ޚަބަރުސިޔާސީ

6 ކުދިންނަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތު ކުރެވޭ މީހާ ދޫކޮށްލި މައްސަލަ ކޮމެޓީއަށް ހުށަހަޅަނީ

6 ކުދިންނަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތު ކުރެވޭ މީހާ ކްރިމިނަލް ކޯޓުން ދޫކޮށްލި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ކަމާ ގުޅުން ހުރި ކޮމެޓީތަކަށް ހުށަހަޅުއްވަން ނައިފަރު ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ނިންމަވައިފިއެވެ.

މެންބަރު ޝިޔާމް ކުރެއްވި ޓުވީޓެއްގައި ވަނީ އިންޑިޔާ އައުޓު ބެނާތައް ނަގަން ކޯޓު އަމުރު ނެރެ ނުދިން ފަނޑިޔާރުގެ މައްސަލަ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލައި ފިޔަވަޅުއެޅިއިރު 6 ކުދިންނަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތު ކުރެވޭ ފަރާތް ދޫކޮށްލި ފަނޑިޔާރުގެ މައްސަލަ ނުބެލުމުން ކަންބޮޑުވުން ފާޅުކުރައްވާފައެވެ. 

”އިންޑިޔާ އައުޓު ބެނާތައް ނަގަން ކޯޓު އަމުރު ނެރެނުދިން ފަނޑިޔާރުގެ މައްސަލަ ޖޭއެސްސީއިން ބަލައި ފިޔަވަޅުއެޅިއިރު، މި ރަންނަމާރިއެއް ދޫކުރި ފަނޑިޔާރުގެ މައްސަލަބަލަން ނުކެރިގެން މިއުޅެނިއްޔޯ!؟“ ޝިޔާމް ވިދާޅުވިއެވެ. 

ޝިޔާމްގެ ޓުވީޓަށް ރިޕްލައި ކުރި މީހަކު ބުނީ މިހާރު މިއޮތީ ރައްޔިތުން މަގުމައްޗަށް ނިކުމެ އިންސާފު ހޯދަންވީ ވަގުތު އައިސް ޖެހިފައި ކަމުގައެވެ. އަދި ކޮމިޓީ އަކަށް ހުށަހަޅައިގެން މިފަދަ ކަންކަން ހައްލު ނުވާނެ ކަން އޭނާ ފާހަގަކުރިއެވެ.

”މިހާރު“ ނޫހުން ރިޕޯޓު ކޮށްފައިވާގޮތުގައި އެއް އާއިލާއެއްގެ 6 ކުއްޖަކަށް ޖިންސީ ގޯނާ ކޮށްގެން މިދިޔަ މަހު ހައްޔަރު ކުރީ އުމުރުން 55 އަހަރުގެ މީހެކެވެ. އޭނާ އަކީ ވިޔަފާރި ކުންފުންޏެއްގެ އިސް މަގާމެއް އަދާކުރަމުން އަންނަ މީހެކެވެ. އެއީ ޅިޔަނެއް ކަމުގައި ކުއްޖެއްގެ މަންމަ ”މިހާރަށް“ ކިޔައިދީފައިވެއެވެ. އަދި ކުދިންނަށް ޖިންސީ ގޯނާ ލިބުނީ 2017 ވަނަ އަހަރުގައި ކަމަށާއި، އެކަން އެނގުނީ 2019 ވަނަ އަހަރުގައި ކަމަށްވެސް ބުނެފައިވެއެވެ.

އެ ނޫހުން ބުނިގޮތުގައި ޖިންސީ ގޯނާގެ ޝިކާރައަކަށްވި ތިން ކުއްޖަކަށް މިހާރު ވަނީ 18 އަހަރު ފުރިފައެވެ. އަދި އަަނެއް ތިން ކުދިންނަކީ އަދިވެސް 18 އަހަރުން ދަށުގެ ކުދިންނެެވެ.

ތުހުމަތު ކުރެވޭ މީހާ ބަންދުން ދޫކޮށްލި މައްސަލަ އިސްތިއުނާފް ކުރަން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން މިހާރު ވަނީ ނިންމާފައެެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button