ޚަބަރުސިޔާސީ

”އިންޑިއާ އައުޓް“ ދިވެހި ބަހުން ޓީޝާޓުގައި ލިޔުމަށް ފުލުހުން އަންގައިފި

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް އިދިކޮޅުން ސިލްސިލާގޮތެއްގައި ކުރިޔަށް ގެންދާ ”އިންޑިއާ އައުޓް“ ކެމްޕެއިނުގައި ބޭނުން ކުރާ ޓީޝާޓުގައި އެބަސް ދިވެހި ބަހުން ލިޔުމަށް ފުލުހުން އަންގާފައިވާކަމަށް އިދިކޮޅުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

ހީނާ މިކަން ހާމަކުރައްވާފައިވަނީ ޕީޕީއެމްގެ މީޑީއާ ގްރޫޕުގައެވެ.

”ފުލުހުން އަންގަނީ އިންޑިއާ އައުޓް ޓީޝާޓު ލައިގެން ނުތިބެވޭނެކަމަށް. އަދި އިންޑިއާ އައުޓް ދިވެހިން ލިޔުމަށް.“ ހީނާ ވިދާޅުވިއެވެ.

އިދިކޮޅުން މާދަމާ ބާއްވާ “އިންޑިއާ އައުޓް” ކެމްޕެއިން އިއުލާންކުރުމާއެކު ޕީޕީއެމްގެ އެކްޝަން ޑިޕާޓުމަންޓުގެ ޗެއަރ އަދި ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއިލް ވަނީ މިއަދު ހަވީރު ހައްޔަރުކޮށްފައެވެ.

މުހައްމަދުގެ އިތުރުން މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް އާއި، ޕީޕީއެމްގެ ޒުވާނުންގެ ގޮފީގެ މެންބަރު އަބްދުﷲ ޝާޔަން އާއި، އާއިޝަތު ނުހާ އާއި، އިތުރު ދެ މީހަކުވެސް ވަނީ  ހައްޔަރުކޮށްފައެވެ.

މުހައްމަދު އިސްމާއިލް ހައްޔަރުކޮށްފައިވަނީ މާދަމާ ހަވީރު 3:45 ގައި ޕީޕީއެމް އޮފީސް ކައިރިން “އިންޑިއާ އައުޓް” ކެމްޕެއިން ފެށިގެންދާނެކަން ނުސްވެރިންނާ ބައްދަލު ކުރައްވައި އޭނާ އިއުލާން ކުރެއްވިތާ 30 މިނިޓު ތެރޭގައެވެ.

އިއްޔެ ހަވީރުގެ ވަގުތެއްގައިވެސް މުހައްމަދު ހައްޔަރުކޮށްފައިވެއެވެ. އަދި އޭނާ ދޫކޮށްލާފައިވަނީ ރޭ ދަންވަރު 12:30 އެހާކަންހާއިރެވެ. އެހެންކަމުން މުހައްމަދު ހައްޔަރުން ދޫކޮށްލިތާ އަދި 24 ގަޑިއިރު ނުވެއެވެ.

އިންޑިއާ އައުޓް ޓީޝާޓު ނުލުމަށާއި އެ ހަރަކާތް ހުއްޓުވާލާނެކަމުގެ އިންޒާރު ފުލުހުން އަންނަނީ ކެނޑިނޭޅި ދެމުންނެވެ. އެކަމަކު އެއީ ކޮން ގާނޫނެއްގެ ދަށުން ކަމެއް ނޭނގެއެވެ.

މިކަމާ ގުޅިގެން ”ބޮންތި“ އިން ފުލުހުންނާ ސުވާލު ކުރުމުން އެއްވެސް ޖަވާބެއް ދީފައެއް ނުވެއެވެ.

ސަރުކާރުން ވަނީ އިންޑިއާ އައުޓް ކެމްޕެއިން ހުއްޓުވާނެކަމުގެ އިންޒާރު މީގެ ކުޑަ ދުވަސްކޮޅެއް ކުރިން ދީފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button