މި ސަރުކާރުން ވެރިކަމާ ހަވާލުވި އިރު ކަރަންޓު އުފެއްދޭ މިންވަރު ރެކޯޑްކުރެވިފައި ވަނީ 70 މެގަވޮޓްގައި ކަން ފާހަގަކުރައްވާ، މިހާރު އެ އަދަދު ދެގުނަކޮށް، 140 މެގަވޮޓަށް އިތުރު ކުރެވިއްޖެ ކަމުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހު މިހެން ވިދާޅުވީ އެމަނިކުފާނު ނ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު މަގޫދުއަށް ޒިޔާރަތްކުރައްވައި އެ ރަށުގައި ފެނަކަ ކޯޕަރޭޝަންއިން ތަރައްޤީކޮށްފައިވާ އައު އިންޖީނުގެއާއި އޮފީސް ޢިމާރާތް ހުޅުއްވައިދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.
މަގޫދޫގައި މިއަދު ހުޅުއްވައިދެއްވި އައު އިންޖީނުގެއާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ، ކަރަންޓުގެ ޚިދުމަތް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ފެނަކަ ކޯޕަރޭޝަން އަދި ސަރުކާރުގެ އެހެނިހެން މުއައްސަސާތައް ގުޅިގެން ކުރަމުންދާ މަސައްކަތުގެ މައްޗަށް އަލިއަޅުއްވައިލައްވާފައެވެ.
އެ މަނިކުފާނު ވިދާޅުވީ މި ވެރިކަމުގެ ފާއިތުވި ތިން އަހަރުގެ ތެރޭގައި ކަރަންޓުގެ ޚިދުމަތަށް އިންޤިލާބީ ހެޔޮ ބަދަލުތަކެއް ގެނެވިފައިވާ ކަމުގައެވެ. މި ގޮތުން، މި ސަރުކާރުން ވެރިކަމާ ހަވާލުވި އިރު ކަރަންޓު އުފެއްދޭ މިންވަރު ރެކޯޑްކުރެވިފައި ވަނީ 70 މެގަވޮޓްގައި ކަން ފާހަގަކުރައްވާ، މިހާރު އެ އަދަދު ދެގުނަކޮށް، 140 މެގަވޮޓަށް އިތުރު ކުރެވިއްޖެ ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން، 133 ރަށަކަށް 213 އައު އިންޖީނު ފޯރުކޮށްދެވިފައިވާ ކަމަށާއި، 112 ރަށެއްގެ ކަރަންޓު ކޭބަލް ނެޓްވަރކް އަޕްގްރޭޑް ކުރެވިފައިވާ ކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. 39 ރަށެއްގައި އައު އިންޖީނުގެ ޢިމާރާތްކުރުމުގެ މަސައްކަތް ނިމިފައިވާ ކަން ފާހަގަކުރައްވާ އެ މަނިކުފާނު ވިދާޅުވީ، މިހާރު ވެސް އިތުރު 31 ރަށެއްގައި އައު އިންޖީނުގެ އެޅުމުގެ މަސައްކަތް ކުރިއަށްދާ ކަމުގައެވެ. އަދި، އިތުރު 14 ރަށެއްގައި އައު އިންޖީނުގެ ޢިމާރާތްކުރުމަށް ރާވާފައިވާ ކަން ވެސް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
ކަރަންޓުގެ ޚިދުމަތާ ގުޅޭގޮތުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން ރައީސް ވަނީ، އިއާދަކުރަނިވި ހަކަތަ އުފައްދާ މިންވަރު އިތުރު ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ މައްޗަށް ވެސް އަލިއަޅުއްވައިލައްވާފައެވެ. އެ ގޮތުން، މި ސަރުކާރު ހަވާލުވީ އިރު، އިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ކަރަންޓު އުފެއްދޭ މިންވަރު އޮތީ 16 މެގަވޮޓުގައި ކަން ފާހަގަކުރައްވާ، އެ އަދަދު މިހާރު 20 މެގަވޮޓަށް އިތުރުކޮށް، މި ސަރުކާރުގެ ފަސް އަހަރުގެ ދައުރު ނިމުމުގެ ކުރިން އެ އަދަދު 52 މެގަވޮޓަށް އިތުރު ކުރުމަށް އަމާޒު ހިފާފައިވާ ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.