އެޗްޕީއޭގެ އެދުމަށް ސިޓީ ކައުންސިލުން ނައިޓް މާކެޓް ފަސްކޮށްފި
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ އެދުމަށް މާލެ ސިޓީ ކައުންސިލުން ނައިޓް މާކެޓް ބޭއްވުން ފަސްކޮށްފިއެވެ.
ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ ނައިޓް މާރކެޓް ބޭއްވުމަށް އެދި ހުށަހަޅުއްވާ ފަރާތްތަކަށް މާލެ އަދި ހުޅުމާލޭގެ އެކަމަށް ކަނޑައެޅިފައިވާ ސަރަހައްދުތަކުގައި ބޭއްވުމަށް ދިން ހުއްދައިގެ ދަށުން ގިނަ ފަރާތްތަކުން އެކަމަށް އެދި، ހުއްދަ ހޯދައި ބޮޑެތި ހޭދަތަކެއް ކޮށްގެން ނައިޓް މާރކެޓް ބާއްވަމުން ގެންދާކަމުގައެވެ.
އެކަމަކު އެޗްޕީއޭއިން ނައިޓް މާރކެޓް ފަދަ އިވެންޓްތަކަށް ހުއްދަދިނުން ކައުންސިލުން ހުއްޓާލުމަށް އަންގަވާފައިވާތީ، އެފަދަ އިވެންޓްތައް ބޭއްވުން ވަގުތީގޮތުން ހުއްޓާލުމަށް ނިންމާފައިވާކަމަށް އެ އިއުލާނުގައި ބުނެފައިވެއެވެ.
މާލެ ސިޓީގައި ކުރިއަށް ގެންދާ ނައިޓް މާރކެޓް ބޭއްވުން ހުއްޓާލުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އިން އެންގުމާއި ގުޅިގެން މާލެ ސިޓީގައި މިވަގުތު ކުރިއަށްދާ ނައިޓް މާރކެޓާއި އަދި މިފަދަ އިވެންޓްތައް ބޭއްވުން ވަގުތީގޮތުން ހުއްޓާލުމާއި ގުޅޭ.https://t.co/A5J4tY54gp
— Male' City Council (@MaleCitymv) January 6, 2022
ކޯވިޑް-19 އަށް މާލެއިން ފައްސިވާ މީހުންގެ އަދަދު މިހާރު ވަނީ ބޮޑުތަނުން މައްޗަށް ގޮސްފައެވެ. އެގޮތުން ބުދަ ދުވަހު 224 މީހުން ފައްސިވިއިރު، އޭގެތެރެއިން 102 މީހުންނަކީ މާލެ އިން ފައްސިވި މީހުންނެވެ.