ޚަބަރު

މާލެ ފުރަބަންދު ކުރަން ”އަދި“ ނުނިންމަން: މަބްރޫކް

މާލެ ފުރަބަންދު ކުރަން ”އަދި“ ނިންމާފައި ނުވާކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

މަބްރޫކު މިހެން ވިދާޅުވީ މާލެ ފުރަބަންދު ކުރުމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) އިން ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް ”ވަގުތު“ ނޫހުން ރިޕޯޓް ކުރުމާގުޅިގެންނެވެ. އެ ނޫހުން ބުނެފައިވާގޮތުގައި އަންނަ އަންގާރަ ދުވަހު މާލެ ފުރަބަންދު ކުރާނެ ކަމަށް ވެއެވެ. އެކަމަކު މަބްރޫކް މިކަން ދޮގުކުރެއެވެ.

ހަވީރު 16:00 އިން ފަތިހު 04:00 އަށް މާލެ ސަރަހައްދުގައި މިހާރުވެސް ދަނީ ކާފިއު ހިންގަމުންނެވެ. މާލެ ފުރަބަންދު ކުރުމުގެ އަޑުތަކެއް ފެތުރިފައި މިވަނީ ކޮވިޑް-19 ގެ ހާލަތު ރާއްޖޭގައި ވަރަށް ބޮޑަށް ގޯސްވެފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 1،698 މީހުން މިބައްޔަށް ފައްސިވެފައިވެއެވެ. އަދި ބައްޔަށް ފަރުވާ ދިނުމުގައި ސިއްހީ ހިދުމަތްތެރިންނަށް ބޮޑެތި ގޮންޖެހުންތަކެއް ދަނީ ކުރިމަތިވަމުންނެވެ.

ކޮވިޑު-19 ގެ ހާލަތު ރަނގަޅަށް ނުބެލެހެއްޓުމުގެ ބޮޑެތި ތުހުމަތުތަކެއްވެސް ރައީސް ސޯލިހުގެ ކޯލިިޝަން ސަރުކާރަށް އަމާޒުވެފައިވެއެވެ. އޭގެ ތެރޭގައި ކޮރަޕްޝަންގެ މައްސަލަތައް ފެންމަތިވުމާއި، ވަގުތާ ހާލަތަށް ރިއާޔަތްކޮށް އެކަށީގެންވާ ފިޔަވަޅު އެޅުމުގައި ލަސްވުމާއި، ވަގުތު ފާއިތުވާފަހުން އަޅާ ފިޔަވަޅުތަކުން ހާލަތު ބަދަލު ނުކުރެވުން ހިމެނެއެވެ. ހަމަ އެހެންމެ ދެކޮޅު ނުޖެހޭ އުސޫލުތަކާއި ގަވައިދުތައް ހެދުންވެސް ހިމެނެއެވެ. އެގޮތުން އަވަށްޓެރި އިންޑިއާގެ ހާލަތު ގޯސްވެފައިވާއިރު، ދާދި ފަހުން މޯލްޑިވިއަން އިން އިންޑިއާގެ ކޮޗިނަށް ދަތުރުތައް ފަށާފައިވެއެވެ. އެކަމަކު ޒަރޫރީ ހާލަތެއް މެދުވެރިވެގެން ނޫނީ ރާއްޖޭގެ އެއްރަށުން އަނެއް ރަށަކަށް ދަތުރެއް ނުކުރެވެއެވެ.

ހާލަތު ގޯސްވުމުގެ މަލަމަތި ފެންނަމުން ދިޔަ ދުވަސްވަރުގައި ރާއްޖެއިން ބޭރުން އަންނަ ދިވެހިން ކަރަންޓީނު ކުރިއިރު، ފަތުރުވެރިން ކަރަންޓީނު ނުކުރުމަކީވެސް ސަރުކާރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެގެން ދިޔަ ކަމެކެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

އިތުރު ކިޔާލުމަށް
Close
Back to top button