ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ވެރިކަމުގައި ބިނާކުރި ހިޔާ ފްލެޓްތަކުގެ ކުލި ދެއްކުމުގެ ގްރޭސް ޕީރިއަޑު އިތުރު ނުކޮށްދީފިނަމަ، ކުލި ”ނުދެއްކޭނެ“ މުޒާހަރާއަށް ނިކުންނަން އާންމުންގެ އެކުވެރި ގުޅުން ޖަމްއިއްޔާއިން ނިންމައިފިއެވެ.
އާންމުންގެ އެކުވެރި ގުޅުމުން ބުނީ މާދަމާ ރައީސް އޮފީހުގެ އިކޮނޮމިކް ކައުންސިލުން ގްރޭސް ޕީރިއަޑު އިތުރު ނުކުރަން ނިންމައިފިނަމަ، 31 ޑިސެމްބަރު ވާ ހުކުރު ދުވަހު މުޒާހަރާއަށް ނިކުންނާނެކަމުގައެވެ.
”ކުލި ދެއްކުމުގެ މުއްދަތު އިތުރު ނުކޮށްދީފިނަމަ، ހުކުރު ދުވަހު ހިޔާ ޝަހަރަށް ކޮތަރުތައް ތިރިކުރާނެ. އިތުރު ނުކުރަން ނިންމިޔަސް ގިނަ މީހުންނަށް ކުލި ނުދެއްކޭނެ. މުއްދަތު އިތުރު ކުރިޔަސް ނުކުރިޔަސް ގިނަ މީހުން އަތުން ކުލި ނުލިބޭނެ.“ އާންމުންގެ އެކުވެރި ގުޅުމުން ބުންޏެވެ.
އެ ޖަމްއިއްޔާއިން ބުނިގޮތުގައި ހިޔާ ފެލްޓްތަކަށް ދައްކަން ޖެހޭ ކުލީގެ މުއްދަތު އިތުރު ކޮށްދީގެން މީހުންގެ ނަފްރަތާއި ނުރުހުމުން ސަރުކާރަށް ސަލާމަތްވެވިދާނެ ކަމުގައެވެ. އަދި އެންމެ ބުއްދިވެރި، ހަމަޖެހޭ ގޮތަކަށް ވާނީ މާދަމާ ގްރޭސް ޕީރިއަޑު އިތުރުކުރަން ނިންމުން ކަމުގައި އެ ޖަމްއިއްޔާއިން ވަނީ ބުނެފައެވެ.
ހިޔާ ފްލެޓްތަކުގެ ވެރިންނަށް އަންގާފައިވަނީ ޖެނުއަރީ މަހުން ފެށިގެން 8000 ރުފިޔާ ކުލީގެ ގޮތުގައި ދެއްކުމަށެވެ. އެކަމަކު ފިނިޝިން މަސައްކަތް ނުނިިންމާ ސަރުކާރުން އެތަން ފްލެޓްގެ ހައްގުވެރިންނާ ހަވާލު ކުރުމަށްފަހު 3 މަސް ދުވަހުގެ ތެރޭގައި ކުލި ދައްކަން އެންގުމުން މީގެ ކުރިންވެސް ފެލެޓްތަކުގައި ދިރިއުޅޭ މީހުން ވަނީ މުޒާހަރާ ކޮށްފައެވެ.
ޕްލޭނިން މިނިސްޓަރ މުހައްމަދު އަސްލަމް ”އަންނަ މަސް“ ވިދާޅުވާތާ 3 އަހަރު ފަހުން ހިޔާ ފެލްޓްގެ ހައްގުވެރިން ޕްރެޝަރ ކޮށްގެން ފެލްޓްތަކަށް ވެއްދިއިރު، ކުލި ދައްކަން ޖެހޭ މުއްދަތަަށްވެސް އާންމުން ދެން ކިޔާނީ ”އަންނަ މަސް“ ކަމުގައި އާންމުންގެ އެކުވެރި ގުޅުމުން ވަނީ ބުނެފައެވެ.
ފްލެޓަށް ކުލި ދައްކަން ޖެހޭ މުއްދަތު ސަރުކާރުން އިތުރުކޮށްދީފިނަމަ ހުކުރު ދުވަހު މުޒާހަރާ ނުކުރާނެ ކަމަށްވެސް އެ ޖަމްއިއްޔާއިން ވަނީ ބުނެފައެވެ.