ދެންވެސް ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރާނީ ޕީޕީއެމް ސަރުކާރެެއްގައި ކަމުގައި އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގައި ވާދަކުރައްވާ ޕީޕީއެމްގެ ކެނޑިޑޭޓު މޫސާ ފަތުހީގެ ކެމްޕެއިނަށް ކޮމަންޑޫއަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި ކޮމަންޑޫގެ ބިން ހިއްކުމަށްފަހު ދެން އެންމެ ބޮޑު އިސްކަމެއް ދެއްވީ އެރަށުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯއްދެވުމަށް ކަމުގައެވެ.
ކޮމަންޑޫގެ ދެ ރަށްވަރުގެ ބޮޑު ބިމެއް ހިއްކައި، ރަށް ވަށައި ބޮޑު ހިލަ ޖެހީ ޔާމީންގެ ވެރިކަމުގައެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމަކުގައި ކޮމަންޑޫގައި ހެދި ސިއްހީ މަރުކަޒު އިތުރަށް ތަރައްގީކޮށް ފުޅާކުރުމާއި، އަތޮޅު ތައުލީމީ މަރުކަޒު މަރާމާތުކޮށް 2 ބުރީގެ އިމާރާތެއް އެޅުމާއި، ރަށްވެހިގެ ނުވަތަ އަތޮޅު އޮފީހުގެ އާބާތުރަ ފިލުވައި މަރާމާތުކުރުމާއި، ދެބުރީގެ މިސްކިތުގެ ފުރާޅު ރަނގަޅުކޮށް މިސްކިތް މަރާމާތުކޮށް ރީތި ކުރުމުގެ މަސައްކަތްވެސް ކުރީ ރައީސް ޔާމީންގެ ވެރިކަމުގައެވެ.
ކޮމަންޑޫ މަސްވެރިން މަހަށްގޮސްގެން ފައިސާ ހޯދައިގެން ރަށު ޖަމްއިއްޔާއިން އެޅި ރައްޔިތުންގެ އިންޖީނުގެ އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ސަރުކާރަށް ނެގުމަށްފަހު އޮތީ ބަދަލު ނުދީއެވެ. އަދި އިހަކަށް ދުވަހު ހުޅުވި އިންޖީނުގެއަކީ ޔާމީންގެ ވެރިކަމުގައި ހިއްކި ބިމުގައި ޓެންޑަރ ކޮށްގެން ފެށުނު މަޝްރޫއެކެވެ. އަދި އެތަނުގައި ހުރި ޖަނަރޭޓަރުތަކަކީ ކޮމަންޑޫ ރައްޔިތުން ކުރިން އަމިއްލައަށް ހޯދާފަ ހުރި ޖަނަރޭޓުތަކެކެވެ. ކަރަންޓުގެ ވިއުގަ ގުޅާފައި އޮތީ ކޮމަންޑޫ ރައްޔިތުންގެ ކޭބަލް ބޭނުން ކޮށްގެންނެވެ.
ކޮމަންޑޫ ފެނުގެ ނިޒާމަކީ ސިޔާސީ ޕާޓީތައް އުފެދުމުގެ މާކުރިން އަދ މާލެއަށް ފެނުގެ ހިދުމަތް ދިނުމުގެވެސް ކުރިން ފެންހޮޅި ގުޅައިގެން އިސްކުރާއި މީޓަރު ހަރުކޮށްގެން ބޭނުންކުރަންފެށި ހިދުމަތެކެވެ.
ރައީސް މައުމޫނުގެ ވެރިކަމުގައި ކޮމަންޑޫގައި އެޅި ނަރުދަމާގެ ނިޒާމު 2004 ވަނަ އަހަރުގެ ސުނާމީގަ ހަލާކުވުމާގުޅިގެން ރައީސް ޔާމީންގެ ވެރިކަމުގައި އެ ނިޒާމް ބަޔަކާ ހަވާލުކޮށް ސާވޭކޮށް ނިންމިއެވެ. ޔާމީންގެ ވެރިކަން ނިމި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމަށް 3 އަހަރު ފުރުނުއިރުވެސް އެ މަސައްކަތް އަދިވެސް އޮތީ ނުނިމިއެވެ.