
ހުސްވެފައިވާ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ގޮނޑިއަށް އެންމެ ގާބިލް ކެނޑިޑޭޓަކީ ޕީޕީއެމްގެ ޓިކެޓުގައި އެދާއިރާއަށް ވާދަކުރައްވާ މޫސާ ފަތުހީ ކަމުގައި އެޕާޓީގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން މިފަދައިން ވިދާޅުވީ ބުރާސްފަތި ދުވަހު ކޮމަންޑޫއަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.
އެމަނިކުފާނު ފާހަގަކުރެއްވިގޮތުގައި ކޮމަންޑޫ ދާއިރާގެ ގޮނޑި ޕީޕީއެމުން ކާމިޔާބު ކުރަން ބޭނުންވަނީ އެދާއިރާގެ އަޑު ރައްޔިތުންގެ މަޖިލީހުގައި އިއްވުމަށެވެ.
”ކޮމަންޑޫ ދާއިރާއަކީ އިލްމުގެ ނާރެހެއް. މިތަނުން އުފައްދަނި އިލްމީ ދަރިންތަކެއް. ފަތުހީއަކީވެސް އިލްމީ އަދި ގާބިލް ބޭފުޅެއް. މިދާއިރާގެ އަޑު މަޖިލީހަށް އިއްވުމަށް އެންމެ ފައްކާ ބޭފުޅަކީ ފަތުހީ.“ ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވިގޮތުގައި ރައްޔިތުންގެ މަޖިލީހަކީ ޒިންމާތަކާ މަސްއޫލިއްޔަތުތަކެއް އުފުލަން ޖެހޭ ތަނަކަށްވާއިރު، ދާއިރާގެ ހުރި މައްސަލަތަކާ ގައުމީ މައްސަލަތަކާ ގުޅިގެން ސަރުކާރަށް އެންމެ ރަނގަޅު ލަފައެއް ދެވޭ އެއް ބާރަކީ މަޖިލީހެވެ.
”ގައުމަށް ދިމާވަނީ ކޮންކަހަލަ ގޮންޖެހުންތަކެއް ތޯ، ފާރަވެރިވާންވީ ކޮންކަމަކަށްތޯ، މިއީ ރައްޔިތުންގެ މަޖިލީހުން އިސްވެ ސަރުކާރަށް ލަފާދޭންޖެހޭ ކަންކަން.“ ރައީސް ޔާމީން ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ފަތުހީ އަކީ ކެރިގެން އެކަންކަމަށް ކުރިމަތިލައްވާނެ ބޭފުޅެއް ކަމުގައެވެ. އަދި ޕީޕީއެމުން އިސްލާމީ ވަހުދަތު ދަމަހައްޓައި، ވަތަނީ ވިސްނުން ކުރިޔަށް ނެރެން ކުރާ މަސައްކަތުގައި ފަތުހީ އަކީ މުހިންމު ބޭފުޅެއް ކަމުގައެވެ.