އެމްޑީޕީ ފިޔަވައި ށ.ކޮމަންޑޫއަށް ކަމެއް ކޮށްދިން ބަޔަކު ނޫޅޭކަމަށް ވިދާޅުވެ ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒް އިތުރުފުޅު ހައްދަވައިފިއެވެ.
ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގައި ވާދަކުރާ އެމްޑީޕީގެ ކެނޑިޑޭޓުގެ ކެމްޕެއިން ލޯންޗު ކުރުމުގެ ޖަލްސާގައި ހުކުރު ދުވަހު ވާހަކަ ދައްކަވަމުން ޝިފާޒު ވިދާޅުވީ ޝަމްސުއްދީނުގެ ވެރިކަމަށްފަހު މިއަދާ ހަމައަށް ގާބުރިއެއްހާ މިންވަރުވެސް ކޮމަންޑޫއަށް އިތުރުވެފަ އޮތީ އެމްޑީޕީއަށް ވެރިކަން ކުރަން ލިބުނު ފުރުސަތުގައި ކަމުގައެވެ.
”ޗެލެންޖު ކޮށްފަ މި ދަންނަވަނީ އެހެން އެއްވެސް ވެރިކަމެއްގަ ވީކަމެއް ނޯންނާނެ.“ ޝިފާޒު ވިދާޅުވިއެވެ.
ޝިފާޒު މިވަރުގެ ބޮޑު އިތުރުފުޅެއް ހެއްދެވިއިރު ކޮމަންޑޫގެ ދެ ރަށްވަރުގެ ބޮޑު ބިމެއް ހިއްކައި ވަށާ ބޮޑު ހިލަ ޖެހީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ވެރިކަމުގައެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމަކުގައި ހެދި ސިއްހީ މަރުކަޒު އިތުރަށް ތަރައްގީކޮށް ފުޅާކުރުމާއި، އަތޮޅު ތައުލީމީ މަރުކަޒު މަރާމާތުކޮށް 2 ބުރީގެ އިމާރާތެއް އެޅުމާއި، ރަށްވެހިގެ ނުވަތަ އަތޮޅު އޮފީހުގެ އާބާތުރަ ފިލުވައި މަރާމާތުކުރުމާއި، ދެބުރީގެ މިސްކިތުގެ ފުރާޅު ރަނގަޅުކޮށް މިސްކިތް މަރާމާތުކޮށް ރީތި ކުރުމުގެ މަސައްކަތްވެސް ކުރީ ރައީސް ޔާމީންގެ ވެރިކަމުގައެވެ.
ކޮމަންޑޫ މަސްވެރިން މަހަށްގޮސްގެން ފައިސާ ހޯދައިގެން ރަށު ޖަމްއިއްޔާއިން އެޅި ރައްޔިތުންގެ އިންޖީނުގެ އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ސަރުކާރަށް ނެގުމަށްފަހު އޮތީ ބަދަލު ނުދީއެވެ. އަދި އިހަކަށް ދުވަހު ހުޅުވި އިންޖީނުގެއަކީ ޔާމީންގެ ވެރިކަމުގައި ހިއްކި ބިމުގައި ޓެންޑަރ ކޮށްގެން ފެށުނު މަޝްރޫއެކެވެ. އަދި އެތަނުގައި ހުރި ޖަނަރޭޓަރުތަކަކީ ކޮމަންޑޫ ރައްޔިތުން ކުރިން އަމިއްލައަށް ހޯދާފަ ހުރި ޖަނަރޭޓުތަކެކެވެ. ކަރަންޓުގެ ވިއުގަ ގުޅާފައި އޮތީ ކޮމަންޑޫ ރައްޔިތުންގެ ކޭބަލް ބޭނުން ކޮށްގެންނެވެ.
ކޮމަންޑޫ ފެނުގެ ނިޒާމަކީ ސިޔާސީ ޕާޓީތައް އުފެދުމުގެ މާކުރިން އަދ މާލެއަށް ފެނުގެ ހިދުމަތް ދިނުމުގެވެސް ކުރިން ފެންހޮޅި ގުޅައިގެން އިސްކުރާއި މީޓަރު ހަރުކޮށްގެން ބޭނުންކުރަންފެށި ހިދުމަތެކެވެ.
