ޚަބަރުސިޔާސީ

އާރްޑީސީގެ މުވައްޒަފުންނަށް މުސާރަ ނުލިބޭ ކަމުގެ ޝަކުވާއެއް

ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ)ގެ މުވައްޒަފުންނަށް އަދިވެސް މުސާރަ ނުދޭ ކަމަށް އެމްޑީޕީގެ ކުޑަހުވަދޫ ދާއިރާގެ ސެކްރެޓަރީ އަދި ކުޑަހުވަދޫ ޒުވާނުންގެ ހިތްވަރު ގޮފީގެ ރައީސް މުހައްމަދު އަޒުވަރު ވިދާޅުވެއްޖެއެވެ.

އަޒުވަރު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ އާރްޑީސީގެ މުވައްޒަފުންނަށް އަދިވެސް މުސާރަ ނުދޭކަމަށާއި، މި އަންނަ ހަފްތާ ނިމޭއިރު މުސާރަ ދެވޭނެހެން ހީވާ ކަމުގައެވެ. އަދި ބިލްތައް ނުދެއްކި އެތަކެއް އާއިލާއެއް ތިބޭނެ ތޯ އަޒުވަރު ސުވާލު އުފައްދަވާފައިވެއެވެ.

މި ޓްވީޓްގައި އާރްޑީސީ ބަނގުރޫޓް ވެއްޖެކަމާއި އެކުންފުނީގެ މެނޭޖިންގް ޑިރެމްޓަރ އަދި އެމްޑީޕީގެ މަޑުއްވަރީ ދާއިރާގެ ރައީސް މޫސާ ޢަލީ މަނިކު ޓެގްކޮށް، މިސަރުކާރާއި، މޫސަގެ ޕަފޯމަންސަކީ މިއީ ތޯ ސުވާލު އުފައްދަވާފައިވެއެވެ. ”ސަރުކާރު ފެއިލް“ އަދި ”އިބޫ 2023 ޗޮކުން“ މި ދެ ހޭޝްޓެގް ޓުވީޓުގައި ހިމެނިފައިވާކަން ފާހަގަކޮށްލެވެެވެ.

އާރްޑީސީގެ މުސާރަ އެ ކުންފުނީގެ މުވައްޒަފުންނަށް ނުލިބި ލަސްވާތާ މިއީ ދެވަނަ ފަހަރެވެ. މިދިޔަ އަހަރުގައިވެސް މުސާރަ ނުލިބި ލަސްވެފައިވާކަން ފާހަގަކޮށްލެވެއެވެ.

މިކަމާގުޅިގެން އެ ކުންފުނީގެ މުވައްޒަފަކު ”ބޮންތި“ އަށް މައުލޫމާތު ދެމުން ބުނީ އުސޫލެއްގެ ގޮތުން ކޮންމެ މަހެއްގެ ވެސް 10 ގެ ކުރިން މުސާރައިގެ މައްސަލައެއް ނުޖެއްސޭނެ ކަމަށާއި، އެއީ ކޮންޓްރެކްޓްގައިވެސް އޮންނަ ގޮތް ކަމުގައެވެ. އަދި އެ ކުންފުނިން ބަރާބަރަށް މުސާރަ ދެމުން އަންނަ ކަމުގައި އޭނާ ބުންޏެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button