ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކޯލިޝަން ސަރުކާރުގެ ފުރަތަމަ 3 އަހަރުގެ ތެރޭގައި ފުލުހުންގެ ހިދުމަތުގެ ކަރާމާތް ގެއްލިއްޖެ ކަމުގައި ހޯމް މިނިސްޓްރީގެ ކުރީގެ ނައިބު އަދި ގާނޫނީ ވަކީލު އަހުމަދު ސިއްދީގު ވިދާޅުވެއްޖެއެވެ.
ސިއްދީގު މިފަދައިން ވިދާޅުވީ ފާއިތުވެދިޔަ 2 އަހަރުގެ ތެރޭގައި ފުލުހުންގެ ހިދުމަތަށް ހެޔޮބަދަލުތަކެއް ގެންނަން ފެށިފައިވާކަމަށް ކޮމިޝަން އޮފް ޕޮލިސް މުހައްމަދު ހަމީދު ގދ.މަޑަވެލީގައި ގާއިމްކުރި ޕޮލިސް ސްޓޭޝަން ރަސްމީކޮށް ހުޅުވައިދެއްވަމުން ދެއްކެވި ވާހަކައިގައި ފާހަގަކުރެއްވުމާ ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ.
ސިއްދީގު ވިދާޅުވީ ފާއިތުވެ ދިޔަ 3 އަހަރަކީ ދިވެހި ފުލުހުންގެ ހިދުމަތް ނިކަމެތިކޮށް، އެ ހިދުމަތުގެ ކަރާމަތާއި، ރައްޔިތުން ކުރާއިތުބާރު ގެއްލުވާލައި، ރައްޔިތުންގެ ނަފުރަތާއި، ރުޅިވެރިކަން ފުލުހުންނަށް އަމާޒުވި 3 އަހަރު ކަމުގައެވެ.
ފާއިތުވެ ދިޔަ 3 އަހަރަކީ ދިވެހި ފުލުހުންގެ ޚިދުމަތް ނިކަމެތިކޮށް ފުލުހުންގެ ޚިދުމަތުގެ ކަރާމަތާއި ، ރައްޔިތުން ކުރާއިތުބާރު ގެއްލުވާލައި، ރައްޔިތުންގެ ނަފުރަތާއި، ރުޅިވެރިކަން ފުލުހުން ނަށް އަމާޒުވެ 3 އަހަރު. ފުލުހުންނަށް މިނިވަންކަމާއެކު ތަޙްޤީޤު ކުރަން ހުރަސްއެޅި ތިންއަހަރެއް. pic.twitter.com/d6iMATM1Ac
— أَحْمَدُ صِدِّيْقُ (@AhmedSiddeeq) January 14, 2022
ސިއްދީގު ފާހަގަކުރެއްވިގޮތުގައި ފާއިތުވެދިޔަ 3 އަހަރުގެ ތެރޭގައި ފުލުހުންނަށް މިނިވަންކަމާއެކު ތަހުގީގު ކުރަން ސަރުކާރުން ވަނީ ހުރަސްއެޅާފައެވެ.
މިކަމާ ގުޅޭ އިތުރު ތަފްސީލް ”ބޮންތި“ އަށް ދެއްވަމުން ސިއްދީގު ވިދާޅުވީ ފުލުހުންގެ މައްޗަށް ޣައިރުގާނޫނީ އަމުރު ކުރުމާއި، ގާނޫނަށް އަހުލުވެރި ނުކުރުވައި ފުލުހުން މަގުމައްޗަށް ނެރުމުގެ ސަބަބުން އެ މުއައްސަސާއާއިމެދު އާންމުން ދެކޭގޮތް ބަދަލުވަމުންދާކަމުގައެވެ. އެއީ ގަސްތުގައި ފުލުހުންގެ އިއްޒަތް ނަގާލުމަށް ބަޔަކު އަޑީގައި ތިބެގެން ހިންގާ ޖަރީމާއެއްކަމަށް އޭނާ ވިދާޅުވިއެވެ.