ޚަބަރުސިޔާސީ

ޓީޖެޓީގެ މައްސަލައިގެ ހަގީގަތް މޭޔަރު ހާމަކޮށްދެއްވައިފި

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އަށް ދޫކޮށްފައިވާ މާލޭގެ ޓީޖެޓީ ސަރަހައްދުގެ އެއްބަސްވުމާގުޅޭގޮތުން ދެކެވެމުން އަންނަ ވާހަކަތަކުގެ ހަގީގަތް މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު އޮޅުންފިލުވައިދެއްވައިފިއެވެ.

”ބޮންތި“ އަށް ދިން އެކްސްކްލޫޒިވް އިންޓަވިއުއެއްގައި މޭޔަރު މުއިއްޒު ވިދާޅުވީ ޓީޖެޓީ އެމްޕީއެލް އާއި ހަވާލު ކުރީ ކުރީ ސަރުކާރުން ކަމުގައެވެ. ސިޓީ ކައުންސިލްގެ ޒިންމާތައް ސަރުކާރުގެ އެކި އިދާރާތަކަށް ބަދަލުވެގެން ދިޔައިރު، ހައުސިން މިނިސްޓްރީ އާއި ޓީޖެޓީ ހަވާލު ކުރުމުން އެ މިނިސްޓްރީ އިން އެ ސަރަހައްދު އެމްޕީއެލް އަށް އައުޓް ސޯސް ކުރީ ކަމަށް މުއިއްޒު ވިދާޅުވިއެވެ. އޭރުގެ ހައުސިން މިނިސްޓަރަކީ ވެސް މުއިއްޒު އެވެ. އެކަން އެގޮތަށް ހިނގުމުގެ ކުރިން ޓީޖެޓީއަކީ ސިޓީ ކައުންސިލްގެ ތަނެއްކަން އެބޭފުޅާ ފާހަގަކުރެއްވިއެވެ.

މުއިއްޒު ވިދާޅުވީ ސަރުކާރު ބަދަލުވުމާ ގުޅިގެން ކުރީ ސަރުކާރުގެ ނިންމުންތައް ބާތިލް ކުރުމަށްފަހު އިހު އޮތްގޮތަށް ލިޔެކިޔުމުން ކަންކަން އިއާދަކުރިއިރު، ޓީޖެޓީ އަކީ ސިޓީ ކައުންސިލްގެ ބެލެނިވެރިކަމުގެ ދަށުގައި އޮތް ތަނެއްގެ ގޮތުގައި ބަދަލުވެގެން ދިޔަ ކަމުގައެވެ.

”ރައީސް އޮފީހުން ސިޓީ ފޮނުއްވާފަ އެބައޮތް މިސަރުކާރު އައިސްފަ ފުރަތަމަ މަހުގެ ތެރޭގައި ހުރިހާ ޖެޓީތަކާ ބަނދަރުތަކާ ފާލަންތައް ކައުންސިލާ އަނބުރާ ހަވާލުކޮށްފަ. ހައުސިން މިނިސްޓްރީ އުވާލައިފި. އެކަމަކު ހައުސިންގެ ފަންކްޝަން އޮންނަ ޕްލޭނިން މިނިސްޓްރީ އިން ވެސް ހަމަ އެ ސިޓީއާ ހަވާލާދީފަ އެބައޮތް ސިޓީ ކައުންސިލަށް ސިޓީ ފޮނުވާފަ އެ ތަންތަނާ ކައުންސިލުން ހަވާލުވާން.“ މުއިއްޒު ވިދާޅުވިއެވެ.

ކުރިން ހަވާލު ކުރި ކުރުމުގެ އަސްލު އުވިގެން ދިޔަ ކަން ފާހަގަކުރައްވައި މުއިއްޒު ވިދާޅުވީ، ޓީޖެޓީގެ އެއްބަސްވުން ހެދީ 3 އަހަރުގެ މުއްދަތަކަށް ކަމުގައެވެ. އެކަަމަކު އެ މުއްދަތު ހަމަވެ، އެކަމުގެ އަސްލު ބަދަލުވެގެން ދިޔުމުން ޓީޖެޓީގެ އަސްލު ވެރިފަރާތަކަށް ވާނީ ސިޓީ ކައުންސިލްކަމަށް އެބޭފުޅާ ވިދާޅުވިއެވެ. އަދި ގާނޫނުގައި ބުނާ ހަމަތަކުގެ މަތިން ޓީޖެޓީއަކީ މާލެ ސިޓީި ކައުންސިލްގައި ރަޖިސްޓްރީ ކުރެވިފައިވާ ތަނެއް ކަން މުއިއްޒު ފާހަގަކުރެއްވިއެވެ.

