އޮޅުވާލައިގެން އިދިކޮޅު ޕީއެންސީގެ ކައުންސިލް މެމްބަރެއް އެމްއެންޕީގައި ދަފްތަރުކުރިކަން ހާމަވެއްޖެއެވެ.
ދަނގެތީ ދާއިރާގެ މެންބަރު އަދި ކާނަލް ރިޓަޔަޑް މުހައްމަދު ނާޒިމް އިސްކޮށް ހުންނަވައި އުފެއްދި ސިޔާސީ ޕާޓީކަމަށްވާ އެމްއެންޕީގެ ދަފްތަރުގައި ހަސީބު އޮވެގެން އޭނާ ވަނީ އެޕާޓީގެ ފަރާތުން ފޯމެއް ހުށަހަޅާފައިވޭތޯ ބެލުމަށް މިމަހުގެ 2 ވަނަ ދުވަހު އިލެކްޝަން ކޮމިޝަން (އީސީ) އަށް ހުށަހަޅާފައެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން މައުލޫމާތު ހޯދަން އެދި ހަސީބު އީސީއަށް ފޯމު ހުށަހެޅުމުން އެ ކޮމިޝަނުން ވަނީ އެމްއެންޕީއިން އީސީއަށް ހުށަހެޅި ފޯމު ހިއްސާކޮށްފައެވެ. އެ ފޯމުގައި ހަސީބުގެ ފޯނު ނަންބަރު ދިމަލެއް ނުވެއެވެ.
ހެކިވެރިންގެ ގޮތުގައި ފޯމުގައި ސޮއިކޮށްފައިވާ ފަރާތްތަކަށް އެކަން ނޭނގޭކަންވެސް ”ބޮންތި“ އަށް ވަނީ އެނގިފައެވެ. އެގޮތުން ފޯމުގައި ސޮއިކޮށްފައިވާ އެއް ހެކިވެރިޔަކީ އެމްއެންޕީގެ އެއްވެސް މަސައްކަތެއްގައި މިހާތަނަށް އުޅެފައިވާ މީހެއް ނޫނެވެ. އަދި އޭނާ އަކީ އެއްވެސް ސިޔާސީ ޕާޓީއެއްގެ ދަފްތަރުގައިވެސް އޮތް މީހެއް ނޫނެވެ.
Tku @ElectionsMv Alhugadu soi kuri kamah bunaa form meega soi ves dhimaa Nu vey phone number ves dhimaanuvey @BonthiNews @VaguthuOnline @pncmv @PoliceMv @MNP_Secretariat pic.twitter.com/verYkbxP7M
— Abdul Haseeb Ibrahim (@hsaeebmv) January 14, 2022
ހަސީބުގެ ނަންބަރަށް ގުޅުމުން ފޯނު ނަގަނީ އެމްއެންޕީގެ ސިޔާސީ މަސައްކަތުގައި އުޅޭ ފަރާތެކެވެ.
މިކަމާ ގުޅިގެން ހަސީބު ”ބޮންތި“ އަށް ވިދާޅުވީ އެ މައްސަލައިގައި އެމްއެންޕީއާ ދެކޮޅަށް ދައުވާ ކުރާނެކަމުގައެވެ. މީގެ އިތުރުން ފިންގަޕްރިންޓް ވެރިފައި ކުރުމުގެ މަސައްކަތް އީސީއިން ކުރިކަމާމެދުވެސް އޭނާ ވަނީ ސުވާލު އުފައްދާފައެވެ.
ހަސީބުގެ ސިޔާސީ ހަޔާތުގެ ފެށުމަކީ ޑީއާރުޕީއެވެ. އެއަށްފަހު އޭނާ ޕީޕީއެމްގައި ހުރުމަށްފަހު ބަދަލުވީ އެ ޕާޓީގެ ފިކުރުގެ ތެރޭގައި އުފެދުނު ޕީއެންސީއަށެވެ. އަދި އޭނާގެ ސިޔާސީ ހަޔާތް ފެށުނީއްސުރެ އެހެން ފިކުރަކަށް ތާއީދު ކޮށްފައެއް ނުވެއެވެ.