ޚަބަރުސިޔާސީ

އިންތިހާބު ވަގަށް ނުނަގައިފިނަމަ ޕީޕީއެމަށް 2023 ކަށަވަރު: ރައީސް ޔާމީން

2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ވަގަށް ނުނަގައިފިނަމަ ޕީޕީއެމަށް އިންތިހާބު ކާމިޔާބު ކުރެވޭނެކަމުގައި ރައީސް ޔާމީން ވިދާޅުވެއްޖެއެވެ.

ހުސްވެފައިވާ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގައި ވާދަކުރައްވާ ޕީޕީއެމްގެ ކެނޑިޑޭޓު މޫސާ ފަތުހީގެ ކެމްޕެއިނަށް ބުރާސްފަތި ދުވަހު ކޮމަންޑޫއަށް ވަޑައިގެން ދެެއްކެވި ވާހަކަފުޅުގައި ރައީސް ޔާމީން ވިދާޅުވީ ސަރުކާރުން އިންތިހާބު ވަގަށް ނުނަގައިފިނަމަ ޕީޕީއެމަށް އިންތިހާބު ކަށަވަރުވާނެ ކަމުގައެވެ.

”ﷲގެ ރަހުމަތާއެކީ މި ނޫންގޮތަކަށް މިކަމެއް ނުހިނގާނެ. އެއީ އެކަން އޮތް ގޮތް. އަޅުގަނޑުމެން އެންމެން ހިތްދަތިކަމާ ކުރިމަތިލާންޖެހުނީ މިދިޔަ އިންތިހާބު ވަގަށް ނެގީމަ.“ ރައީސް ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވިގޮތުގައި ރާއްޖޭގައި އެންމެ ވިކޭ ފިކުރަކީ ބިނާކުރާ ފިކުރެވެ. އެއީ ތަރައްގީ ގެންނާނެ ފިކުރު ކަމަށާއި، ޒުވާނުންނަށް ވަޒީފާ ލިބެން ހުރި ކުންފުނިތައް ވިއްކާލާނެ ފިކުރު ނޫންކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޔާމީން ފާހަގަކުރެއްވިގޮތުގައި ކޮންމެ މަންމަ އަކާ ބައްޕައެއް ދެކެން ބޭނުންވާނީ އިސްލާމީ ހިދާޔަތުގެ ދަށުން އެބައެއްގެ ދަރިން ބޮޑެތިވެ، ރަނގަޅު އާމްދަނީއެއް ހޯދައި، ގައުމީ ކަންކަމުގައި އިސްކޮށް އުޅެ، އަމިއްލައަށް ބަސްބުނެވޭ ބަޔަކަށް ވުން ކަމުގައެވެ. އެކަމަކު މިއަދުގެ މަންޒަރު ބަދަލުވެ އެ ހުރިހާކަމެއް ބޮއްސުންލައި، ބޭރުގެ އިސްތިއުމާރީ ބާރެއްގެ ދަށުގައި ކުޑަކަކޫ ޖަހަންޖެހިފައި އޮތް ގައުމަކަށް ރާއްޖެ ވެފައިވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

”ކޮބައިތޯ މިއަދުގެ ސިޔާސީ ލީޑަރުންތައް؟ ކޮބައިތޯ ގައުމާއި ދީނުގެ ހައްގުގައި މަސައްކަތް ކުރެއްވި ކަމަށް ވިދާޅުވާ ބޭފުޅުން؟ އެބޭފުޅުން ރައްޔިތުން ކައިރިން މައާފަށް އެދެން ޖެހޭނެ. އިންޑިއާގެ އަސްކަރީ ސިފައިން ތިބޭކަށް އެންމެ ރައްޔިތަކުވެސް ނޭދޭ. އެކަމަކު އެއްކަލަ ސިޔާސީ ލީޑަރުން އެތިބީ ހައްޕު ކިޔައިގެން ދެއްތޯ“ ރައީސް ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވިގޮތުގައި ޕީޕީއެމަށް އިންތިހާބު ކާމިޔާބު ކުރެވޭނެ އެންމެ ބޮޑު ހެއްކަކީ ގައުމަށް މިއަދު ޖެހިފައިވާ ހާލަތުން އަރައިގަނެވޭނެ ގޮތަކީ އެ ޕާޓީ ވެރިކަމަށް އައުމަށް ރައްޔިތުން ކުރާ އުންމީދެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button