ޚަބަރު

ވަގުތު ނޫހުގެ ޗީފް އެޑިޓަރު އިންޑިއާ އެއާޕޯޓުގައި 2 ގަޑިއިރު ވަންދެން ހިފަހައްޓައިފި

ވަގުތު ނޫހުގެ ޗީފް އެޑިޓަރު މުޝައްރަފް ހަސަން އިންޑިއާގެ ނިއު ދިއްލީ އެއާޕޯޓުގައި 2 ގަޑިއިރު ވަންދެން ހިފަހައްޓައިފިއެވެ.

”ބޮންތި“ އަށް އެނގިފައިވާގޮތުގައި މުޝައްރަފް ހިފަހައްޓާފައިވަނީ ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީއިން ތައްޔާރުކޮށްފައިވާ އެގައުމަށް ނެރޭ މީހުންގެ ލިސްޓުގައި އޭނާގެ ނަން އޮތުމުންނެވެ. އިންޑިއާގެ އިމިގްރޭޝަނުން އޭނާ އެތެރެ ކޮށްފައިވަނީ އާއިލާގެ ފަރާތުންނާ މުޝައްރަފަށް ހެޔޮއެދޭ އެކި ފަރާތްތަކުން ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް ގުޅައިގެން ކުރި ބުރަ މަސައްކަތުންނެވެ. އޭގެ ކުރިން އޮތީ މާދަމާގެ ހެނދުނުގެ ވަގުތެއްގައި އޭނާ އެގައުމުން ޑީޕޯޓް ކޮށްލާ ގޮތަށެވެ. އެކަމަކު އޭނާއާ އެއްކޮށް ދަތުރު ކުރި އާއިލާގެ އެހެން މެންބަރުންނަށް ހުރަހެއް ނާޅައެވެ.

މުޝައްރަފް ދޫކޮށްލާފައިވަނީ ހާއްސަ ހުއްދައެއްގެ ދަށުން ކަމަށް ވާއިރު، އިންޑިއާ މިލިޓަރީ އައުޓް ކެމްޕެއިން ހަރަކާތްތައް ކަވަރ ކުރަމުންދާ ނޫސްވެރިންނަށް އެގައުމުން އަންނަނީ ފާރަލަމުންނެވެ. އެނގިފައިވާގޮތުގައި ސަރުކާރާއި އިންޑިއާ އެމްބަސީއިން އަންނަނީ އިންޑިއާއަށް ބުރަވެފައި އޮތް ހާރިޖީ ސިޔާސަތާއި ދެކޮޅަށް ލިޔާ ނޫސްވެރިން އެގައުމަށް އެތެރެ ނުވެވޭގޮތް ހެދުމަށް މަސައްކަތް ކުރަމުންނެވެ. އެކަމަކު މުޝައްރަފަކީ ހަބަރު ފެތުރުމުގައި ޒިންމާދާރު ނޫސްވެރިއެކެވެ.

މުޝައްރަފް މިހާރު ދޫކޮށްލާފައިވާއިރު މިކަމާގުޅިގެން މީޑިއާ ކައުންސިލާއި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަނުން އަދި އެއްޗެކޭ ނުބުނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button