”އެހެންވީމާ ސިޓީ ކައުންސިލްގެ އޯވން ބިމެއް، މާލޭގެ ރައްޔިތުންގެ ބިމެއް އެއީ. އެތަނުގެ ވެރިފަރާތުން، ރައިޓްފުލް އޯވނާ މި ދަންނަވަނީ އެތަން ހަވާލު ކުރާށޭ.“ މުއިއްޒު ވިދާޅުވިއެވެ.

ޓީޖެޓީ އަނބުރާ ހޯދުމުގެ އެންމެ ބޮޑު ބޭނުމެއްގެ ގޮތުގައި މުއިއްޒު ފާހަގަކުރެއްވީ އެތަނުން ލިބޭ އާމްދަނީ މާލޭގެ ރައްޔިތުންނަށް ހޯދައިދިނުމަށް ކަމުގައެވެ. ސިޓީ ކައުންސިލްގެ ކަންކަން ހިންގުމުގައި ބްލޮކް ގްރާންޓް އުސޫލުން ބަޖެޓު ދޭއިރު، އެ ބަޖެޓުގެ ބޮޑު އިންސައްތައެއް ދަނީ އިދާރީ ކަންކަން މެނޭޖު ކުރުމަށް ކަން ފާހަގަކުރައްވައި މުއިއްޒު ވިދާޅުވީ ކައުންސިލްގެ އާމްދަނީ އިތުރު ކުރުމަށް އެހެނިހެން މަސައްކަތްތަކެއް ކުރަން ޖެހޭ ކަމުގައެވެ.

”އެގަތަށް ބަލާއިރު، ޓީޖެޓީއަކީ ވަރަށް ޕްރޮފިޓެބުލް ތަނެއް. ވަރަށް ގިނަ ފައިސާ ލިބޭ ތަނެއް. ސަރުކާރު ހިއްސާވާ ކުންފުންޏަކަށް ދިނުމަށްވުރެ ބޮޑަށް އަޅުގަނޑުމެން ބޭނުންވާ އެ އާމްދަނީ މާލޭގެ ރައްޔިތުންނަށް ހޯދައިދޭން.“ މުއިއްޒު ވިދާޅުވިއެވެ.

ރައީސް އޮފީހުގެ ނުރަސްމީ ފޯނު ކޯލް

މޭޔަރު ހާމަކުރެއްވިގޮތުގައި ރައިސް އޮފީހުން ނުރަސްމީ ފޯނު ކޯލެއް ކުރުމަށްފަހު ޓީޖެޓީއިން ސިޓީ ކައުންސިލަށް އާމްދަނީ ލިބޭނެގޮތެއް ހޯދުމަށް މަޝްވަރާ ކުރަން އެދުނެވެ. އެކަމަކު ހަފްތާއެއް ވެގެންދިޔައިރުވެސް ހަބަރެއް ނުވާކަން އެބޭފުޅާ ފާހަގަކުރެއްވިއެވެ.

”އަޅުގަނޑު ދެންނެވިން (ރައިސް އޮފީހަށް) އެއްގޮތަކީ އެތަން ކުއްޔަށް ދިނުމޭ. ރެންޓް އައުޓް ކޮށްފާނަމޭ އެމްޕީއެލް އަށް އެތަން. އޭރުން ކުލި ލިބޭނެ ނޫންތޯ؟ އެބޭފުޅުން ހިންގަވަންވީ. އޭރުން ކޮންމެ މަހަކަށް ކަނޑައެޅޭ އަކަފޫޓަކުން ލިބޭ ފައިސާ ވާނެ ފުދޭވަރެއްގެ އެއްޗަކަށް.“ މުއިއްޒު ވިދާޅުވިއެވެ.

