ޚަބަރުސިޔާސީ

އެންމެންގުޅިގެން އާ ޖޯޝެއްގައި ރައީސް ޔާމީން ރާއްޖޭގެ ޒަޢާމަތަށް ގެންނެވުމުގެ މަސައްކަތް ފަށަމާ: ޖަމީލް

މިއަހަރުގެ ރިޔާސީ އިންތިޚާބު އިދިކޮޅު ކެނޑިޑޭޓް ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމަށް ކާމިޔާބު ކޮށްދެއްވުމަށް އެންމެން ގުޅިގެން އާ ޖޯޝެއްގައި މަސައްކަތް ފެށުމަށް އިދިކޮޅުގެ ރަނިން މޭޓް ޑރ. މުޙައްމަދު ޖަމީލް އަހުމަދު ގޮވާލައްވައިފިއެވެ.

ޖަމީލް މިފަދައިން ވިދާޅުވީ މިއަދު އިދިކޮޅު ކޯލިޝަނުން އެ ކޯލިޝަންގެ ރަނިން މޭޓަކަށް ޑރ. ޖަމީލް ހަމަޖެއްސުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

ޖަމީލްގެ ޓްވީޓްގައި ވިދާޅުވީ ރައީސް ޔާމީންގެ ރަނިންގ މޭޓަކަށް އޭނާ އިޚްތިޔާރު ކުރެއްވީތީ އެމަނިކުފާނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވާ ކަމަށާއި، އަދި ޕާޓީގެ ލީޑަރޝިޕާއި ސެނެޓަރުންނާއި ޢާންމު މެންބަރުން ކުރައްވާ އިތުބާރަށް ވެސް ޝުކުރު އަދާކުރައްވާ ކަމަށެވެ.

މިއާއިއެކު ޖަމީލް ވިދާޅުވީ އެންމެން ގުޅިގެން އާ ޖޯޝެއްގައި ރައީސް ޔާމީން ރާއްޖޭގެ ޒަޢާމަތަށް ގެންނެވުމުގެ މަސައްކަތް ފެށުމަށް ގޮވާލައްވާފައެވެ.

ޖަމީލް ވިދާޅުވީ އޭނާގެ ލަޔާޤަތާއި ޤާބިލިއްޔަތު ތަންދިން އެންމެ ބޮޑަށް ކުރިއަށްއޮތް ރިޔާސީ އިންތިޚާބު ރައީސް ޔާމީންއަށް ކާމިޔާބުކޮށްދެއްވުމުގައި ދެމިހުންނާނެ ކަމުގެ ޔަޤީންކަން އަރުވާ ކަމަށެވެ.

އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ރަނިން މޭޓަކަށް އަނެއްކާވެސް ޑރ. މުޙައްމަދު ޖަމީލް އަޙުމަދު ހަމަޖައްސަން ނިންމިކަން އެ ކޯލިޝަނުން ވަނީ އިޢުލާނުކޮށްފައެވެ.

މިއަހަރުގެ ސެޕްޓެމްބަރު 9 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރާ ކެނޑިޑޭޓުން ފޯމު ހުށަހެޅުމުގެ މުއްދަތު އަންނަ މަހު 7 ކަށް ހަމަވާއިރު، އިންތިޚާބުގައި ވާދަކުރާނެކަން އިޢުލާން ކޮށްފައިވާ އެއްވެސް ކެނޑިޑޭޓަކު އަދި ރަނިން މޭޓު އިއުލާން ކޮށްފައެއްނުވެއެވެ.

އިދިކޮޅުން އެންމެ ފުރަތަމަ ރަނިން މޭޓް އިޢުލާންކުރުމާއި ގުޅޭގޮތުން ރައީސް ޔާމީންގެ ކެމްޕެއިން މެނޭޖަރު، ކެޕްޓަން މުހައްމަދު އަމީން މީޑިއާތަކަށް ވިދާޅުވި ގޮތުގައި ޔާމީންގެ ރަނިންމޭޓް ކަމަށް، އެމަނިކުފާނުގެ ޤާނޫނީ ވަކީލުންގެ ޓީމުގައިވެސް ހިމެނިވަޑައިގަންނަވާ ޑރ. ޖަމީލް ހަމަޖައްސަވަން މިހާރު ވަނީ ނިންމާފަ އެވެ.

އެގޮތުން ރައީސް ޔާމީންގެ ކެނޑިޑެސީ ފޯމުގައި ކަރެކްޝަންސް މެދުވެރިކޮށް އެމަނިކުފާނު ސޮއިކުރައްވާފައި ވާއިރު، ފޯމު ލާނީ ޖަމީލް ރަނިން މޭޓުގެ ގޮތުގައި ހިމަނާފައި ކަމަށް އޭނާ ވިދާޅުވި އެވެ.

2013 ވަނަ އަހަރު ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވި އިރު ރަނިން މޭޓަކަށް ހުންނެވި ޖަމީލް ވަނީ 2015 ވަނަ އަހަރުގެ މެދާ ހިސާބަށް ރައީސް ޔަމީންގެ ނައިބު ރައީސްގެ ގޮތުގައި ހުންނަވާފައެވެ. އެހެންނަމަވެސް ޖަމީލްގެ އިތުބާރު ނެތް ކަމަށް މަޖިލީހުން ފާސްކޮށް، އޭނާ އެ މަޤާމުން އޭރު ވަނީ ވަކިކޮށްފައެވެ.

ޑރ. ޖަމީލް ރަނިން މޭޓްގެ ގޮތުގައި ހަމަ ޖެއްސުމާއިއެކު އިދިކޮޅު ލީޑަރޝިޕުން ވަނީ އެމަނިކުފާނަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button