ޚަބަރުސިޔާސީ

މިއީ ފުލުހުން ”އިންޑިއާ އައުޓް“ ޖަހައިގެން ނިކުންނަން ޖެހޭ ހާލަތު: ސިއްދީގު

މިއީ ފުލުހުން ”އިންޑިއާ އައުޓް“ ޖަހައިގެން ނިކުންނަން ޖެހޭ ހާލަތު ކަމަށް ހޯމް މިނިސްޓްރީގެ ނައިބު ކަން ކޮށްފައިވާ އަލްއުސްތާޛު އަޙްމަދު ޞިއްދީޤު ވިދާޅުވެއްޖެއެވެ.

ޞިއްދީޤު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފުލުހުން ކޮށްގެން ތިބި ހުވަޔާއި އެއްގޮތަށް ޢަމަލުކޮށް، ޤައުމާއި، ރައްޔިތުންނާއި، ރައްޔިތުންގެ މުދަލުގެ ޙިމާޔަތުގައި ސާބިތުވެ ތިބި ބަޔަކު ތިބިނަމަ، މިއަދު ރާއްޖެ އޮތީ އެމީހުންލާ ހެދުމުގައި “އިންޑިއާ އައުޓް“ ޖަހައިގެން އުޅެންޖެހޭ ފަދަ ހާލަތެއްގައި ކަމުގައެވެ.

ޞިއްދީޤު މިފަދައިން ވިދާޅުވީ އިންޑިއާ ސިފައިންނާއި ޖާސޫސުން ބޭރު ކުރުމަށް ގޮވާލައި އިދިކޮޅުން ހުޅުމާލޭގައި ހަވީރު ކުރިޔަށް ދިޔަ އިންޑިއާ އައުޓް ހަރަކާތުގެ ތެރެއިން 4 މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ދަނޑިވަޅެއްގައެވެ. ހަތަރު މީހުންގެ ތެރެއިން އެކަކު ފިޔަވައި އެންމެން ފުލުހުން ވަނީ މިހާރު ދޫކޮށްލާފައެވެ.

އެނގިފައިވާގޮތުގައި އެ ހަރަކާތައް ހުރަސް އެޅުމުގެ ގޮތުން ޓީޝާޓުގައި އިންޑިއާ އައުޓް ޖަހައިގެން ސައިކަލު ދުއްވުމަކީ މަނާކަމެއް ކަމުގައި ފުލުހުން ވަނީ ބުނެފައެވެ. ހައްޔަރު ކުރި މީހުންގެ ތެރޭގައި ޕީޕީއެމްގެ ހުޅުމާލޭ ސްޓިއަރިން ކޮމެޓީގެ މެންބަރު އަބްދުއް ސަމަދުވެސް ހިމެނެއެވެ.

ސަމަދު ހައްޔަރުކުރާ މަންޒަރު ފެންނަ ފޮތޯތަކާއި ވީޑިއޯ ކޮޅެއްވެސް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންވެ. އެ ފޮޓޯތަކުން ފެންނަގޮތުގައި ސަމަދު ސައިކަލުގައި އިންދާ، އެސްއޯގެ ހަތަރު ފުލުހުން ސަމަދުގެ އަތުގައި ހިފައި، އޭނާ ސައިކަލުން ބާލުވަން އުޅޭމަންޒަރު ސިފަވެއެވެ. އެއަށްފަހު އޭނާ ދުއްވަން އިން ސައިކަލް ޓޯކޮށްގެން ވެހިކަލަށް އަރުވާ މަންޒަރު ފެނެއެވެ.

މިކަމާ ގުޅިގެން ”ބޮންތި“ އިން ސުވާލު ކުރުމުން ސިއްދީގު ވިދާޅުވީ ފުލުހުންނަށްވެސް މީހަކު ހައްޔަރު ކުރެވޭނީ ފުލުހުންނަށް ލިބިދީފައިވާ އިޚްތިޔާރުގެ ތެރެއިން ކަމުގައެވެ. އެނޫން ގޮތަކަށް ޢަމަލުކުރުމަކީ ފުލުހުންނަށް ލިބިދެވޭ ބާރެއް ނޫންކަން އޭނާ ފާހަގަކުރެއްވިއެވެ.

”ފުލުހުންގެ ޤާނޫނާއި ޤަވާދާ ޚިލާފަށް ފުލުހަކު ޢަމަލު ކުރިއަސް އޭނާއާމެދު އޭނާކުޅަ ކަމެއްގެ ކުޑަބޮޑުމިނުން ފިޔަވަޅު އެޅޭނެ ދޮރުވަނީ ހުޅުވިފަ. ނަމަވެސް މިސަރުކާރުން މިއަދާ ހަމައަށް ދައްކަމުންދަނީ ޤާނޫނީ އިމުން ބޭރުން ގިނަ ކަންތައްތަކެއް ކޮށްގެންވެސް ސަރުކާރުގެ ސިޔާސީ އެޖެންޑާ ފުރިހަމަ ކުރެވޯތޯ.“ ސިއްދީގު ވިދާޅުވިއެވެ.

އިންޑިއާ އައުޓް ކެމްޕެއިން ހުއްޓުވާނެ ކަމުގެ އިންޒާރު ސަރުކާރުން ދީފައިވާއިރު، އިންޑިއާ އައުޓް ގޮވާ ކޮންމެ މީހަކަށް ހަމަލާ ދިނުމަށް މާފަންނު ހުޅަނގު ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު ފަލާހު ވަނީ ގޮވާލައްވާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button