ޚަބަރުސިޔާސީ

މިހާރު ރާއްޖޭގައި ޖުޑީޝަރީއެއް އޮތުމުގެ މާނައެއް ނެތް: އުޝާމް

މިހާރު ދިވެހިރާއްޖޭގައި ޖުޑީޝަރީއެއް އޮތުމުގެ މާނައެއް ނެތް ކަމަށް އެމްއެންޕީގެ ނައިބުރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ.

އުޝާމް މިފަދައިން ވިދާޅުވެ ޓްވީޓް ކުރައްވާފައިވަނީ ރިސޯޓެއް ހެދުމަށް ނޫނު އަތޮޅު ރާފުށިން، އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްގެ ބަފައިބެ މޫސާ ހަސަންއަށް 2010 ވަނަ އަހަރު ދޫކުރި އެ އަތޮޅު ރާފުށި ތަރައްޤީނުކޮށް އޮތްވާ އެރަށް އަތުލުމުން އޭގެ ބަދަލެއްގެ ގޮތުގައި ނ.އަތޮޅު އެކުޅިވަރު މޫސާ ހަސަންއަށް ދިނުމަށް ރައީސް އޮފީހުގެ ބަދަލުދޭ ކޮމިޓީން ނިންމުމާއި ގުޅިގެންނެވެ.

އެކަމާއި ގުޅޭ ޚަބަރެއް ހިއްސާ ކުރައްވާ އުޝާމް ވިދާޅުވީ މިހާރު ރާއްޖޭގަ ޖުޑީޝަރީއެއް އޮތުމުގެ މާނައެއް ނެތްކަމަށެވެ. އަދި މުއްސަދިންނާއި ބޭފުޅުންގެ މައްސަލަތައް ޝަރީޢަތަށް ހުށަހަޅައިގެން ގޮތެއް ނިންމުމުގެ ބަދަލުގައި ރައީސް އޮފީހަށް ހުށަހަޅައިގެން ބޭނުންވާ ގޮތަކަށް މައްސަލަތައް ނިންމާ ރައްޔިތުންގެ ފައިސާއާއި ދަޢުލަތުގެ އެސެޓްތައް ބަހާ ހުސްކުރަނީ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ރާފުށި 2010 ވަނަ އަހަރު ކުއްޔަށް ދީފައިވަނީ އެގްޒޮޓިކް ޕްރޮޕަޓީސް ޕްރައިވެޓް ލިމިޓެޑަށެވެ. އެ ކުންފުނީގެ ހިއްސާދާރުންނަކީ ފައްޔާޒުގެ ބަފައިބެ މޫސާ ހަސަން އަދި ތ.ވިލިފުށި ދާއިރާގެ މެމްބަރު ހަސަން އަފީފެވެ.

ރާފުށި އެއްބަސްވުން ބާޠިލު ކުރުމުގެ މައްސަލާގައި އެ ކުންފުނިން ކޯޓަށް ގޮސްފައެއްނުވެއެވެ. އަދި އެ ކުންފުންނިން އެ ރަށް ތަރައްޤީ ކޮށްފައި ނުވާކަން ޖޫރިމަނާ މައްސަލާގައިވެސް ކޯޓުން ވަނީ ފާހަގަކޮށްފައެވެ. އެހެންކަމުން ޤާނޫނީ ގޮތުންވެސް ބަދަލުގެ ދިނުމުގެ ޢުސޫލާ އެއްގޮތަށް އެ ކުންފުންޏަށް ބަދަލުގެ ގޮތުގައި ރަށެއް ދެވޭނެ ހަމައެއް ނެތެވެ.

ރައީސް އިބްރާހިމް މުޙައްމަދު ޞޯލިޙުގެ ވެރިކަމުގެ 5  އަހަރުގެތެރޭގައި ފައްޔާޒް އިސްމާޢީލްގެ އާއިލީ އެކިފަރާތްތަކަށް އުސޫލުންބޭރުން ބަދަލުގެގޮތުގައި މީގެކުރިންވެސް ބޮޑުހޭދައެއް ކޮށްފައިވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button