ޚަބަރުސިޔާސީ

ވ.އާރަށް ކުއްޔަށް ދިނުމަށް ރައީސް ޔާމީން އެންޑޯޒް ނުކުރައްވާ ކަން ދައުލަތުގެ އައު ހެކިން ހާމަވެއްޖެ

ވ. އާރަށް ކުއްޔަށް ދިނުމުގެ މައްސަލާގައި އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް އަދި ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ދައުލަތުގެ ފަރާތުން ކުރާ ދައުވާގައި އަލަށް ދައުލަތުން ހުށަހެޅި ހެކިތަކުންވެސް އެނގެނީ އެމަނިކުފާނު އާރަށް ކުއްޔަށް ދިނުމަށް ރުހުން ނުދެއްވާކަން ހާމަވެއްޖެއެވެ.

އިކޮނޮމިކް އެންޑް ޔޫތު ކައުންސިލް (އީވައިސީ) ގެ ބައްދަލުވުމުގެ ޔައުމިއްޔާއާ ގުޅޭ ގޮތުން ދިފާއީ ހެކިވެރިން ދެއްކި ވާހަކަތަކާ ގުޅޭ ރައީސް އޮފީހުގެ ޔައުމިއްޔާގެ ސައްހަކަން ކަށަވަރު ކުރުމަށްޓަކައި މި މައްސަލާގައި ދައުލަތުން އަލަށް ހެކި ހުށަހަޅާފައިވެއެވެ. އެގޮތުން ރައީސް ޔާމީން ދެއްވި ނޯޓެއް ކަމަށް ބުނާ އެއްޗެއް ޝަރީއަތުން އެ ޔައުމިއްޔާގެ ނިންމުންތަކާ ގުޅިގެން ހުށަހަޅާފައިވެއެވެ.

ކުރީގެ ޔޫތު މިނިސްޓަރު އަހްމަދު ޒުހޫރާއި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އީވައިސީގެ ނިންމުންތަކާ ގުޅޭ ގޮތުން ހެކިބަސް ދެއްވަމުން ވިދާޅުވެފައިވަނީ އީވައިސީގެ ނިންމުމެއް ތަންފީޒުކުރަން ރައީސް ޔާމިން އެއްބަސްވެވަޑައިގަންނަވާނަމަ އެ ނިންމުމެއް އެންޑޯޒްކުރައްވައި ނޯޓުގައި ފާހަގައެއް ޖައްސަވާ ކަމަށެވެ. ރައީސް ޔާމިން އީވައިސީގެ ނިންމުންތައް އެއްޑޯޒްކުރައްވަނީ އެ ނިންމުމުގެ ކުރިމަތީގައި ފާހަގަޖައްސަވައިގެން ކަމަށް ރައީސް އޮފީހުގެ ކުރީގެ މިނިސްޓާރު މުޖުތާޒުވެސް ހެކިބަސް ދެއްވިއެވެ.

ރައީސް ޔާމީންގެ ވަކީލް އާދަމް ޝަމީމް ހެއްކާއި ބެހޭގޮތުން ވާހަކަދައްކަވަމުން އާދީއްތަ ދުވަހު ވިދާޅުވެފައިވަނީ, ޝަރީއަތަށް މި މައްސަލާގައި ފަހުން ހުށަހަޅުއްވާފައިވާ ނޯޓް ބަލައިގަތުމަށް އެއްބަސްނުވިނަމަވެސް ބަހުސްގެ ބޭނުމަށް އެ ނޯޓަށް ރިއާޔަތް ކުރެވިދާނެ ކަމުގައެވެ. އެހެންނަމަވެސް, އެ ނޯޓުން އެނގިފައިވަނީ ވ.އާރަށް ކުއްޔަށް ދިނުމަށް ރައީސް ޔާމީން އެއްބަސްވެވަޑައިގެން އެގޮތަށް އެކަން ކުރަން އަންގަވާފައި ނެތްކަން ކަމުގައި އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން ރައީސް ޔާމީންގެ ވަކީލް ފާހަގަކުރައްވާފައިވަނީ އީވައިސީން ނިންމި ތިން ނިންމުމުގެ ތެރެއިން ފުރަތަމަ ނިންމުމުގައި ރައީސް ޔާމީން ހެޔޮ ފާހަގައެއް ޖައްސަވާފައިވާ ކަަމަށެވެ.

ދިފާއީ ހެކިންގެ ހެކިބަހުން އެނގޭ ގޮތުގައި, އީވައިސީގެ ނިންމުންތައް ރައީސް ޔާމީން އެންޑޯސްކުރައްވާ ގޮތަކީ ކުރިއަށްގެންދަން ފެނިވަޑައިގަންނަވާ ކަންކަމުގެ ކައިރީގައި ނޯޓުގައި ހެޔޮ ފާހަގަޖެއްސެވުމެވެ. އެހެންކަމުން, ނޯޓުގެ އެއް ކަނުގެ ކައިރީ ހެޔޮ ފާހަގައެއް ޖައްސަވާފައި އޮތުމުން އެ ހެކިބަހަށް އިތުރަށް ބާރުލިބެއެވެ. އަދި ތިންވަނައަށް އޮތް އާރަށް ކުއްޔަށް ދިނުމާ ގުޅޭ ނުކުތާގައި އެއްވެސް ފާހަގައެއް އެމިނަކުފާނު ޖައްސަވާފައި ނެތްކަން ދިފާއުން ފާހަގަކުރައްވާފައިވެއެވެ.

އެހެން ކަމުން, ރައީސްޔާމިން ވ. އާރަށް ކުއްޔަށް ދިނުމަށް އެންޑޯސްނުކުރައްވާކަން އެ ނޯޓުންވެސް އެނގޭ ކަމާއި, ދައުލަތުން ރައީސް ޔާމިން އެންޑޯސްކުރެއްވިކަން ސާބިތުވާނެ އެއްވެސް ހެއްކެއް ހުށަހަޅާފައިނުވާކަމަށް ދިފާއީ ވަކީލުވަނީ ވިދާޅުވެފައެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button