ޚަބަރު

ފެށުނީއްސުރެ ނިޒާމުގެ އެތެރެއިންނާ ބޭރުން ކޮމިޝަން ފެއިލްކޮށްލަން މަސައްކަތް ކުރި: އޭސީސީގެ ނައިބު

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މި ދައުރު ފެށުނީއްސުރެ ނިޒާމުގެ އެތެރެއިންނާ ބޭރުން ކޮމިޝަން ފެއިލްކޮށްލަން މަސައްކަތް ކުރިކަމަށް އެ ކޮމިޝަންގެ ނައިބު ރައީސް ފާތިމަތު އަނޫލާ ވިދާޅުވެއްޖެއެވެ.

އަނޫލާ މިހެން ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް މިއަދު ފޮނުއްވެވި އިސްތިއުފާގެ ސިޓީގައެވެ.

އަނޫލާ ވިދާޅުވިގޮތުގައި ދުރާލާ އަމާޒުކޮށްގެން އެކި ފެންވަރުގައި ކޮމިޝަންގެ މެންބަރުން ފެއިލްކުރަން އެކި ފަރާތްތަކުން މަސައްކަތް ކުރިއެވެ.

”ކޮރަޕްޝަނާ ދެކޮޅަށް މަަސައްކަތް ކުރާ މީހާއަށްވުރެ، ކޮރަޕްޝަންގެ ތުހުމަތު އުފުލިފައިވާ މީހާގެ ހައިބަތު އިސްވެ، އެނގި ފާޅުވާން އޮތް ހަގީގަތެއް އެހެން ގޮތަކަށް ދައްކައި މެދުވެރި ކުރުވި ސަބަބުތަކުގެ ބޭއިންސާފުގެ ކުރިމަތީގައި އަޅުގަނޑުގެ ނަފްސުގެ އަގު އަޅުގަނޑަށް ބޮޑުވުމުން މި މަގާމުން އެކަހެރިވާން ނިންމީއެވެ.“ އަނޫލާގެ ސިޓީގައި ބަޔާންކުރައްވާފައިވެއެވެ.

މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން ފާސްކުރުމުން އަނޫލާގެ އިތުރުން އޭސީސީގެ ބާކީ ތިބި 2 މެންބަރުންވެސް ވަނީ އިސްތިއުފާ ދެއްވާފައެވެ.

އޭސީސީގެ މެންބަރުން ވަކި ކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީ އިން ފާސްކުރީ އިއްޔެގައެވެ.

ކޮމެޓީގެ ބައްދަލުވުމުގައި އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަހުމަދު (ހަސަންޓޭ) ވަނީ އޭސީސީގެ މެންބަރުން މަގާމުން ވަކިކުރަން ފާސްކޮށް، އެ ނިންމުން މަޖިލީހުގެ ތަޅުމަށް ފޮނުވުމަށް ހުށަހަޅުއްވާފައެވެ. އަދި ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ފަސް މެމްބަރުންގެ ތައީދާ އެކު މި ހުށަހެޅުން ފާސްކުރިއެވެ.

މި ކޮމިޓީގެ މުގައްރިރު އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވީ އޭސީސީގެ މެމްބަރުންނަށް ޖަވާބު ދާރީވުމަށް ދިން ފުރުސަތުގައި އެ މެންބަރުން ހުށަހެޅި ބަޔާންތަކުގައި އާ ވާހަކަތަކެއް ނެތް ކަމުގައެވެ.

އޭސީސީގެ މެމްބަރު އިބްރާހިމް ޝަކީލާއި އަލީ އަޝްރަފް ވަނީ އެ ކޮމިޝަނުން މީގެ ކުރިން އިސްތިއުފާ ދެއްވާފައެވެ.

އޭސީސީގެ މެމްބަރުން މަގާމުން ވަކި ކުރުމުގެ މަސައްކަތް ފެށީ އެ ކޮމިޝަނުގެ ޕާފޯމެންސް އޮޑިޓެއް ހެދުމަށްފަހު، އެ އޮޑިޓުން މެންބަރުންގެ މަސްއޫލިއްޔަތުތައް އަދާ ނުކުރެވޭ ކަމަށް ފާހަގަވެގެންނެވެ.

އެ ކޮމިޝަންގެ އިތުރުން ރައިސް އިބްރާހީމް މުހައްމަދު ސޯލިހު އުފެެއްދެވި، ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަ ބަލާ މަރު ކޮމިޝަނާއި އެސެޓް ރިކަވަރީ ކޮމިޝަނުގެ މެންބަރުންވެސް މާބޮޑު މަސްއޫލިއްޔަތެއް އަދާ ކުރައްވާ މަންޒަރެއް ނުފެނެއެވެ. އެކަމަކު އެ ދެކޮމިޝަންގެ ޕާފޯމެންސް ރައީސް ސޯލިހު ބެއްލެވިކަމެއް މިހާތަނަށް އެނގިފައެއް ނުވެއެވެ.

މަރު ކޮމިޝަނާއި އެސްް ރިކަވަރީ ކޮމިޝަނަށް ދައުލަތުގެ ބަޖެޓުން 14 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދު ކުރިއިރު، 80 އިން ސައްތަ އަކީ މުސާރާއާއި އިނާޔަތެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button