ޚަބަރު

އަލީ ރަމީޒުގެ ޓުވިޓަރ އެކައުންޓު ސަސްޕެންޑު ކޮށްފި

ދީނީ ޕްރޮގްރާމްތައް ހުށަހަޅައިދެމުންދާ ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަލީ ރަމީޒުގެ އެކައުންޓު ޓުވިޓަރ އިން ސަސްޕެންޑު ކޮށްފިއެވެ.

އަލީ ރަމީޒު ބުނިގޮތުގައި އޭނާގެ އެކައުންޓު ސަސްޕެންޑު ކުރީ ކީއްވެކަމެއް ނޭނގެއެވެ. އަދި އެކައުންޓު ހޯދުމުގެ މަސައްކަތް މިހާރު ފަށާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. ޓުވިޓަރ އިން އެއްވެސް އެންގުމެއް ނުވަތަ އިންޒާރެއް ދީފައިވާކަން ނޭނގޭކަން އޭނާގެ ވާހަކަތަކުން އެނގެއެވެ.

އަލީ ރަމީޒަކީ އިޒްރެއިލްގެ ހައްދުފަހަނައަޅާފައިވާ ޒައިނިސްޓުން ފަލަސްތީނުގެ މުސްލިމުންނާ ދޭތެރޭގައި ހިންގަމުންގެންދާ ލާއިންސާނީ އަމަލުތައް ކުށްވެރި ކުރައްވާ ފަރާތެކެވެ. އެގޮތުން ވޭތުވެދިޔަ ދުވަސްތަކުގައި އޭނާ ވާނީ ޓުވިޓަރ މެދުވެރިކޮށް ފަލަސްތީނުގެ ރައްޔިތުންނަށް ހިން ދެމިލައިގެން ތިބެވޭނީ އިޒްރެއިލްގެ އަނިޔާވެރިކަން ނިމުމަކަށް ގެނެސްގެންކަން ދޭހަވާ ގޮތަށް ޝުއޫރު ފާޅުކޮށްފައެވެ. ހާއްސަގޮތެއްގައި އޭނާ ވަނީ ފަލަސްތީނުގެ ދިފާއުގައި ދިވެހިން ހިންގި ހަރަކާތްތަކާ ގުޅޭ ވީޑިއޯތަކާ ފޮޓޯތައްވެސް ހިއްސާކުރައްވާފައެވެ.

މިކަމާގުޅިގެން ޓުވިޓަރގައި އަލީ ރަމީޒުގެ ދިފާއުގައި ގިނަ ބަޔަކު އަންނަނީ ވާހަކަދައްކަމުންނެވެ. އެގޮތުން އޭނާގެ އެކައުންޓު ސަސްޕެންޑު ކުރަންޖެހޭ ސަބަބެއް ނުވިސްނޭކަމަށް ބައެއް ފަރާތްތަކުން ބުނެފައިވެއެވެ. އަދި އިސްލާމް ދީނަށް ހަޖޫ ޖަހަމުންދާ ފަރާތްތަކުގެ އެކައުންޓު ސަސްޕެންޑު ނުކުރެވޭ ސަބަބެއް ނޭނގޭކަމަށްވެސް އެމީހުން ބުނެއެވެ.

އިޒްރެއިލްގެ އަނިޔާވެރިކަމާ ދެކޮޅަށް އަދި ފަލަސްތީނުގެ މުސްލިމުންގެ ދިފާއުގައި ޓުވީޓު ކުރާ ފަރާތްތަކުގެ އެކައުންޓުތައް ޓުވިޓަރ އިން ސަސްޕެންޑު ކުރެއެވެ. މިކަމާގުޅިގެން ޓުވިޓަރގެ މެނޭޖުމެންޓަށް ބޮޑެތި ފާޑުކިޔުންތަކާ ބަހުގެ ހަމަލާތައް ވަނީ އަމާޒުވެފައެވެ. ފާޑުކިޔާ ފަރާތްތަކުގެ ތެރޭގައި މުސްލިމުންގެ އިތުރުން އެކި ދީންތަކަށް ތަބާވެގެން އުޅޭ ކާފަރުންވެސް ހިމެނެއެވެ. ކާފަރުންގެ ތެރެއިންވެސް ފަލަސްތީނުގެ ދިފާއުގައި ވަކާލާތު ކުރާ މީހުން މަދެއް ނޫނެވެ. ދުނިޔޭގެ އެކި ގައުމުތަކުގައި އެކި ދީންތަކަށް ނިސްބަތްވާ މީހުންވަނީ ފަލަސްތީނުގެ ދިފާުގައި މުޒާހަރާވެސް ކޮށްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button