ޚަބަރުސިޔާސީ

އިދިކޮޅުން މާދަމާ ބާއްވާ ”އިންޑިއާ އައުޓް“ ކެމްޕެއިން އިއުލާންކުރުމާއެކު މުހައްމަދު އިސްމާއިލް ހައްޔަރުކޮށްފި!

އިދިކޮޅުން މާދަމާ ބާއްވާ ”އިންޑިއާ އައުޓް“ ކެމްޕެއިން އިއުލާންކުރުމާއެކު ޕީޕީއެމްގެ އެކްޝަން ޑިޕާޓުމަންޓުގެ ޗެއަރ އަދި ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއިލް ހައްޔަރުކޮށްފިއެވެ.

މުހައްމަދުގެ އިތުރުން މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް އާއި، ޕީޕީއެމްގެ ޒުވާނުންގެ ގޮފީގެ މެންބަރު އަބްދުﷲ ޝާޔަން އާއި، އާއިޝަތު ނުހާ އާއި، އިތުރު ދެ މީހަކުވެސް ވަނީ ދާދި ދެންމެއަކު ހައްޔަރުކޮށްފައެވެ.

މުހައްމަދު އިސްމާއިލް ހައްޔަރުކޮށްފައިވަނީ މާދަމާ ހަވީރު 3:45 ގައި ޕީޕީއެމް އޮފީސް ކައިރިން ”އިންޑިއާ އައުޓް“ ކެމްޕެއިން ފެށިގެންދާނެކަން ނުސްވެރިންނާ ބައްދަލު ކުރައްވައި އޭނާ އިއުލާން ކުރެއްވިތާ 30 މިނިޓު ތެރޭގައެވެ.

އިއްޔެ ހަވީރުގެ ވަގުތެއްގައިވެސް މުހައްމަދު ހައްޔަރުކޮށްފައިވެއެވެ. އަދި އޭނާ ދޫކޮށްލާފައިވަނީ ރޭ ދަންވަރު 12:30 އެހާކަންހާއިރެވެ. އެހެންކަމުން މުހައްމަދު ހައްޔަރުން ދޫކޮށްލިތާ އަދި 24 ގަޑިއިރު ނުވެއެވެ.

އިންޑިއާ އައުޓް ޓީޝާޓު ނުލުމަށާއި އެ ހަރަކާތް ހުއްޓުވާލާނެކަމުގެ އިންޒާރު ފުލުހުން އަންނަނީ ކެނޑިނޭޅި ދެމުންނެވެ. އެކަމަކު އެއީ ކޮން ގާނޫނެއްގެ ދަށުން ކަމެއް ނޭނގެއެވެ.

އިދިކޮޅުގެ ތަރުޖަމާނު ހީނާ ވަލީދު މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވައި ވިދާޅުވީ ”އިންޑިއާ އައުޓް“ ދިވެހި ބަހުން ލިޔުމަށް ފުލުހުން އަންގަމުން ގެންދާ ކަމުގައެވެ.

ސަރުކާރުން ވަނީ އިންޑިއާ އައުޓް ކެމްޕެއިން ހުއްޓުވާނެކަމުގެ އިންޒާރު މީގެ ކުޑަ ދުވަސްކޮޅެއް ކުރިން ދީފައެވެ.

 

One Comment

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button