ޚަބަރު

އިންޑިއާ އައުޓް ހަރަކާތުން 4 މީހުން ހައްޔަރަށް!

އިންޑިއާ ސިފައިންނާއި ޖާސޫސުން ބޭރުކުރުމަށް ގޮވާލައި އިދިކޮޅުން ހުޅުމާލޭގައި ހަވީރު ކުރިޔަށް ދިޔަ އިންޑިއާ އައުޓް ހަރަކާތުގެ ތެރެއިން 4 މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

ހައްޔަރު ކޮށްފައިވަނީ އިންޑިއާ އައުޓް ހަރަކާތުގައި އިސްކޮށް އުޅޭ އަބްދުއް ސަމަދު، ހުޝާމް އަލީ، މުހައްމަދު އާސިފްގެ އިތުރުން ޒަކީ އެވެ. އެނގިފައިވާގޮތުގައި ފުލުހުން މި 4 މީހުން ހައްޔަރު ކުރީ ނުކިޔަމަންތެރިކަން ދައްކާތީ ކަމަށް ބުނެއެވެ. އެކަމަކު ޒަކީ ފިޔަވައި ހައްޔަރު ކުރި އެންމެން ފުލުހުން ވަނީ ދޫކޮށްލާފައެވެ.

ޒަކީގެ ބަންދާއި މެދު ގޮތެއް ނިންމަން މާދަމާ ކްރިމިނަލް ކޯޓަށް ގެންދާނެއެވެ. އިދިކޮޅު ކޯލިޝަނުން ބުނާގޮތުގައި ފުލުހުން އަންނަނީ އިންޑިއާ އައުޓް ޓީޝާޓު ނުލެވޭނެ ކަމަށް މި ހަރަކާތުގައި ބައިވެރިވާ ފަރާތްތަކަށް އަންގަމުންނެވެ. މިކަމާ ގުޅިގެން ފުލުހުން އެއްވެސް އެއްޗެކޭ ނުބުނެއެވެ.

އިންޑިއާ އައުޓް ކެމްޕެއިނަކީ އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިސް ނަންގަވައިގެން ކުރިޔަށް ގެންދާ ކެމްޕެއިނެކެވެ.

މި ހަރަކާތް ހުއްޓުވަން ސަރުކާރުން މަސައްކަތް ކުރަމުން އަންނައިރު، ކޯލިޝަން ސަރުކާރުގެ މައި ޕާޓީ އެމްޑީޕީ އަށް ނިސްބަތްވާ މާފަންނު ހުޅަނގު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު މުހައްމަދު ފަލާހު ވަނީ އިންޑިއާ އައުޓް ގޮވާ މީހުންގެ ކަންފަތް މަތީގައި ޖަހައި މާރާމާރީ ހިންގުމަށް ގޮވާލައްވާފައެވެ. އަދި މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ އިންޑިއާ އައުޓް ހަރަކާތް ހުއްޓުވަން ފުލުހުންނަށް އަމުރު ކުރައްވާފައެވެ.

 

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button