ރައީސް މައުމޫނުގެ ވެރިކަމުގައި ކޮމަންޑޫގައި އެޅި ނަރުދަމާގެ ނިޒާމު 2004 ވަނަ އަހަރުގެ ސުނާމީގަ ހަލާކުވުމާގުޅިގެން ރައީސް ޔާމީންގެ ވެރިކަމުގައި އެ ނިޒާމް ބަޔަކާ ހަވާލުކޮށް ސާވޭކޮށް ނިންމިއެވެ. ޔާމީންގެ ވެރިކަން ނިމި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމަށް 3 އަހަރު ފުރުނުއިރުވެސް އެ މަސައްކަތް އަދިވެސް އޮތީ ނުނިމިއެވެ.
ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގައި ވާދަކުރާ އެމްޑީޕީގެ ކެނޑިޑޭޓުގެ ކެމްޕެއިން ލޯންޗު ކުރުމުގެ ޖަލްސާއަށް ރައީސް ސޯލިހު ވަޑައިގަތުމުން އެމަނިކުފާނަށް ވަކި ފެން ލައިނެއް ގާއިމްކޮށްދިނުމަށްފަހު ރަށްޔިތުންނަށް ސާފު ފެނުގެ ދަތިކަން ކުރިމަތިވެފައިވާކަމަށްވެސް ”ބޮންތި“ އަށް ވަނީ އެނގިފައެވެ. އެގޮތުން ވަޒީފާގެ ބިރަށްޓަކައި ނަން ނުޖެހުމަށް ޝަރުތުކޮށް އެރަށުން ވާހަކަ ދެއްކި މީހަކު ބުނިގޮތުގައި ރަށަށް 3 ގަޑިއެއްހާއިރު ފެން ނުލިބި ދިޔައެވެ.
”އަޅުގަނޑުމެން ގައިން ތާހިރުނުވެ ތިއްބާ ފެން ލައިނެއް ނަގައިގެން ރައީސް ސޯލިހު އަށް ފެން ދިނީ. ރަށު ރައްޔިތުންނަށް 3 ގަޑިއިރު ފެން ނުލިބި ދިޔަ. މިދެން ކިހާބޮޑު މުސީބާތެއް“ އޭނާ ބުންޏެވެ.
އެމްޑީޕީ ފިޔަވައި ކޮމަންޑޫއަށް ކަމެއް ކޮށްދިން ބަޔަކު ނޫޅޭކަމަށް ޝިފާޒު ވިދާޅުވިއިރު، އެރަށުގެ ބިން ހިއްކައި ތޮށި ލައިދޭނެކަމަށް އެމްޑީޕީ އިން 2009 ގައި ވައުދު ވިއެވެ. އަދި 300 ހައުސިންގް ޔުނިޓް އަޅައިދޭނެކަމަށް އެ ޕާޓީއިން ވަނީ 2010 ވަނަ އަހަރު ވައުދުވެފައެވެ. އެކަމަކު އެއިން އެއްވެސް ކަމެއް ނުކުރެވެއެވެ.
2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ރައީސް ސޯލިހު ވަނީ ކޮމަންޑޫ ކައިރީގަ އޮންނަ މަތިކޮމަންޑޫ އެއާޕޯޓަކަށް ހައްދަވައިދެއްވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ. އެކަމަކު އެމްޑީޕީގެ ކެނޑިޑޭޓުގެ ކެމްޕެއިން ލޯންޗު ކުރުމުގެ ޖަލްސާގައި ރައީސް ސޯލިހު ވިދާޅުވީ އެ ދެރަށް ކޯޒުވޭއަކުން ގުޅައިދެއްވާނެ ވާހަކައެވެ. އެމަނިކުފާނު އެހެން ވިދާޅުވިއިރު، އެއީ ބަޖެޓުގައި ނުހިމެނޭ ކަމެކެވެ.، އަދި އެކަމަށް ހަދަންޖެހޭ އީއައިއޭވެސް އޮތީ ނަހަދައެވެ. އަދި އެއީ މިފަހަރުގެ ބައި އިލެކްޝަނަށް ރައީސް ވެވަޑައިގެންނެވި ”އައު“ ވައުދެކެވެ.