ޚަބަރުސިޔާސީ

މިސްކިތްތަކުގެ ހުރުމަތް ކަނޑައި، އެހެން ދީންތައް ފަތުރަން އުޅޭއިރު އަދާލަތުން ކަހާތަން ހިރުވައިވެސް ނުލާ: އާދަމް ޝަރީފް

މިސްކިތްތަކުގެ ހުރުމަތް ކަނޑައި، އެހެން ދީންތައް ފަތުރަން އުޅޭއިރު އަދާލަތު ޕާޓީ އިން ކަހާތަން ހިރުވައިވެސް ނުލާކަމަށް އިދިކޮޅު ޕީއެންސީގެ ޕާލިމެންޓް ގްރޫޕުގެ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް މިފަދައިން ވިދާޅުވީ ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތުން ”އިންޑިއާ އައުޓް“ ކެމްޕެއިނަކީ ނަފްރަތު އުފެއްދުން ކަަމަށް ވިދާޅުވުމާ ގުޅިގެން އެކަމަށް ރައްދު ދެއްވުމުގެ ގޮތުން ކުރެއްވި ޓުވީޓެއްގައެވެ.

އެޕާޓީގެ ރައީސްގެ ގޮތުގައި މިހާރުވެސް ހުންނެވީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެވެ.

އާދަމް ޝަރީފް ވިދާޅުވިގޮތުގައި ސަރުކާރު ކޯލިޝަންގައި ތިއްބަސް އިސްލާމް ދީނާއި މިނިވަންކަމުގެ ދިފާއުގައި އަދާލަތަށް ބަސް ނުބުނެވޭނަމަ، އެންމެ ރަނގަޅުގޮތަކީ އެޕާޓީގެ ލީޑާޝިޕް އެހެން ބަޔަކާ ހަވާލު ކުރުމެވެ.

އަދާލަތު ޕާޓީ އިން ދެކެނީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާ ދެކޮޅަށް އިދިކޮޅުން ހިންގާ “އިންޑިއާ އައުޓް” ކެމްޕެއިނަކީ ނަފްރަތު އުފެއްދުން ކަމެވެ.

އިންޑިއާ އައުޓްގެ ނަމުގައި އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިސްވެ ހުންނަވައި ހިންގަވާ ހަރަކާތާ ގުޅޭގޮތުން އަދާލަތުން ރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ އިންޑިއާ އަކީ ދިވެހިންގެ ކުރިއެރުމާއި ތަރައްގީއަށް އެހީތެރިވެދޭ ގައުމެއް ކަމުގައެވެ. އަދި އިންޑިއާ އައުޓް ހަރަކާތަކީ އެ ގައުމާއިމެދު ދިވެހިންގެ ހިތްތަކުގައި ނަފްރަތު އުފެއްދުމަށް ސިޔާސީ ބަޔަކު ކުރާ މަސައްކަތެއް ކަމުގައެވެ. އަދި އެކަން އެ ޕާޓީ އިން ވަނީ ކުށްވެރިކޮށްފައެވެ.

މި ނޫސްބަޔާން ނިންމާލަމުން ބުނެފައިވަނީ އަދާލަތަކީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލަށް ލޮޅުން އަރާނެފަދަ ގޮތަކަށް އެއްވެސް ކަމަކަށް ފުރުސަތު ދޭނެ ޕާޓީއެއް ނޫން ކަމުގައެވެ. އެހެން ނަމަވެސް ބޭރުގެ އަސްކަރީ ސިފައިން ރާއްޖޭގައި ތިބުމަކީ ސިޔާދަތާއި އިސްތިގުލާލާއި ގުޅިފައިވާ ކަމެކެވެ.

އަދާލަތުން މިފަދަ ނޫސްބަޔާނެއް ނެރުނު އިރު އެ ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި އެ ޕާޓީގެ ސްލޮޓެއްގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ޗީފް އޮފް ސްޓާފްގެ މަގާމުޔ އަދާކުރައްވާ އަލީ ޒާހިރަކީ މީގެ ކުރިން އިންޑިއާ ސަރުކާރަށް ފާޑުވިދާޅުވެފައިވާ ބޭފުޅުންނެވެ.

އެހެންކަމުން ސަރުކާރު ކޯލިޝަނަށް އަދާލަތު އައި ފަހުން އެ ޕާޓީ އިން ކުރިން ހިފަހައްޓަމުން އައި އުސޫލުތައް ބަދަލުވެފައިވާކަން ފާހަގަކޮށްލެވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button