ ނުދީ ޕެރެޑައިސް އައިލެންޑް ރިސޯޓުގެ މުވައްޒަފުން ގަނަތެޅުވުން ހުއްޓުވައިދިނުމަށް ޓުއަރިޒަމް އެމްޕްލޯއީޒް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) އިން ޓޫރިޒަމް މިނިސްޓަރ ޑރ.އަބްދުﷲ މައުސޫމަށް ގޮވާލައިފިއެވެ.

ޕެރެޑައިސް އަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކޯލިޝަން ސަރުކާރުގެ އެއް ބައިވެރިޔާ ކަމަށްވާ ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު ގާސިމް އިބްރާހީމްގެ ރިސޯޓެކެވެ. އަދި މިނިސްޓަރ މައުސޫމަކީ އެޕާޓީގެ ސްލޮޓުގައި ކެބިނެޓަށް ވަޑައިގެންނެވި ބޭފުޅެކެވެ.

ޓީމުން ކުރި ޓުވީޓުތަކެއްގައި ބުނީ ޕެރެޑައިސްގައި ތިބި 800 މުވައްޒަފުންގެ ތެރެއިން 100 މުވައްޒަފުން ކޮވިޑް-19 އަށް ފައްސިވެފައިވާ ކަމަށެވެ. އަދި ފައްސިވެފައިވާ މީހުނާ ސީދާ ބައްދަލުވި މުވައްޒަފުން ޑިއުޓީއަށް ނެރެގެން އިތުރު ގަޑީގެ ފައިސާ ނުދީ 15 ގަޑިއިރުވަންދެން މަސައްކަތް ކުރުވަމުން ގެންދާ ކަމަށެވެ.

”މުޅި ރިސޯޓުގައި އެންމެ ޑޮކްޓަރެއް. އަދި އެންމެ ނަރުހެއް. އެމީހުން ތިބީ ބަލިވެ، ކަންބޮޑުވެ ހާސްކަމެއްގެ ތެރޭގައި. މަސައްކަތްތެރިންގެ ސަލާމަތަށްވުރެ ވިޔަފާރި މުހިންމުވެގެން ނުވާނެ.“ ޓީމްގެ ބަޔާނުގައި ވެއެވެ.

ޓީމްގެ ބަޔާނުގައިވާގޮތުން ރިސޯޓު މުވައްޒަފުންގެ 50 އިން ސައްތަ މީހުން ވެކްސިން ޖަހާފައެއް ނުވެއެވެ. އަދި ގިނަ ރިސޯޓުތަކުގެ މުވައްޒަފުން ލައްވައި އިތުރު ގަޑީގެ ފައިސާ ނުދީ ގިނައިރުވަންދެން މަސައްކަތް ކުރުވާކަމަށްވެސް އެ ޖަމިއްޔާއިން ބުނެފައިވެއެވެ. މަދު މުވައްޒަފުން ނެރެގެން ގަނަތެޅުވުން ހުއްޓުވައިދިނުމަށް އެ ޖަމްއިއްޔާއިންވަނީ މިނިސްޓަރ މައުސޫމަށް ގޮވާލާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button