ޚަބަރުސިޔާސީ

ފުއްގިރި މައްސަލަ: ރައީސް ޔާމީންގެ ޝަރީޢަތްތައް ”ފަޓާސްބަރި“ އެއްހެން ތާވަލްކޮށްފި

ރ. ފުއްގިރި މައްސަލައިގައި ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްގެ މައްޗަށް ދަޢުލަތުން ކުރާ ދަޢުވާތަކުގެ އަޑުއެހުންތައް ކުރިއަށް ގެންދިއުމަށް ފުލުފުލުގައި ޝަރީޢަތްތައް ތާވަލްކޮށްފިއެވެ.

ރައީސް ޔާމީންގެ މައްޗަށް ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުޢާމަލާތާއި ގުޅުވާ ދަޢުލަތުން ކޮށްފައިވާ ދަޢުވާތަކުގެ އަޑުއެހުންތައް އަންނަ ޖުލައި މަހަށް ފަސްކޮށްފައިވާއިރު މި މައްސަލައިގެ އަޑުއެހުންތައް އަންނަ ޖުލައި މަހުގެ 2، 4، 6، 9، 11، އަދި 13 ވަނަ ދުވަހަށް ކްރިމިނަލް ކޯޓުގައި ވަނީ ތާވަލް ކޮށްފައެވެ.

ފުއްގިރި މައްސަލައިގައި މިހާރު ކުރިއަށް ދަނީ ދައުލަތުގެ ފަރާތުން ހުށައަޅާ ހެކިންގެ ހެކިބަސް ނެގުމެވެ. މިހާތަނަށް ފަސް ފަރާތެއްގެ ހެކިބަސް ވަނީ ނަގާފަ އެވެ. އޭގެ ތެރޭގައި އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ކުށް ސާބިތުވެފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި، އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓާ އަބްދުالله ޒިޔަތުގެ ހެކިބަސް ހިމެނެއެވެ.

ފުއްގިރި މައްސަލަ އަވަސް ކޮށްލައިގެން ފަޓާސްބަރިއެއްހެން ކުރިއަށް ގެންދާތީ ރައީސް ޔާމިންގެ ފަރާތްޕުޅުން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. އަދި އެމަނިކުފާނު ނިސްބަތްވެ ވަޑައިގަންނަވާ ޕީޕީއެމް ޕީއެންސީ ކޯލިޝަނުންވެސް ދަނީ މިކަމާއި ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވާ ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަސައްކަތް ކުރައްވަމުންނެވެ.

ފުއްގިރި މައްސަލަ ”ފަޓާސްބަރި“ އެއްހެން ކުރިއަށް ގެންދާއިރު، ރައީސް ޔާމިންގެ ފަރާތްޕުޅުން ހައިކޯޓަށް ހުށައަޅުއްވާފައިވާ ވ. އާރަށު އިސްތިއުނާފު މައްސަލައަށް ހުރަސް އެޅޭގޮތަށް ކުރިއަށްދެންދާތީ، އެމަނިކުފާނުގެ އިސްތިއުނާފީ ޙައްޤުތަކަށް ހުރަސްއެޅިގެންދާކަމަށް ރައީސް ޔާމީން ވަނީ ފާހަގަކުރައްވާފަ އެވެ. އަދި އެމަނިކުފާނުގެ އިސްތިއުނާފަށް ހުރަސް ނޭޅޭގެ ފަދަ ގޮތަކަށް ދަށު ކޯޓުން ޝަރީއަތްތައް ތާވަލުކޮށްދިނުމަށްވެސް ރައީސް ޔާމީން ވަނީ އެދިވަޑައިގެންފަ އެވެ.

ހައިކޯޓުގެ އިސްތިއުނާފް މައްސަލައިގައި ރައީސް ޔާމީންގެ ފަރާތްޕުޅުން އެމަނިކުފާނުގެ ވަކީލް ޑރ. މުޙައްމަދު ޖަމީލް ވަނީ ޢީދު ބަންދަށް ދިއުމުގެ ކުރިން އަޑުއެހުންތައް ނިންމާލަދިނުމަށް އެދިވަޑައިގެންފައެވެ.

އެހެން ނަމަވެސް އެއަށް އެއްވެސް ޖަވާބެއް ނުދެއްވާ ދުރާލާ ތާވަލްކޮށްފައި އޮތްވާހަކަ ވިދާޅުވެ އެންމެފަހުން އޮތް އަޑުއެހުންތައް ވަނީ ނިންމާލައްވާފައެވެ.

ރައީސް ޔާމީނުގެ ފަރާތްޕުޅުން ހައިކޯޓަށް މިހާރު ހުށަހަޅުއްވާފައިވާ އިސްތިއުނާފް މައްސަލަ ބައްލަވާ 3 ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރު މުހައްމަދު ސަލީމު ޖުލައި މަހުގެ 16 ވަނަ ދުވަހުގައި ޗުއްޓީ ނަންގަވަން ނިންމަވާފައިވާއިރު، އިދިކޮޅުން ތުހުމަތުކުރާ ގޮތުގައި ހައިކޯޓުގެ ފަނޑިޔާރު ސަލީމު ޗުއްޓީ ނަންގަވަނީ ސަރުކާރުން ނުފޫޒު ފޯރުވައިގެން ހައިކޯޓުގައި އޮތް އިސްތިއުނާފު އަޑުއެހުން ކުރިއަށްގެންދިޔަނުދިނުމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button