ޚަބަރުސިޔާސީ

ދިއްފުށީ ބިން ހިއްކާއިރު ގިރާ ސަރަހައްދުގެ މައްސަލަވެސް ހައްލު ކޮށްދޭނަން: ރައީސް ސޯލިހު

ކ.ދިއްފުށީ ބިން ހިއްކާއިރު ގިރާ ސަރަހައްދުގެ މައްސަލަވެސް ހައްލު ކޮށްދެއްވާނެ ކަމުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހު މިފަދައިން ވިދާޅުވީ ދިއްފުށީ ކައުންސިލްގެ މެންބަރުންނާ ރައީސް އޮފީހުގައި މިއަދު މެންދުރުފަހު ބޭއްވި ބައްދަލުވުމެއްގައެވެ.

މިބައްދަލުކުރެއްވުމުގައި ރައީސް ވަނީ ދިއްފުށީ ބިންހިއްކައި ތަރައްގީކުރުމަށް ސަރުކާރުން ގެންގުޅުއްވާ ޕްލޭން ކައުންސިލާއި ހިއްސާކުރައްވާފައެވެ. އެގޮތުން ބިންހިއްކާއިރު ގިރާސަރަޙައްދުގެ މައްސަލަވެސް ހައްލު ކުރެވިގެންދާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ފުލުހުންގެ ހިދުމަތް މުޅިރާއްޖެއަށް ފުޅާކުރުމަށް ސަރުކާރުން ގެންގުޅުއްވާ ޕްލޭނާއި، ރަށްރަށަށް ބޭނުންވާ މިންވަރަށް އެމްބިއުލަންސް ހަމަކުރުމަށް ސަރުކާރުން ކުރިޔަށްގެންދާ މަސައްކަތްތަކާއި އަދި ކައުންސިލުން ފާހަގަކުރެއްވި އިތުރު ކަންކަމުގެ އެންމެފަހުގެ މައުލޫމާތުތައް އެމަނިކުފާނު ދިއްފުށީ ކައުންސިލަރުންނާ ހިއްސާކުރެއްވިއެވެ.

އެރަށު ކައުންސިލުން ވަނީ ރަށްގިރުމުގެ މައްސަލައާއި، ސިނާއީ ސަރަހައްދަށް ފެނާއި ނަރުދަމާގެ ހިދުމަތް ދިނުމާ ގުޅޭގޮތުންނާއި، ރަށުގެ ބިންހިއްކުމާއި، ސިއްހީ މަރުކަޒުގެ ހިދުމަތް ފުޅާކޮށް ލެބޯޓްރީގެ ހިދުމަތް އަވަހަށް ފެށުމަށް ބޭނުންވާކަމާއި، ރަށަށް އައު އެމްބިއުލަންސްއެއް ބޭނުންވާކަމާއި، ސްކޫލުގައި އޭލެވެލް ފެށުމާއި، މަލްޓިޕާޕަސް ހޯލެއްގެ މުހިންމުކަމާއި އިތުރު މިސްކިތެއްގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. މީގެ އިތުރުން މިހާރު ކުރިޔަށްދާ ފުޓްބޯޅަދަނޑު ތަރައްޤީކުރުމާއި، އައުޓްޑޯޖިމްގެ މަސައްކަތް އަވަސްކުރުމާއި ގުޅޭގޮތުންނާއި، ރަށަށް ފުލުހުންގެ ހިދުމަތް ބޭނުންވާކަމާއި އަދި މި ނޫންވެސް ރަށުގެ އިގްތިސާދީ އިޖްތިމާއީ ތަރައްގީއަށް މުހިންމު ކަންތައްތައް ކައުންސިލަރުން ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ވަކިރަށެއް ތަފާތުކުރުމެއްނެތި ރައްޔިތުންނަށް ބޭނުންވާ ތަރައްގީގެ ކަންކަން ސަރުކާރުން ފުރިހަމަކޮށްދެއްވަމުން ގެންދަވާނެކަން ފާހަގަކުރައްވާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button