ޚަބަރުސިޔާސީ

އަދާލަތަށް ސައީދުގެ ރައްދު: އިންޑިއާ އެމްބަސީގެ އެންގުންތައް ނެރުން ގޯސް!

އިންޑިއާ އެމްބަސީގެ އެންގުންތައް ނެރުން ގޯސް ކަމަށް ވިދާޅުވެ ”އިންޑިއާ އައުޓް“ ކެމްޕެއިނާ ދެކޮޅަށް އަދާލަތު ޕާޓީ އިން ނެރުނު ނޫސްބަޔާނަށް އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އަދި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ރައްދު ދެއްވައިފިއެވެ.

ސައީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިންޑިއާ ހައި ކޮމިޝަނުގެ އެންގުންތައް ސަރުކާރު ކޯލިޝަންގެ ލެޓާ ހެޑް ތަކުގައި ނެރުން ގޯސް ކަމުގައެވެ. ސައީދު ވިދާޅުވިގޮތުގައި އުތުރު ތިލަފަޅުގައި އިންޑިއާ އިން ތަރައްގީ ކުރާ އެންމެއެންޑީއެފްގެ ބަނދަރާއި ޑޮކް ޔާޑާއި ގުޅޭ އެއްބަސްވުން އަދާލަތަށް ނުފެންނާނެއެވެ.

”ރައްޔިތުން އަޑު އުފުލަނީ އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް. ޔޫޓީއެފް އެއްބަސްވުން ގާނޫނާ ހިލާފް ކަމަށް.“ ސައީދު ވިދާޅުވިއެވެ.

މެންބަރު ސައީދު ފާހަގަކުރެއްވިގޮތުގައި ރާއްޖޭގެ ކަނޑު އަޑީގެ ޗާޓު ކުރެހުމަށް އިންޑިއާ އާއި ރާއްޖެ އާއި ދެމެދު ހެދި ހައިޑްރޮގްރަފީ އެއްބަސްމުގެ ޑީލަކީ ގޯސް ޑީލެކެވެ.

 

އައްޑޫ ސިޓީ އާއި ހަނިމާދޫގައި އިންޑިއާ ސިފައިން ތިބިއިރު އެ ދެ ސަރަހައްދު ސަލާމަތް ކުރުމަށްވެސް ސައީދު ގޮވާލެއްވިއެވެ.

ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީ އިން ދެކެނީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާ ދެކޮޅަށް އިދިކޮޅުން ހިންގާ “އިންޑިއާ އައުޓް” ކެމްޕެއިނަކީ ނަފްރަތު އުފެއްދުން ކަމެވެ.

އިންޑިއާ އައުޓްގެ ނަމުގައި އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިސްވެ ހުންނަވައި ހިންގަވާ ހަރަކާތާ ގުޅޭގޮތުން އަދާލަތުން ރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ އިންޑިއާ އަކީ ދިވެހިންގެ ކުރިއެރުމާއި ތަރައްގީއަށް އެހީތެރިވެދޭ ގައުމެއް ކަމުގައެވެ. އަދި އިންޑިއާ އައުޓް ހަރަކާތަކީ އެ ގައުމާއިމެދު ދިވެހިންގެ ހިތްތަކުގައި ނަފްރަތު އުފެއްދުމަށް ސިޔާސީ ބަޔަކު ކުރާ މަސައްކަތެއް ކަމުގައެވެ. އަދި އެކަން އެ ޕާޓީ އިން ވަނީ ކުށްވެރިކޮށްފައެވެ.

މި ނޫސްބަޔާން ނިންމާލަމުން ބުނެފައިވަނީ އަދާލަތަކީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލަށް ލޮޅުން އަރާނެފަދަ ގޮތަކަށް އެއްވެސް ކަމަކަށް ފުރުސަތު ދޭނެ ޕާޓީއެއް ނޫން ކަމުގައެވެ. އެހެން ނަމަވެސް ބޭރުގެ އަސްކަރީ ސިފައިން ރާއްޖޭގައި ތިބުމަކީ ސިޔާދަތާއި އިސްތިގުލާލާއި ގުޅިފައިވާ ކަމެކެވެ.

އަދާލަތުން މިފަދަ ނޫސްބަޔާނެއް ނެރުނު އިރު އެ ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި އެ ޕާޓީގެ ސްލޮޓެއްގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ޗީފް އޮފް ސްޓާފްގެ މަގާމުޔ އަދާކުރައްވާ އަލީ ޒާހިރަކީ މީގެ ކުރިން އިންޑިއާ ސަރުކާރަށް ފާޑުވިދާޅުވެފައިވާ ބޭފުޅުންނެވެ.

އެހެންކަމުން ސަރުކާރު ކޯލިޝަނަށް އަދާލަތު އައި ފަހުން އެ ޕާޓީ އިން ކުރިން ހިފަހައްޓަމުން އައި އުސޫލުތައް ބަދަލުވެފައިވާކަން ފާހަގަކޮށްލެވެއެވެ.

 

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button