
ކުރީގެ ރައީސް އަދި އިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް އަނެއްކާވެސް ކުރާ މަނީ ލޯންޑަރިންގެ ދައުވާ އަކާއި ރިޝްވަތު ގަބޫލުކުރެއްވި ކަމަށް ބުނެ ކުރާ ދައުވާއެއްގެ އިބުތިދާއީ އަޑުއެހުމެއް މާދަމާ ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފިއެވެ.
މާދަމާ ހެނދުނު 09:30 ގައި އޮންނަ އަޑުއެހުމަކީ ރިސޯޓެއްގައި ގޮތުގައި ތަރައްގީ ކުރުމަށް ވ.އާރަށް ކުއްޔަށް ދޫކުރުމުގައި ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާ ދެ ދައުވާއެކެބެ
މި މައްސަލައިގެ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި އެންމެ ފަހުން ބޭއްވީ މިމަހުގެ ދެވަނަ ދުވަހު 13:30 ގައެވެ. އެ މައްސަލައާ ގުޅޭ ބައެއް ލިޔެކިޔުންތައް ރައީސް ޔާމީންގެ ވަކީލުންނާ ހަވާލު ކުރީ އެދުވަހުގެ އަޑު އެހުން ފެށުމުގެ 1 ގަޑިއެއްހާއިރު ކުރިންނެވެ. އެކަމާގުޅިގެން ވަކީލުން ވިދާޅުވީ، އެއީ ލިޔެކިޔުން ދިރާސާކޮށް، ހުރިހާ ލިޔެކިޔުމެއް ހަމަތޯ ބެލުމެއް އެކަށީގެންވާ ވަގުތެއް ނޫންކަމުގައެވެ.
މި މައްސަލާގައި ރައީސް ޔާމީން ރިޝްވަތު ދެއްވިކަމަށް ތުހުމަތުކުރާ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޔޫސުފު ނަޢީމްވަނީ 4 ހަފުތާގެ މުހުލަތަކަށް އެދިވަޑައިގެންފައެވެ. އެކަމަކު އެ މައްސަލަ ބައްލަވާ ކުރިމިނަލް ކޯޓުގެ އިސް ގާޟީ އަހުމަދު ޝަކީލު އޭނާއަށް އެދުވަހު ދެއްވާފައިވަނީ 10 ދުވަހުގެ މުހުލަތެކެވެ.
މާދަމާ އޮންނަ އަޑުއެހުމަކީ ހައްގުތައް ކަށަވަރުކުރުމާއެކު ދައުވާ އިއްވުމާއި ދައުވާއަށް ޖަވާބުދާރީވުމަށް ބާއްވާ އަޑުއެހުމެކެވެ. އަދި މާދަމާގެ އަޑުއެހުމަށް ފަހު މި މައްސަލައިގެ އިތުރު އަޑުއެހުމެއް މި މަހުގެ 27 ވަނަ ދުވަހުވެސް އޮންނާނެއެވެ.