ދެވަނަ ގޮތަކީ ރެވެނިއު ޝެއާ މޮޑިއުލެއް ނުވަތަ ދެބައި މީހުންނަށްވެސް އާމްދަނީ ހިއްސާ ކުރެވޭ އުސޫލެއް ގާއިމް ކުރެވިދާނެ ކަމަށް ރައީސް އޮފީހަށް ދެންނެވިކަން މުއިއްޒު ފާހަގަކުރެއްވިއެވެ. ދެފަރާތުގެ މެދުގައި ހެދޭ އެއްބަސްވުމެއްގެ ދަށުން އިންސައްތަ ދެ ފަރާތަށް ކަނޑައެޅިދާނެކަމަށްވެސް މޭޔަރު ވިދާޅުވިއެވެ.

”ކޮންމެ ގޮތަކަށް ވިޔަސް ދޭތެރެ މެދު ސޮލިއުޝަނެއްވެސް ހޯދަން ރެޑީގަ އަޅުގަނޑުމެން މިތިބީ.“ މުއިއްޒު ވިދާޅުވިއެވެ.

މޭޔަރު ވިދާޅުވިގޮތުގައި އެމްޕީއެލް އާއި ސަރުކާރާއި ކުރެވުނު މަޝްވަރާތައް ލިޔެކިޔުންތަކުން ފެންނާން ހުންނާނެއެވެ.

ތަންފީޒީ އިދާރާއެއްގެ އެހީތެރިކަމާއެކު ޓީޖެޓީ ހޯދުމުގެ ވިސްނުންފުޅެއް ގެންގުޅެއްވާތޯ ”ބޮންތި“ އިން ސުވާލު ކުރުމުން މުއިއްޒު ވިދާޅުވީ، އެފަދަ އިދާރާތައް ފެންނަނީ ސަރުކާރުގެ ނުފޫޒު ވަދެފައި އޮންނަ ކަހަލަ ގޮތަކަށް ކަމުގައެވެ. ސަރުކާރުން ކޮންޓްރޯލް ކުރާ ގޮތަކަށް ނޫނީ ތަންފީޒީ އިދާރާތައް އޮޕަރޭޓް ވަމުން އަންނަ ތަން ނުފެންނަ ކަމަށް މޭޔަރު ވިދާޅުވިއެވެ.

”އަޅުގަނޑުމެން އަދި ދެންނެވިއަކަސް އެކަމެއް ނުހިނގަފާނެ. އެއަށްވުރެ ބޮޑަށް ބޭނުންވަނީ ލީގަލް ހައްލެއް ހޯދަން. އެހެން ނޫނީ މޭޒު ދޮށަށް ގޮސްގެން މަޝްވަރާގެ ތެރެއިން ހައްލެއް ހޯދުން.“ މުއިއްޒު ވިދާޅުވިއެވެ.

އެމްޕީއެލުން ބުނާގޮތުގައި ޓީޖެޓީގެ އެއްބަސްވުމުގައި ވަކި މުއްދަތެއް ނެތެވެ. އަދި ތަންފީޒީ އިދާރާއަކުން އަންގައިގެން ނޫނީ އެ ތަން ސިޓީ ކައުންސިލާ ހަވާލު ކުރާކަށް އެ ކުންފުނިން ބޭނުމެއް ނުވެއެވެ. އެކަމަކު އެމްޕީއެލުން ދައްކާ ވާހަކައިގެ އޮއްޓަރެއް ނެތްކަން މޭޔަރު މުއިއްޒު ވަނީ ފާހަގަކުރައްވާފައެވެ.

މިކަންކަމާ ގުޅޭގޮތުން އެމްޕީއެލްގެ ބަހަކީ ކޮބައިތޯ އާއި އެއްބަސްވުން ހާމަކުރަން ކެރިދާނެ ތޯ ސުވާލު ކުރުމަށް ”ބޮންތި“ އިން ވަނީ އެ ކުންފުނީގެ މީޑިއާ އޮފިސަރަށް ގުޅާފައެވެ. އެހެން ނަމަވެސް ފޯނަށް ޖަވާބު ނުދެއްވުމުގެ ސަބަބުން އެއްބަސްވުމާ ގުޅޭގޮތުން އިތުރު އެއްވެސް ތަފްސީލެއް ލިބޭގޮތް ވަނީ ނުވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button