ސަރުކާރުގެ ސިޔާސަތު ތަންފީޒު ނުވުމުގެ ޒިންމާ ނަގަންޖެހޭނީ ސިޔާސީ ވެރިން ކަމުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހު މިފަދައިން ވިދާޅުވެފައިވަނީ ހިންގުމުގެ ދާއިރާގެ އިސްމުވައްޒަފުންގެ ހުނަރާއި ގާބިލުކަން އިތުރުކުރުމުގެ ޕްރޮގްރާމް އިފްތިތާހުކުރުމުގެ ގޮތުން މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގައި މިއަދު ހެނދުނު ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެމަނިކުފާނު ވިދާޅުވިގޮތުގައި ގައުމީ ތަރައްގީއާ ގުޅިފައިވާ މަޝްރޫއުތައް ކުރިއަށް ގެންދިޔުމުގައްޔާއި، ސިޔާސަތުތައް ތަންފީޒުކުރުމުގައި އެންމެ ކުރީ ސަފުގައި ތިއްބަވަންވީ ސިޔާސީ މަގާމުތަކަށް އައްޔަންކޮށްފައި ތިއްބެވި ބޭފުޅުންނެވެ. އަދި ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަކީ، ކަންކަމުގައި ބަސްކިޔައި ގޮތް ނިންމުމާ އެކީ އަމަލީ ގޮތުން ކަންކަން ކުރަން ޖެހޭ ބޭފުޅުން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން ވެސް އެމަނިކުފާނު ވަނީ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރުމުގައި ސިޔާސީ މަގާމުތަކުގައި ތިއްބެވި ބެފުޅުންނާއި ސިވިލް ސާވިސްގެ މުވައްޒަފުންގެ މެދުގައި ބަދަހި ގުޅުމެއް އޮތުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.
ރައީސް ވިދާޅުވިގޮތުގުގައި ޢާންމު ރައްޔިތުންނާއި ސަރުކާރާ ދެމެދު މުއާމަލާތްކުރުމަށް މިހާރު އޮތީ ވަރަށް ފުޅާ މަގެއް ގާއިމްކުރެވިފައެވެ. އެގޮތުން އެމީހަކު ހުރި ރަށަކުން ހުރި ތަނަކުން، އިންޓަނެޓްގެ ޒަރީއާއިން ގަވް.އެމްވީ މެސެޖުގެ ހިދުމަތް މެދުވެރިކޮށް މިހާރު ސަރުކާރާ މުއާމަލާތު ކުރެވޭނެއެވެ. އަދި، ޓެކްނޮލޮޖީގެ ޒަމާން އަރާ ހަމަކޮށްފައިވާއިރު، ސަރުކާރު ހިންގުމުގެ ދާއިރާއަށް ޓެކްނޮލޮޖީގެ ލުއިފަސޭހަތައް ތައާރަފް ކުރިޔަސް، އެކަމުގެ ލުއިފަސޭހަކަން ލިބޭނީ، ހިދުމަތް ދޭން ތިބޭ މުވައްޒަފުން ޓެކްނޮލޮޖީއަށް އަހުލުވެރިވި މިންވަރަކުންކަމުގައި އެމަނިކުފާނު ހާމަކުރެއްވިއެވެ.