މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން ފާސްކުރުމުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ބާކީ ތިބި 3 މެންބަރުން އިސްތިއުފާ ދެއްވައިފިއެވެ.
އޭސީސީގެ ރައީސް ޝިއުނާ އާއި ފާތިމަތު އަނޫލާގެ އިތުރުން އައިޝަތު އަބްދުﷲ މަގާމުން އިސްތިއުފާ ދެއްވީ މިއަދުގެ ވަގުތެއްގައެވެ،
އޭސީސީގެ މެންބަރުން ވަކި ކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީ އިން ފާސްކުރީ އިއްޔެގައެވެ.
ކޮމެޓީގެ ބައްދަލުވުމުގައި އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަހުމަދު (ހަސަންޓޭ) ވަނީ އޭސީސީގެ މެންބަރުން މަގާމުން ވަކިކުރަން ފާސްކޮށް، އެ ނިންމުން މަޖިލީހުގެ ތަޅުމަށް ފޮނުވުމަށް ހުށަހަޅުއްވާފައެވެ. އަދި ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ފަސް މެމްބަރުންގެ ތައީދާ އެކު މި ހުށަހެޅުން ފާސްކުރިއެވެ.
މި ކޮމިޓީގެ މުގައްރިރު އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވީ އޭސީސީގެ މެމްބަރުންނަށް ޖަވާބު ދާރީވުމަށް ދިން ފުރުސަތުގައި އެ މެންބަރުން ހުށަހެޅި ބަޔާންތަކުގައި އާ ވާހަކަތަކެއް ނެތް ކަމުގައެވެ.
އޭސީސީގެ މެމްބަރު އިބްރާހިމް ޝަކީލާއި އަލީ އަޝްރަފް ވަނީ އެ ކޮމިޝަނުން މީގެ ކުރިން އިސްތިއުފާ ދެއްވާފައެވެ.
އޭސީސީގެ މެމްބަރުން މަގާމުން ވަކި ކުރުމުގެ މަސައްކަތް ފެށީ އެ ކޮމިޝަނުގެ ޕާފޯމެންސް އޮޑިޓެއް ހެދުމަށްފަހު، އެ އޮޑިޓުން މެންބަރުންގެ މަސްއޫލިއްޔަތުތައް އަދާ ނުކުރެވޭ ކަމަށް ފާހަގަވެގެންނެވެ.
އެ ކޮމިޝަންގެ އިތުރުން ރައިސް އިބްރާހީމް މުހައްމަދު ސޯލިހު އުފެެއްދެވި، ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަ ބަލާ މަރު ކޮމިޝަނާއި އެސެޓް ރިކަވަރީ ކޮމިޝަނުގެ މެންބަރުންވެސް މާބޮޑު މަސްއޫލިއްޔަތެއް އަދާ ކުރައްވާ މަންޒަރެއް ނުފެނެއެވެ. އެކަމަކު އެ ދެކޮމިޝަންގެ ޕާފޯމެންސް ރައީސް ސޯލިހު ބެއްލެވިކަމެއް މިހާތަނަށް އެނގިފައެއް ނުވެއެވެ.
މަރު ކޮމިޝަނާއި އެސްް ރިކަވަރީ ކޮމިޝަނަށް ދައުލަތުގެ ބަޖެޓުން 14 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދު ކުރިއިރު، 80 އިން ސައްތަ އަކީ މުސާރާއާއި އިނާޔަތެވެ.